އިންޑިއާ މިހުންނަކީ ވަރަށް ބޮޑާ ކިބުރުވެރި ބައެއް: ޓްރަމްޕްގެ އެޑްވައިޒަރ

އިންޑިއާ މިހުންނަކީ ވަރަށް ބޮޑާ ކިބުރުވެރި ބައެއްކަމަށް ޓްރަމްޕްގެ އެޑްވައިޒަރ ސިފަކޮށްފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރި އެޑްވައިޒަރު ޕީޓަރ ނަވަރޯ، އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވާއިރު، ނަވަރޯ ބުނީ ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލުމަށް އެމެރިކާއިން އެދިފައިވީ ނަމަވެސް، އިންޑިއާއިން އެކަމަށް އިޖާބަ ނުދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ނަވަރޯ ބުނި ގޮތުގައި، އިންޑިއާގެ މި އަމަލަކީ އެމެރިކާއިން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލުމަށް އެދިފައިވާ އެދުމަށް އިޖާބަ ނުދިނުމެވެ. މިކަމާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޑިއާގެ މުދަލަށް ނަގާ ޓެރިފް 50 އިންސައްތައަށް ބޮޑުކޮށްފައެވެ. މިއީ އިންޑިއާއިން އެމެރިކާއަށް އެކްސްޕޯޓް ކުރާ މުދަލުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މުދަލަށް އަސަރު ކުރާނެ ކަމެކެވެ.
“އިންޑިއާގެ މި ބޮޑާކަމަކީ ކަންބޮޑުވާ ކަމެއް. އެމީހުން ބުނަނީ: ‘އަހަރެމެންނަކީ މިނިވަން ބައެއް، އަހަރެމެން ބޭނުން މީހެއްގެ ކިބައިން ތެޔޮ ގަންނާނެ ކަަމަށް” ބްލޫމްބާގް ޓީވީއަށް ދިން އިންޓަވިއުއެއްގައި ނަވަރޯ ބުންޏެވެ.
ނަވަރޯ އިތުރަށް ބުނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ މޮޅު ލީޑަރެއް ކަމަށާއި، އިންޑިއާއަކީ ބުއްދިވެރި މީހުން ހިންގާ ޑިމޮކްރަސީއެއް ކަމަށެވެ. ނަމަވެސް، ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާނުލާނެ ކަމަށް އެމީހުން ބުނާ ކަމަށް ނަވަރޯ ފާހަގަކުރިއެވެ.
ނަވަރޯ ވަނީ ޔޫކްރެއިން ހަނގުރާމައަކީ “މޯދީގެ ހަނގުރާމަ” އެއް ކަމަށް ސިފަކޮށްފައެވެ. އަދި ހަނގުރާމަ ނިމުމަށް އިންޑިއާގެ ދައުރެއް އޮންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ. މިދިޔަ ހަފްތާގައި ނަވަރޯ ވަނީ އިންޑިއާއަކީ “ކްރެމްލިންގެ ލޯންޑްރޮމެޓް”އެއް ކަމަށް ވެސް ސިފަކޮށްފައެވެ.
ރަޝިޔާގެ ތެޔޮ ގަތުމާ ގުޅިގެން އިންޑިއާއަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން، އިންޑިއާގެ ބޭރުގެ ކަންތައްތަކާ ބެހޭ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވީ، އެއްވެސް ގައުމަކަށް އިންޑިއާއިން ތެޔޮ ގަންނަން މަޖުބޫރެއް ނުކުރާ ކަމަށެވެ. އަދި ޔޫރަޕާއި އެމެރިކާއިން ވެސް ތެޔޮ ގަންނަ ކަމަށާއި، ނުގަންނަން ބޭނުން ނަމަ ނުގަތުމުގެ އިޚްތިޔާރު ވެސް އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންޑިއާ އަކީ މިހާރު ވެސް ރަޝިޔާގެ ތެޔޮ އެންމެ ގިނައިން ގަންނަ ގައުމެވެ. އަދި އަންނަ މަހު ރަޝިޔާގެ ތެޔޮ އިތުރަށް ގަތުމަށް ނިއު ދިއްލީން ނިންމާފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެއެވެ.



