ބޭރުދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭހަކަށް އީރާނުން މިސައިލް ހަމަލާތަކެއް ދީފި

އީރާނުގެ ސުލްހަވެރި ނިއުކްލިއާ ތިން މަރުކަޒަކަށް އެމެރިކާއިން ހަމަލާދިނުމާ ގުޅިގެން، އޭގެ ބަދަލުހިފުމުގެ ގޮތުން ގަތަރުގައި ހުންނަ އެމެރިކާގެ މުހިންމު އަސްކަރީ ބޭހަކަށް އީރާނުން މިސައިލް ހަމަލާތަކެއް ދީފިއެވެ.

އިއްޔެ އެމެރިކާއިން އީރާނުގެ އުތުރާއި މެދުތެރޭގެ ސަރަޙައްދުތަކުގައި ހުރި ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނުމާ ގުޅިގެން، އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުން ރޭ ވަނީ ގަތަރުގައި ހުންނަ އަލް އުދައިދު އަސްކަރީ ބޭހަށް ބާރުގަދަ މިސައިލް ހަމަލާތަކެއް އަމާޒުކޮށްފައެވެ. އަލް އުދައިދު ބޭހަކީ ހުޅަނގު އޭޝިއާ ސަރަޙައްދުގައި އެމެރިކާގެ އެއާފޯސް ކޮމާންޑުގެ މައި މަރުކަޒުކަމުގައި ވުމުގެ އިތުރުން، އެގައުމުގެ އެންމެ އިސްތިރާޖީ އެއް މުދަލެވެ.

އީރާނުގެ އަސްކަރީ ފައުޖުތަކުން ދިން މި ހަމަލާ ސިފަކޮށްފައިވަނީ “ބާރުގަދަ އަދި އިބުރަތްތެރި” ހަމަލާއެއްގެ ގޮތުގައެވެ. އަދި މިއީ އީރާނުގެ ސަރަޙައްދީ އެއްބައިވަންތަކަމާއި، ސިޔާދަތާއި، ގައުމީ ސަލާމަތަށް އަންނަ އެއްވެސް ނުރައްކަލަކަށް ފަހަތަށް ނުޖެހި ރައްދު ދޭނެކަމުގެ “ސާފު އަދި ސީދާ” މެސެޖެއްކަމަށް ވައިޓް ހައުސްއާއި އެމެރިކާގެ ބައިވެރިންނަށް އަންގާ އެންގުމެއް ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

މި ހަމަލާތަކާ ގުޅިގެން އީރާނުގެ ދިފާޢީ ވަޒީރު، ބްރިގޭޑިއާ ޖެނެރަލް އަޒީޒް ނާސިރްޒާދެ ވަނީ ރަޝިޔާގެ ދިފާޢީ ވަޒީރު އަންދްރޭ ބެލޯސޯވްއާ ފޯނުން ގުޅައި ވާހަކަ ދައްކަވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ހަނގުރާމަވެރި ފަރާތްތަކާ އެކު ގަދަކަމުން ސުލްހަވުމަށް އީރާނުން ދުވަހަކުވެސް އެއްބަސްނުވާނެ ކަމަށާއި، އެމެރިކާގެ ޢަދާވާތްތެރި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި ސަރަޙައްދުގެ ހަމަނުޖެހުމުގެ އަސްލަކީ އެމެރިކާކަން ފާހަގަކުރައްވައި، އެމެރިކާގެ ބާރާ ކުރިމަތިލުމަށް އީރާނާއި ރަޝިޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަންޖެހޭ ކަމަށް ގޮވާލެއްވިއެވެ.

“މެދުއިރުމަތި ސަރަޙައްދާއި ދުނިޔޭގެ ސަލާމަތާއި ހަމަޖެހުމަށްޓަކައި އަޅުގަނޑުމެންނަށް އެކުގައި މަސައްކަތް ކުރެވިދާނެ،” ނާސިރްޒާދެ ވިދާޅުވިއެވެ.

މީގެ އިތުރުން، އިސްރާއީލަކީ ސަރަޙައްދުގެ ހަމަޖެހުން ނަގާލުމަށް އެމެރިކާއާއި އެގައުމުގެ ބައިވެރިން ބޭނުންކުރާ މުހިންމު ވަސީލަތެއް ކަމަށްވިދާޅުވެ، އެމެރިކާއިން އިސްރާއީލަށް ދޭ އެއްބާރުލުން އޭނާ ކުށްވެރިކުރެއްވިއެވެ.

ރަޝިޔާގެ ދިފާޢީ ވަޒީރު، އަންދްރޭ ބެލޯސޯވް ވަނީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ އަސްކަރީ ބޭނުންތަކަށް ހިންގާ ޕްރޮގްރާމެއްކަމަށް ބުނެ އެމެރިކާއިން ދައްކާ ވާހަކަތަކަކީ ދޮގެއްކަމަށް ވިދާޅުވެފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަގްވާމީ އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން އީރާނުގައި ހިންގާފައިވާ އެންމެ ފުޅާ ތަހުގީގުތަކުންވެސް އެމެރިކާގެ ތުހުމަތުތައް ސާބިތުވެފައި ނުވެއެވެ.

“އެމެރިކާއިން އެދައްކަނީ ހަމަލާ ދިނުމަށް އުފައްދާފައިވާ ބަހަނާއެއް. އެމީހުންގެ މަގުސަދަކީ އިސްލާމީ ޖުމްހޫރިއްޔާ ބަލިކަށިކޮށް، ސަރަޙައްދަށް ހަމަނުޖެހުން ފެތުރުން، ރަޝިޔާއިން ހުރިހާ ކަމެއް ގާތުން ބަލަމުންދާނެ އަދި އިސްލާމީ ޖުމްހޫރިއްޔާއަށް ތާއީދުކުރާނަން.” ބެލޯސޯވް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން، ރަޝިޔާގެ ނައިބު ޚާރިޖީ ވަޒީރު، ސަރްގޭ ރިޔާބްކޯވް ވަނީ އީރާނަށް އެގައުމުގެ ފުރިހަމަ ތާއީދު އޮތްކަން އަލުން ޔަގީންކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، އީރާނުގެ އިސް ކޮމާންޑަރުންނާއި، ނިއުކްލިއާ ސައިންސްވެރިންނާއި، އާންމުން އަވަހާރަކޮށްލުމަށް އެމެރިކާއާއި އިސްރާއީލުން ހިންގި ޖަރީމާތައް ރަޝިޔާއިން ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށެވެ.

އަޅުގަނޑުމެން އަންނަނީ އީރާނުގެ ބައިވެރިންނާ ގާތުން މަސައްކަތް ކުރަމުން. މި ޖަރީމާތައް ކުށްވެރިކޮށް، އދ. ގެ ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި،” ރިޔާބްކޯވް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close