އެމެރިކާގައި ކިޔަވަމުންދާ ޗައިނާގެ ދަރިވަރުންގެ ވިސާ ވަރަށް އަވަހަށް ބާތިލްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބުނެފިއެވެ.
ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ފިޔަވަޅުގެ ދަށުން “ޗައިނާ ކޮމިއުނިސްޓް ޕާޓީއާ ގުޅުން ހުރި ނުވަތަ މުހިންމު ދާއިރާތަކުން ކިޔަވަމުންދާ” ދަރިވަރުންގެ ވިސާތައް ހިމެނޭނެ ކަމަށެވެ. އަދި، ޗައިނާ އާއި ހޮންކޮންގުން މުސްތަގުބަލުގައި ވިސާއަށް އެދޭ ފަރާތްތަކުގެ ކަންކަން އިތުރަށް “އެންހޭންސް ސްކްރޫޓިނީ” ނުވަތަ ފުންކޮށް ބެލުމަށްޓަކައި ވިސާ ދިނުމުގެ މިންގަނޑުތަކަށް ބަދަލުގެންނާނެ ކަމަށްވެސް ރޫބިއޯ ވިދާޅުވިއެވެ.
ފަހަކަށް އައިސް ވޮޝިންޓަނާއި ބެއިޖިންގއާ ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މިއީ ޓްރަމްޕްގެ ޓެރިފްތަކާ ގުޅިގެން ބޮޑު ދެ ބާރުގެ ދެމެދުގައި ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުންނެވެ.
ހޯމަ ދުވަހު، އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓް، ރޫބިއޯ ވަނީ ސްޓޭޓް ޑިޕާޓްމަންޓުން ދަރިވަރުންގެ ވިސާއަށް އެދޭ ފަރާތްތަކުގެ ސޯޝަލް މީޑިއާ ފާސްކުރުމުގެ މަސައްކަތް ފުޅާކުރަމުންދާތީ، ދަރިވަރުންގެ ވިސާއަށް އެޕޮއިންޓްމަންޓް ހެއްދުން ހުއްޓާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އެމެރިކާގެ އެމްބަސީތަކަށް، އަންގަވާފައެވެ.
އަންދާޒާތައް ދައްކާ ގޮތުގައި، މިދިޔަ އަހަރު އެމެރިކާގައި ގާތްގަނޑަކަށް 280,000 ޗައިނާ ދަރިވަރުން ކިޔަވަމުން ދިޔައެވެ. ކުރިން އެމެރިކާގެ ޔުނިވަރސިޓީތަކުގައި ކިޔަވާ ބައިނަލްއަގްވާމީ ދަރިވަރުންގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރީ ޗައިނާގެ ރައްޔިތުން ކަމަށްވާއިރު، ފަހަކަށް އައިސް އެކަމަށް ވަނީ ބަދަލު އައިސްފައެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރުގެ ހުރަސްތަކާއި ދެ ގައުމުގެ ގުޅުން ގޯސްވުމުގެ ސަބަބުން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި، ފަހަކަށް އައިސް ޗައިނާ ދަރިވަރުންގެ އަދަދު ވަނީ ދަށްވެފައެވެ.
“ރައީސް ޓްރަމްޕްގެ ލީޑަރޝިޕްގެ ދަށުން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއާ ގުޅިގެން ޗައިނާ ދަރިވަރުންގެ ވިސާތައް ހަރުކަށިކޮށް ބާތިލްކުރާނެ،” ރޫބިއޯ ބުދަ ދުވަހު ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.
ޓްރަމްޕްގެ ސަރުކާރުން ވަނީ މީގެ ކުރިންވެސް ބައެއް ބިދޭސީ ދަރިވަރުން ޑީޕޯޓްކޮށް، އެތައް ހާސް ބައެއްގެ ވިސާ ބާތިލްކޮށްފައެވެ. މިފަދަ ގިނަ ފިޔަވަޅުތައް ކޯޓުތަކުން ވަނީ ހުއްޓުވާފައެވެ. އަދި ޔުނިވަރސިޓީތަކަށް ދޭންޖެހޭ ސަތޭކަ މިލިއަނުން ޑޮލަރުގެ ފަންޑިންގވެސް ވަނީ ހިފަހައްޓާފައެވެ. ރައީސް ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ހާވާޑް ފަދަ އެމެރިކާގެ އެންމެ މޮޅު ބައެއް މުއައްސަސާތައް މާ “ލިބަރަލް” ވެފައިވާއިރު، ކެމްޕަސްތަކުގައި އެންޓިސެމިޓިޒަމްއާ ދެކޮޅަށް މަސައްކަތް ކުރުމުގައި ވަނީ ފެއިލްވެފައެވެ.
އެމެރިކާގެ ގިނަ ޔުނިވަރސިޓީތަކުން އެތަންތަނުގެ ފަންޑިންގގެ ބޮޑު ބަޔަކަށް ބިދޭސީ ދަރިވަރުންނަށް ބަރޯސާވެއެވެ. އެއީ އެ ދަރިވަރުން ގިނަ ފަހަރަށް މަތީ ޓިއުޝަން ފީ ދައްކާތީއެވެ.
ވިސާއަށް ގެންނަން ރާވާފައިވާ ބަދަލުތަކާ ގުޅިގެން ބައިނަލްއަގްވާމީ ގިނަ ދަރިވަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ދަރިވަރުން ބީބީސީއަށް ބުނީ އެމެރިކާއަށް ކިޔަވަން އައުމަށް ނިންމި ނިންމުމާމެދު ހިތާމަކުރާ ކަމަށެވެ.
ޗައިނާ ދަރިވަރުންގެ ވިސާ ބާތިލްކުރުމަށް އެމެރިކާއިން ނިންމި ނިންމުމާ ގުޅިގެން ބެއިޖިންގުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ދުނިޔޭގެ ފެންވަރުގައި ދަރިވަރުންގެ ވިސާ އެޕޮއިންޓްމަންޓްތައް ކެންސަލްކުރުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމި ނިންމުމަށް ބުދަ ދުވަހު ޗައިނާއިން ވަނީ ރައްދު ދީފައެވެ. “ޗައިނާއިން އަންނަ ދަރިވަރުން ހިމެނޭ ގޮތަށް، ބައިނަލްއަގްވާމީ ދަރިވަރުންގެ ގާނޫނީ ހައްގުތަކާއި މަސްލަހަތުތައް ރައްކާތެރިކުރުމަށް އަޅުގަނޑުމެން އެމެރިކާއަށް ގޮވާލަން،” އޮފިޝަލަކު ވިދާޅުވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މިދިޔަ ހަފުތާގައި، ހާވާޑް ޔުނިވަރސިޓީން ބައިނަލްއަގްވާމީ ދަރިވަރުން އެންރޯލްކުރުމުގެ ގާބިލްކަން ނިގުޅައިގަތުމަށް ޓްރަމްޕްގެ ސަރުކާރުން ކުރި މަސައްކަތް ވަގުތީ ގޮތުން ކޯޓު ފަނޑިޔާރަކު ވަނީ ހުއްޓުވާފައެވެ. މި ހުކުމް އައީ އެމެރިކާގެ އެންމެ މަތީ ޔުނިވަރސިޓީން ސަރުކާރާ ދެކޮޅަށް ދައުވާކުރުމުންނެވެ. ވައިޓް ހައުސްއިން ވަނީ އެ މައްސަލަ ބައްލަވާ ފަނޑިޔާރަކީ “ލިބަރަލް އެޖެންޑާއެއް” ގެންގުޅުއްވާ ބޭފުޅެއް ކަމަށް ތުހުމަތުކޮށްފައެވެ.
ބުދަ ދުވަހު ހާވާޑުން ކޯޓަށް ހުށަހެޅި މައްސަލައެއްގައި ބުނެފައިވަނީ ބައިނަލްއަގްވާމީ ދަރިވަރުންނަށް ހޯސްޓްކުރުމުގެ ސެޓިފިކޭޝަން ބާތިލްކޮށްފިނަމަ، ޔުނިވަރސިޓީއަށް ފޫބެއްދެން ނުކުޅަދާނަވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށެވެ. ހާވާޑް އިންޓަނޭޝަނަލް އޮފީހުގެ ޑިރެކްޓަރު މޮރީން މާޓިން ވިދާޅުވީ މި ފިޔަވަޅުގެ ސަބަބުން ދަރިވަރުންނާއި ސްކޯލަރުންނަށް “ވަރަށް ބޮޑު ނަފްސާނީ ހިތްދަތިކަމެއް” ލިބެމުންދާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...