ކުޑަކުދިންތަކެއްގެ ބަރަހަނާ ވީޑިއޯ އުފެއްދުމުގެ ކުށުގައި އެކުއަޑޯގެ މީހަކަށް އެމެރިކާގައި 30 އަހަރުގެޖަލުހުކުމެއް އިއްވައިފިއެވެ.
މެދު ޕެންސިލްވޭނިއާގެ ޔުނައިޓެޑް ސްޓޭޓްސް އެޓަރނީ އޮފީހުން ހާމަކުރި ގޮތުގައި، 2025 ވަނަ އަހަރުގެ އޭޕްރިލް 23 ވަނަ ދުވަހު، މައިއާމީގައި ދިރިއުޅެމުން އައި އެކުއަޑޯގެ 35 އަހަރުގެ މީހަކަށް ކުޑަކުދިންގެ ބަރަހަނާ ވީޑިއޯ އުފެއްދުމުގެ ދެ ކުށަކަށް 30 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވައިފައެވެ.
އެކްޓިންގ ޔުނައިޓެޑް ސްޓޭޓްސް އެޓަރނީ ޖޯން ސީ. ގުރގާނަސް ވިދާޅުވި ގޮތުގައި، އަލްވާރޯ އަންދްރޭސް ވަލަރޭޒޯ ސަންޑޮވަލް ނަމަކަށް ކިޔާ އެމީހާ ވަނީ 2013 އާއި 2019 އާ ދެމެދު މެދު ޕެންސިލްވޭނިއާގެ 6 ކުޑަކުއްޖަކު މަކަރާއި ހީލަތުން އޮޅުވާލައި، އަދި ބިރުދައްކައިގެން އެކުދިންގެ ނާޖާއިޒު ފައިދާ ނަގައި، އެކުދިންގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ހަދައި، އޭނާއަށް ފޮނުވުމަށް މަޖުބޫރުކޮށްފައެވެ.
މި ކުށުގެ ޢަމަލުތަކުގައި، ސަންޑޮވަލް ވަނީ ފުރަތަމަ ކުދިންނާ ގާތްގުޅުމެއް އުފައްދައި، އެއަށްފަހު އެކުދިން ގްރޫމްކޮށް، އެކުދިންގެ ޖިންސީ ގުނަވަންތަކުގެ ފޮޓޯތަކާއި ވީޑިއޯތައް އޭނާއަށް ފޮނުވުމަށް ބާރުއަޅާފައެވެ.
މި މައްސަލައިގައި މެދު ޕެންސިލްވޭނިއާގެ މަދުވެގެން 6 ކުއްޖަކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެހެން 30 ކުއްޖަކު ހިމެނެއެވެ. ޝިކާރައަކަށްވެފައިވާ ކުދިންގެ ތެރެއިން އެއް ކުއްޖަކު ވަނީ ކޯޓުގައި ބަޔާނެއް ދީ، މި ކުށުގެ ސަބަބުން އެކުއްޖާއާއި އެކުއްޖާގެ އާއިލާއަށް ކުރިމަތިވި ނޭދެވޭ އަސަރުތަކުގެ ވާހަކަ ކިޔައިދީފައެވެ.
މި މައްސަލަ ތަޙުޤީޤުކޮށްފައިވަނީ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އާއި ޕެންސިލްވޭނިއާ ސްޓޭޓް ޕޮލިސްއިންނެވެ. އަދި މައްސަލަ ޕްރޮސިކިއުޓްކޮށްފައިވަނީ އެސިސްޓަންޓް ޔުނައިޓެޑް ސްޓޭޓްސް އެޓަރނީ މައިކަލް ސްކަލޭރާއެވެ.
މި މައްސަލައަކީ “ޕްރޮޖެކްޓް ސޭފް ޗައިލްޑްހުޑް” ގެ ދަށުން އެމެރިކާގައި ހުށަހެޅުނު މައްސަލައެކެވެ. މިއީ ކުޑަކުދިންގެ ޖިންސީ އަނިޔާއާއި ނާޖާއިޒު ފައިދާ ނެގުމުގެ އިތުރުވަމުންދާ މައްސަލަތަކާ ކުރިމަތިލުމަށްޓަކައި 2006 ވަނަ އަހަރުގެ މޭ މަހު އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ފެށި ޤައުމީ މުޅި އެމެރިކާ އަމާޒުކޮށްގެން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން، ޔުނައިޓެޑް ސްޓޭޓްސް އެޓަރނީސް އޮފީސްތަކާއި ކްރިމިނަލް ޑިވިޜަންގެ ޗައިލްޑް އެކްސްޕްލޮއިޓޭޝަން އެންޑް އޮބްސެނިޓީ ސެކްޝަންގެ އިސްނެގުމުގައި، ފެޑެރަލް، ސްޓޭޓް އަދި ލޯކަލް ވަސީލަތްތައް ބޭނުންކޮށްގެން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތައް ހޯދައި، ހައްޔަރުކޮށް، ޝަރީޢަތަށް ހުށަހަޅައި، އަދި މިފަދަ ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިން ދެނެގަނެ އެކުދިން ސަލާމަތްކުރުމުގެ މަސައްކަތް ކުރެވެއެވެ.
ޕްރޮޖެކްޓް ސޭފް ޗައިލްޑްހުޑްގެ އިތުރު މަޢުލޫމާތު www.usdoj.gov/psc އިން ލިބިވަޑައިގަންނަވާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...