ޚަބަރު އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ރައީސް ޔާމީންގެ އާރަށު މައްސަލައިގެ ޝަރީއަތް އަލުން ފަށައިފި

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ރައީސް ޔާމީންގެ އާރަށު މައްސަލައިގެ ޝަރީއަތް އަލުން ފަށައިފި

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ރައީސް ޔާމީންގެ އާރަށު މައްސަލައިގެ ޝަރީއަތް އަލުން ފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް، ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ކްރިމިނަލް ކޯޓުގައި މިއަދު އަލުން ކުރިއަށް ގެންދަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާލިބޭ މި މައްސަލައިގައި މިއަދު ބާއްވާފައިވަނީ ޝަރީއަތުގެ ކުރިން ދެފަރާތުން ހުށަހަޅާ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމުގެ އަޑުއެހުމެކެވެ. މީޑިއާތަކަށް އޮންލައިންކޮށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ މި ޝަރީއަތަކީ، އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަހުވީލުކުރި ފަހުން ބޭއްވޭ މުހިންމު އަޑުއެހުމެކެވެ.

މި މައްސަލައިގެ ޝަރީއަތް ދަށު ކޯޓުގައި މަޑުޖެހިފައި އޮތީ، ޝަރީއަތުގެ މެދުތެރެއިން ދައުލަތުން ހުށަހެޅި އައު ހެކިތަކެއް ބަލައިނުގަތުމަށް ހައި ކޯޓުން ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެންނެވެ. ނަމަވެސް، މިދިޔަ ޖުލައި މަހު ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ނިންމުމަށް ތާއީދުކޮށް، ދައުލަތުގެ އެ އައު ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ހުކުމް ކޮށްފައެވެ. އެ ހެކިތަކުގެ ތެރޭގައި ހިމެނެނީ ރައީސް ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހެކިބަސް ދެއްވި އަހުމަދު ނަރީޝްގެ ސިފައިންގެ ހާޒިރީ ރެކޯޑުތަކާއި، އޭރުގެ އިކޮނޮމިކް ޔޫތު ކައުންސިލްގެ ޔައުމިއްޔާތަކެވެ.

ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރަނީ، ވ. އާރަށް ޔޫސުފް ނައީމް މެދުވެރިކޮށް ކުއްޔަށް ދިނުމުގެ މުގާބިލުގައި، ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަންގަވައި، އެ ފައިސާ އެމަނިކުފާނުގެ އަމިއްލަފުޅު ބޭންކު އެކައުންޓަށް ޖަމާކޮށް ލޯންޑަކުރެއްވި ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އާރަށުގެ މައްސަލައިގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ މުއާމަލާތުގެ ޝަރީއަތް ވެސް ކޯޓު މަރުހަލާގައި މިހާރު ދަނީ ހިނގަމުންނެވެ.

ޓެގް

ރައީސް ޔާމީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.