ޚަބަރު

މަސްތުވާތަކެއްޗަކީ އެހެން ހުރިހާ ފާފައަކަށް އަރައިގަތުމުގެ އަސްލު – ހުކުރު ޚުޠުބާ

މަސްތުވާތަކެއްޗަކީ އެހެން ހުރިހާ ފާފައަކަށް އަރައިގަތުމުގެ އަސްލުކަމަށް މިއަދު ރާއްޖޭގެ މިސްކިތަކުގައި ދެވުނު ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ކޮންމެ ހަފުތާއަކުވެސް ހުކުރު ދުވަހުގެ ހުކުރު ޚުޠުބާއަށް ވަކި މަޢުޟޫއެއް ކަނޑައަޅާފައިވާއިރު މިއަދުގެ ޚުޠުބާގެ މަޢުޟޫއަކީ “މަސްތުވާ ތަކެތީގެ ނުރައްކާ” އެވެ.

މިއަދުގެ ޚުޠުބާގައި މަސްތުވާ ތަކެއްޗަކީ ހަމަ ބުއްދިއާއި ހެޔޮ ވިސްނުމުން އިންސާނާ އެއްކިބާކޮށްލާ އެއްޗެއްކަން ފާހަގަކުރައްވައި ޚުތުބާގައި ވިދާޅުވެފައިވަނީ، މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ވަބާއަކީ މަސްތުވާތަކެތީގެ ވަބާކަން ރައްޔިތުންނަށް ހަނދާންކޮށްދެއްވާ ކަމަށެވެ.

މަސްތުވާތަކެއްޗަކީ އެހެން ހުރިހާ ފާފައަކަށް އަރައިގަތުމުގެ އަސްލުކަން ބަޔާންކުރައްވައި ޚުޠުބާގައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ.

“މަސްތުވާތަކެތި ބޭނުންކުރާ ބައެއް މީހުންނަކީ ވަޒީފާ އަދާކުރެވޭ ވަރުގެ ބައެއް ނޫނެވެ. އެމީހުންނަށް ވަޒީފާ ދިނުމަށްވެސް މީހުން ފަސްޖެހެއެވެ. އަދި އެއިން މީހަކަށް މަސައްކަތެއްކޮށްގެން ލިބޭ އެއްޗެއްވެސް ހޭދަކުރަން މިޖެހެނީ، ތިބާއާއި ތިބާގެ އަނބިމީހާއާއި ދަރިންގެ ލާބައާއި މަންފާގެ ބަދަލުގައި އަމިއްލަ ހަށިގަނޑުގެ ހަލާކަށެވެ. އެހެންކަމުން މަސްތުވާތަކެތީގެ އަވާގައި ޖެހުމަށްވުރެ ވަކިން ބޮޑު ނުރައްކަލެއް އޮންނާނެހެއްޔެވެ؟” ޚުތުބާގައި ވިދާޅުވިއެވެ.

މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރަން ފެށުމުން ހަށިގަނޑުގައިވާ އެންމެ ހިމަ ނާރުތަކަށް އޭގެ ވިހަ އަސަރުކުރާކަމާއި ފަހުން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލި ނަމަވެސް، އީމާންކަން ބަލިކަށި މީހުން އަލުން އޭގެ ނުރައްކަލަށް ހުށަހެޅޭކަން ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

ހަމަ އެއާއި އެކު  މަސްތުވާތަކެއްޗަކީ މުޅި އިންސާނިއްޔަތަށް ހުރި ނުރައްކަލެއްކަމާއި މިރާއްޖޭގެ ގިނަ ޢަދަދެއްގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވުމަކީ އިންތިހާދަރަޖައަށް ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ޚުޠުބަގައި ވިދާޅުވެފައިވެއެވެ. މަސްތުވާތަކެތީގެ ނުރައްކަލުގެ ތެރެއަށް ވެއްޓުމަކީ އޭގެސަބަބުން އަމިއްލަ އަތުން އަމިއްލަ ހަށިގަނޑު ހަލާކުގެތެރެއަށް ވައްޓާލުންކަން ބަޔާންކުރައްވާފައިވެއެވެ. އަދި ތަކުރާރުކޮށް މިމަންޒަރު ރާއްޖޭގެ މުޖުތަމައުން ފެންނަކަމީ ހިތާމަހުރިކަމެއްކަމުގައި ވިދާޅުވެފައިވެއެވެ.

މިއަދުގެ ޚުޠުބާ މަސްތުވާ ތަކެތީގެ ނުރައްކަލުގެ މައްޗަސް ޚާއްޞަ ކުރިއިރު މަސްތުވާ ތަކެތީގެ މައްސަލައަކީ މިއަދު ދިވެހި ޤައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close