ޤުރުއާން އެންދި މައްސަލާގައި އިރާގު ރައްޔިތުން ރުޅިގަދަވެ، ސްވިޑަން އެމްބަސީއަށް ވަދެ އެތަނަށް ގެއްލުން ދީފި

ބަޣުދާދު (ޖޫން 30) – ސްވިޑެންގައި ޤުރުއާން އެންދި މައްސަލައިގައި، އިރާގުގެ ނުފޫޒުގަދަ ޝީއީ ދީނީ އިލްމުވެރިޔާ އަދި ސިޔާސީ ލީޑަރު މުކްތާދާ ސަދްރުއަށް ވަފާތެރި އެތައް ސަތޭކަ ބަޔަކު ބުރާސްފަތި ދުވަހު ބަޣުދާދުގައި ހުންނަ ސްވިޑެންގެ އެމްބަސީއަށް ވަދެ ހަމަނުޖެހުން ހިންގައިފި އެވެ.
އިރާގުގެ ސަލާމަތީ ބާރުތަކުން އެ ހަމަނުޖެހުން ހުއްޓުވަން މާބޮޑު މަސައްކަތްތަކެއް ނުކުރިނަމަވެސް ސްވިޑެންގެ އެމްބަސީ މިހާރު ހުސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމްބަސީ ކައިރިއަށް އެއްވި މީހުން ވަނީ އެލްޖީބީޓީކިއު+ ފަޚުރުގެ ރަމްޒެއް ކަމަށްވާ ރެއިންބޯ ދިދަތަކެއްގައި ރޯކޮށް އަންދާލައިފަ އެވެ.
އިރާގުގެ މުސްލިމުން ސްވިޑެންގެ އެމްބަސީއަށް ވަނުމާ ގުޅިގެން އިރާގުގެ އޮފިޝަލުން އާންމުކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އިރާގުގެ ރެފިއުޖީއެއްގެ ގޮތުގައި ސްވިޑެންގެ މީޑިއާގައި ސިފަކުރި މީހަކު މިދިޔަ ބުދަ ދުވަހު ވަނީ ސްޓޮކްހޯމްގެ މެދުތެރޭގެ މިސްކިތެއްގެ ބޭރުގައި މުސްޙަފެއް އަންދާލައިފަ އެވެ.
އިރާގުގެ ސެކިއުރިޓީ އޮފިޝަލަކު މީޑިއާއަށް ވިދާޅުވީ ޤުރުއާން އެންދި މީހާއަކީ މީގެ ކުރިން ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސްގެ ކްރިސްޓިއަން ޔުނިޓެއްގައި ހަނގުރާމަކޮށްފައިވާ އިރާގުގެ ކްރިސްޓިއަން މީހެއް ކަމަށާއި އެއީ 2016 ވަނަ އަހަރު އެ ގައުމުގެ އަސްކަރިއްޔާގައި ހިމެނުނު ޝީއީ ހަނގުރާމަވެރިންގެ ޖަމާއަތެއްގެ މެމްބަރެއް ކަމަށެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް ކަމަށް ބުނެ ފުލުހުން މި މުޒާހަރާއަށް ހުއްދަ ދިނީ މީގެ ކުރިން ވެސް އެފަދަ މުޒާހަރާއެއް މަނާކުރަން ސްވިޑެންގެ ކޯޓަކުން ނިންމި ނިންމުން ބާތިލް ކުރުމުންނެވެ.
އަޟްހާ އީދު ޗުއްޓީގައި ހިންގި މި އަމަލު މުސްލިމް ދުނިޔޭގައި ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ މި ހާދިސާގެ ސަބަބުން ނޭޓޯގެ މެމްބަރުކަމަށް ސްވިޑަން އިން ކުރާ މަސައްކަތަށް އިތުރު ހުރަހެއް ކުރިމަތިވާނެ ކަމަށް ވިދާޅުވެފައެވެ.
ސަދްރު ވަނީ ބުރާސްފަތި ދުވަހު އޭނާގެ ޓްވިޓާ ފޮލޯވަރުންނަށް މެސެޖެއް ކުރައްވައި ސްވިޑަން އެމްބަސީގައި އިހުތިޖާޖު ކުރުމަށް ގޮވާލާފައެވެ. އަދި އިރާގަށް ކަނޑައަޅާފައި ހުންނަވާ ސްވިޑެންގެ ސަފީރު މަގާމުން ދުރުކުރުމަށާއި ގުރުއާން އަންދާލި މީހާގެ މައްޗަށް ޣައިރު ހާޒިރުގައި ދައުވާކޮށް އޭނާގެ ރަށްވެހިކަން އަނބުރާ ގެންދިއުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން ހުކުރު ދުވަހުވެސް އެމްބަސީ ކުރިމަތީގައި އަނެއްކާވެސް އިހުތިޖާޖެއް ކުރުމަށް ދީނީ އިލްމުވެރިޔާ ވަނީ ގޮވާލައްވާފައެވެ.
އިރާގުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްވިޑެންގެ ސަފީރު ހާޒިރުކޮށް، ކީރިތި ޤުރުއާނަށް ތަކުރާރުކޮށް ފުރައްސާރަކުރުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސްވިޑެންގެ ސަރުކާރަށް ގޮވާލާފައި ވާނެ ކަމަށެވެ. އަދި އިރާގުގައި ދައުވާ ކުރުމަށް ގުރުއާން އަންދާލި މީހާ އަނބުރާ ގައުމަށް ފޮނުވާލުމަށް ވެސް އެ މިނިސްޓްރީން ވަނީ ސްވިޑެންއަށް ގޮވާލައިފަ އެވެ.
“ގާނޫނީ އިމުގެ ތެރެއިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ދީނީ ހައްގުތަކަށް އަރައިގަތުމުގެ ފުރުޞަތު ދިނުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން” ބަޔާނުގައިވެ އެވެ.
އިރާޤު ސަރުކާރުގެ އިތުރުން ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ އިތުރުން ޣައިރު މުސްލިމު ބޮޑެތި ސަރުކާރުތަކުންވެސް އެކަން ވަނީ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ. އެގޮތުން އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ ޤުރުއާން އަންދާލުމާ ދެކޮޅުކަން ހާމަކޮށްފައެވެ.
ތަރުޖަމާނު ވެދާންތު ޕަޓޭލް ވިދާޅުވީ ދީނީ ލިޔުންތައް އަންދާލުމަކީ އިންތިހާއަށް ހިތާމަކުރާ ކަމެއް ކަމަށާއި ގާނޫނީ ގޮތުން ލިބިދޭ ބާރެއްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުން ބަލައި ނުގަނެވޭނެ ކަމަށެވެ.

