މަނަދޫމަރު: ނައީމާގެ ހަށިގަނޑު މިއަދު އެރަށުގައި ވަޅުލާނެ
ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ ހަށިގަނޑު ، ކަށުކަމާ ކެމީގެ ކަންކަން މިއަދު ކުރިއަށް ގެންގޮސް އެރަށުގައި ވަޅުލާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ނައީމާގެ މަރުގައި ސުވާލު އުފެދޭ ކަންކަން ހުރުމާއެކު ފުލުހުންގެ ފޮރެންސިކް ޓީމެއް ގެންގޮސްއުޅޭ އިރު، ކުރިން ބެލެވިފައި އޮތީ އިތުރު ތަހުލީލުތަކަށް ހަށިގަނޑު މާލެއަށް ފޮނުވާނެ ކަމަށެވެ.
ނަމަވެސް، ހެނދުނުން ފެށިގެން މަނަދޫ ހިނަވާގޭގައި އޮތް ހަށިގަނޑު މިހާރު އެ ރަށުގައި ވަޅުލާ ގޮތަށް ހަމަޖެހިފައިވާ ކަން ކައުންސިލްގެ ރައީސް އަބްދުލްރަހުމާން ސަބީހު ބައެއް މީޑިއާތަކަށް މިއަދު ޔަގީންކޮށްދެއްވި އެވެ.
“ނައީމައްތަގެ ދޮށީ ފިރިހެން ދަރިފުޅަށް އަދި ނާދެވޭ ރަށަކަށް، އަސުރު ވަގުތަށް އާދެވޭނެ ކަމަށް ބެލެވޭތީ، އަސުރުގެ ފަހުން ވަޅުލައި ކަށުކަމާ ކެމީގެ ކަންކަން ގެންދާ ގޮތަށް މިހާރު އޮތީ،” ސަބީހު ވިދާޅުވި އެވެ.
ނައީމާގެ މަރާއި ގުޅިގެން ހިންގާ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ޓީމެއް މަނަދޫގައި ހަރަކާތްތެރިވަމުން އެބަ ދެ އެވެ. އެ ޓީމު އެ ރަށަށް އައިސްފައިވަނީ ރޭ ދަންވަރު 2:00 ޖަހާކަށް ހާއިރެވެ.
ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައި ގޮތުގައި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފަ އެވެ. މީގެ ކުރިން ހަމަލާ ދީފައިވާނަމަ އިތުރު ތަހުލީލުތަކަށާއި ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ރާއްޖޭން ބޭރަށް ފޮނުވަ އެވެ.
ފުލުހުން މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތެއް ދީފައިނުވާތީ، ޕޯސްޓްމޯޓަމް ނުހަދައި ރަށުގައި ވަޅުލާ ގޮތަށް ހަމަޖެހިގެން ދިޔަ ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ނައީމާގެ އެއްވެސް ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާއިން އެކަން ފުލުހުންނަށް އެންގުމުން އެގެއަށް ފުލުހުން ގޮސް ދޮރު ވައްޓާލައިގެން ވަތް އިރު އޭނާ އޮތީ ކޮޓަރިތެރޭ ބިންމަތީގައި މަރުވެފައި ކަމަށް ވެއެވެ.
އޭނާގެ މަރުގައި އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން، ފުލުހުންނަށް ނާންގާ އެއްވެސް އުޅަނދެއް މަނަދޫއިން ބޭރަށް ނުދިއުމަށް އެރަށު ކައުންސިލުން ވަނީ އާންމުކޮށް އަންގާފަ އެވެ. ހަމައެއާއެކު ރަށަށް ދާ މީހުން ވެސް ފުލުހުންނަށް އަންގާފައި ދިއުމަށް ވެސް ކައުންސިލުން އަންގާފައި ވެއެވެ.
އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އިތުރަށް ބަލަމުންދާއިރު، މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު ކޮޓަރީގެ ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ.

