ޚަބަރު

ޑްރަގް އެތެރެކުރަން އުޅުނު މީހަކު 30 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި


ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު ސްވިޒަލެންޑް ރައްޔިތަކު 30 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ބަންދު ކޮށްފައިވަނީ ސްވިޒަލެންޑުގެ ރައްޔިތެއްކަމަށްވާ އުމުރުން 59 އަހަރުގެ ޕީޓަރ ތޯމަސް ޑަސްއެވެ. އޭނާ 23 ފެބްރުއަރީން ފެށިގެން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޯޓުން މައުލޫމާތު ދޭ ގޮތުގައި އޭނާ ރާއްޖެ އައިއިރު ގެނައި ލަގެޖުގައި “ފޯލްސް ބޮޓޮމްއެއް” ވާ ކަމަށް ބެލެވިގެން އޭނާގެ ލަގޭޖު ވަނީ އިތުރަށް ބަލައި ސްކޭން ކޮށްފައެވެ.

ފޯލްސް ބޮޓޮމްއަކީ އާންމުކޮށް ނުފެންނާނެހެން ލަގެޖުގެ ފުލުގައި ހިމަނާފައިވާ އިތުރު ބައިތަކެވެ. އެގޮތުން ބެލިއިރު އޭނާގެ ލަގެޖުން ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިން ފެނިފައެވެ.

އޭނާގެ އެއްބާރުލުމާއެކު ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. އެ އޮޕަރޭޝަންގެ ދަށުން، މަސްތުވާތަކެއްޗާ ޙަވާލުވާން އައި މީހުންވެސް ވަނީ ހޯދިފައެވެ. އެގޮތުން 2 މީހަކު އެތަކެއްޗާ ޙަވާލުވާން އައިކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އޭނާ ބަންދުގައި ބަހައްޓާފައިވަނީ ޤާނޫނު ނަންބަރު 12/2016 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުންނެވެ. އެއީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާފައެވެ.

ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ މުޙައްމަދު މިސްބާޙުއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close