ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް ދިނުން ހުއްޓުވަން ކޯޓަށް ހުށަހަޅައިފި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރުން ހުއްޓުވައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ. މި މައްސަލަ ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ފުލުހުންގެ ބޯޑުގައި އިންނަވާ ހާމިދު އަބްދުލްޣަފޫރެވެ. ހާމިދަކީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެކެވެ.
އަދި ވަކިކުރި އެމްޑީޕީގެ 39،000 މެންބަރުން ވަކިކުރީ ފިޔަވަޅު އެޅުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ހާމިދުގެ ދައުވާގައި ބުނެފައިވެ އެވެ. އަދި ވަކިކުރި މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ގެއްލޭ ގޮތަށް ބޭއްވި އިންތިހާބަކީ ބާތިލް އިންތިހާބެއް ކަމަށް ކަނޑައަޅައި އަލުން އިންތިހާބު ބާއްވައި ދިނުމުގެ އަމުރަކަށް ވެސް އެ ދައުވާގައި އެދިފައިވެ އެވެ.
ހާމިދުގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރައްވާނީ ނަޝީދުގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވި ދަޔާނާ ސައީދެވެ. ހާމިދުގެ ފަރާތުން ވަނީ އެ މައްސަލާގައި ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ލިބުން މަނާކުރުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ.
އެމްޑީޕީން ރިޔާސީ ޓިކެޓް ރައީސް ސޯލިހާ ހަވާލުކުރާނީ އަންނަ ހުކުރު ދުވަހު އެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ އިންތިހާބު ރައީސް ސޯލިހް ކާމިޔާބު ކުރެއްވީ 61 ޕަސެންޓް ވޯޓާއެކު އެވެ. އެ މަނިކުފާނާ ވާދަކުރެއްވި ނަޝީދަށް އިންތިހާބުގައި ލިބިވަޑައިގަތީ 39 ޕަސެންޓް ވޯޓެވެ. އިންތިހާބުން ބަލިވެވަޑައިގަތުމަށް ފަހު ނަޝީދު ވިދާޅުވީ އެއީ ސައްހަ އިންތިހާބެއް ނޫން ކަމަށާއި ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
މި މައްސަލައަކީ އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ސައްހަކަމާއި އެމްޑީޕީގެ 39،000 މެންބަރުން ވަކިކުރުމުގައި އަމަލުކުރި އިޖުރާއަތްތަކާ މެދު ސުވާލު އުފެދޭ މައްސަލައެކެވެ.


