ލޯބިވެރިޔާ މަރާލުމަށްފަހު ގުނަވަންތައް ވަކިކޮށް ފްރިޖްކުރި
ދިއްލީ — މިދިޔަ އަންގާރަ ދުވަހު ދިއްލީ ފުލުހުން ވަނީ މިޓްރައޯން އަވަށަށް ނިސްބަތްވާ ސާހިލް ގެހްލޮޓް ނަމަކަށް ކިޔާ 22 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައެވެ. ސާހިލް ހައްޔާރުކުރީ އޭނާގެ ލޯބިވެރިޔާ ނިކީ ޔާދަވް މަރާލި ކަމުގެ ތުހުމަތުގަ އެވެ. ދަބާ ( ކާއެއްޗެހި ވިއްކުމުގެ ޚިދުމަތްދޭ ތަނެއް) އެއް ހިންގާ ސާހިލް ނިކީ މަރާލީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އޭނާގެ ކާރުގައި ހުރި ޑޭޓާ ކޭބަލަކުން ކަރުގައި އޮޅައި، ނޭވާހާސްކޮށްލައިގެން ކަމަށް ފުލުހުންގެ ރިޕޯޓްތަކުން އެނގެއެވެ. މަރާލުމަށްފަހު ހަށިގަނޑުގެ ގުވަންތައް ވަކިކޮށް އޭނާގެ ދަބާގައި ހުރި ފްރިޖުގައި ފޮރުވައިފައި ބަހައްޓާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފުލުހުން ބުނީ 2018 ވަނަ އަހަރު ބައްދަލުވި އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށެވެ. ގްރޭޓާ ނޮއިޑާގައި ކުއްޔަށް ހިފައިގެން އުޅޭ ގެއެއްގައި އެކުގައި ދިރިއުޅެން ފެށި އިރު، ކޮވިޑް-19 ގެ ލޮކްޑައުންގައި އެ މީހުން އެނބުރި ގެއަށް ދިޔަ އެވެ. ލޮކްޑައުން ނިމުމާއެކު އަނެއްކާވެސް ދެމީހުން އެކުގައި އުޅެން ފެށީ ދުއާކާ ސަރަހައްދުގަ އެވެ.
ނަމަވެސް ނިކީއާއި އޭނާގެ ގުޅުމުގެ ވާހަކަ ސާހިލް އޭނާގެ އާއިލާގެ މީހުންނަށް އަންގާފައި ނުވާތީ އެހެން އަންހެނަކާ ކައިވެނި ކުރަން ސާހިލްގެ އާއިލާއިން ޕްރެޝަރު ކުރަމުން ދިޔައެވެ. ހުށަހެޅުނު ކައިވެނީގެ ވާހަކަ ނިކީއަށް އެނގުމުން ސާހިލްއާ ކުރިމަތިލުމުން ދެމީހުންގެ ދެމެދުގައި ދެބަސްވުމެއް އުފެދި އޭނާ މަރާލިއެވެ.
މި މައްސަލައަކީ މަޝްހޫރު ޝްރައްދާ ވޯކާގެ މަރުގެ މައްސަލައާ އެއްގޮތް މައްސަލައެއް ކަމަށާއި، އެ މައްސަލައިގެ ޝިކާރައަކަށްވި ޝުރައްދާ ވެސް ޖަންގައްޔަކަށް އެއްލާލުމުގެ ކުރިން އެ ކުއްޖާ ކުދިކޮށްކޮށައި ފްރިޖުގައި ބަހައްޓާފައިވެއެވެ. ދިއްލީ ފުލުހުން ވަނީ ޝްރަދާ ވޯކާ ގެ މައްސަލާގައި 6،636 ސޮފްހާގެ ދައުވާއެއް ހުށަހަޅާފަ އެވެ.
ނިކީ ޔާދަވްގެ މަރުގެ ޚަބަރާއެކު މުޅި ގައުމު ހައިރާންވެފައިވާއިރު، ފުލުހުން ވަނީ އެ މައްސަލަ އިގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ބުނެފަ އެވެ. ސާހިލް ހައްޔަރުކޮށް އޭނާގެ މައްޗަށް އުފުލާފައިވަނީ މީހުން މެރުމާއި އެނޫންވެސް ކުށުގެ ދައުވާއެވެ.





