ޚަބަރު

ރިޔާސީ އިންތިޚާބު ފަސްކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަދުވަހަށް ތާވަލުކޮށްފައިވާ މިއަހަރުގެ ރިޔާސީ އިންތިޚާބު ފަސްކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް އެލެކްޝަންސް ކޮމިޝަނުން ކުރައްވައިފިއެވެ.

އެލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ބޭނުންވާ އިންތިޚާބީ މަރުކަޒު އަދިވެސް ހަމަޖައްސައިދީފައިނުވާ ކަމަށާއި އެތަން ހަމަޖެހުން މާބޮޑަށް ލަސްވެއްޖެ ނަމަ، އިންތިޚާބުގެ ތާރީޚުތަކަށް ބުރޫއަރާފާނެ ކަމަށެވެ.


މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ބާއްވަން އިއުލާނުކޮށްފައި އޮތީ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބަށް، އިންތިޚާބީ މަރުކަޒަކަށް ހަމަޖެއްސީ އަޑުގެ އިމާރާތެވެ. އެކަމަކު، އެތަން ހުސްކޮށް އީސީއާ ހަވާލުކުރަން އޮތް މުއްދަތުގައި ހަވާލުކުރެވިފައެއް ނުވެއެވެ.

މިހާރު ވަނީ މިމަހުގެ ނިޔަލަށް އަޑުގެ އިމާރާތް ހަމަޖައްސާދޭނެ ކަމަށް ބުނެފައެވެ. އެހެންވެ، އެ މުއްދަތުގެ ތެރޭގައި އެތަން ހަމަޖެހިގެންދާނެ ކަމަށް އުންމީދުކުރައްވާ ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިޚާބީ މަރުކަޒެއް ހަމަނުޖެހި ލަސްވުމުގެ ސަބަބުން މަސައްކަތްތައް ކުރުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އަދި، ކުޑަކުޑަ އިމާރާތެއްގެ ތެރޭގައި މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން އިންތިޚާބަށް ބޭނުންވާ މުވައްޒަފުން ނެގުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“ވަކި ވަރަކަށްވުރެ ލަސްވެއްޖިއްޔާ ހަމަ އަޅުގަނޑުމެން ހަދާފައި މިއޮށް ޝެޑިއުލް އަލުން ރިވައިސް ކުރަން ޖެހިދާނެ ކަމުގެ ބިރު އެބައޮތް. އެހެން ވެއްޖިއްޔާ ވަރަށް ގިނަ ބަޔަކަށް އުނދަގޫތަކެއް ކުރިމަތިވާގޮތް ވެދާނެ. ބަޔަކަށް އޮޅުންބޮޅުންތަކެއް ވެސް އަރާފާނެ،” އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 280,000އަށް އަރާނެ ކަމަށް އީސީން ލަފާކުރެއެވެ. އެއީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި އަޅާބަލާއިރު 21،000ގެ އިތުރުވުމެކެވެ. އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓު އާންމުކުރާނީ މޭ މަހުގެ ދެވަނަ ދުވަހުއެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖޫން މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.

އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުން ފޯމު ހުށަހެޅުއްވުމުގެ ފުރުސަތު ޖުލައި 23 އިން އޮގަސްޓު 3 އާ ހަމައަށް ހުޅުވާލާނެއެވެ. ކުރިމަތިލާ ބޭފުޅުންގެ ނަންތައް ތަރުތީބު ކުރުމަށް ފަހު، އޯގަސްޓު މަހުގެ 10ވަނަ ދުވަހު ކެމްޕޭން ކުރުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާނެއެވެ. އެ ފުރުސަތު ބަންދުވާނީ ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހެވެ.

މިފަހަރު އިންތިޚާބުގައި މާލޭގައި 145 ވޯޓު ފޮށި، ހުުޅުމާލޭގައި 47، ވިލިމާލޭގައި 10، ރަށްރަށުގައި 327، ރާއްޖޭން ބޭރުގައި 12 ފޮށި ބަހައްޓަން ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close