އެގާރަ އަހަރަށް ޖަލަށް ލުމަށް ރައީސް ޔާމީނަށް ހުކުމްކޮއްފި
ރިޝްވަތު ޤަބޫލުކުރުމާއި، މަނީލޯންޑަރިންގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީނަށް ދައުލަތުން އުފުލި ދެ ދައުވާވެސް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް މިއަދު ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ރިޝްވަތު ގަބޫލުކުރި ކަމުގެ ތުހުމަތުގައި ރައީސް ޔާމީން ގެ މައްޗަށް ކުރީ 4 އަހަރުގެ ހުކުމެކެވެ. އަދި ަލީ ލޯންޑަރިންގެ މައްސަލައިގައި ކުރީ 7 އަހަރުގެ ޖަލު ހުކުމަކާއެކު 5 މިލިޔަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.
ޔާމީނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ، އާރަށް މައްސަލައިގައި ދައުލަތުުން ކުރި ދެ ދައުވާވެސް ސާބިތުވާ ކަމަށް ކޯޓުން ނިންމުމަށްފަހު ދޮޅު ގަޑީރެއްހާ ވަގުތުކޮޅަކަށް ޝަރީއަތް މެދު ކަނޑާލިއެވެ. އަދި ހުކުމާއި ބެހޭ ގޮތުން ވާހަކަދެއްކުމުގެ ބައި ކުރިއަށް ގެންދެވި އެވެ.
މަނީ ލޯންޑަރިންގެ ދައުވާގެ ކުށަށް އެންމެ ކުޑަ އަދަބަކީ ފަސް އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ކުށުގެ އަދަބުގެ ދަރަޖަ މަތިކޮށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް އެދި ދައުލަތުން އެދުނީ ޖުމްލަ 19 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.
ދިފާއުން ވަނީ އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން 10 ދުވަހުގެ މުއްދަތަކަށް އެދިފައެވެ. ފަނޑިޔާރަށް ލިބިފައިވާ އިހްތިޔާރުގެ ދަށުން، މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅާ ހިސާބުން ފެށިގެން 10 ދުވަހުގެ ތެރޭގައި އަދަބާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަށްފަހު ހުކުމެއް އިއްވަން ޖެހެއެވެ.
ނަމަވެސް މި މައްސަލަ ބައްލަވަމުން ގެންދަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް، ނިންމެވީ ޝަރީއަތް އިތުރަށް ދިގު ނުދަންމާ އަދަބާއި ބެހޭ ގޮތުން ވާހަކަދެއްކުމުގެ މަޖިލީސް ދޮޅި ގަޑީރުގެ ވަގުތުކޮޅަކަށްފަހު ކުރިއަށް ގެންދިއުމަށެވެ. އެކަމާއި ދިފާއުން އިއުތިރާޒް ކުރި އެވެ.
ދައުވާ ރައްދުވާ ރައީސް ޔާމީންގެ ވަކީލުން ވަނީ އެކަށީގެންވާ ވަގުތު އެބޭފުޅުންނަށް ލިބިފައި ނުވާ ކަމަށް ވިދާޅުވެ، ދައުލަތަށް ކުރީ ބައިގައި ހުކުމް އަންނާނެ ގޮތް އެނގިފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
އެ ތުހުމަތަށް ރައްދު ދެއްވަމުން ފަނޑިޔާރު ޝަކީލް ވަނީ އެއްވެސް ފަރާތަކަށް ހުކުމް އަންނާނެ ގޮތް އެނގިފައި ނުވާނެ ކަމަށް ވިދާޅުވެ، މިއަދު ހުކުމް ކުރާނެކަން ކުރީބައިގައި އަންގާފައިވާ ކަން ފާހަގަކުރައްވާ، އެކަމަށް ދިފާއުން ތައްޔާރު ވުމަކީ ވަކީލުންގެ ޒިންމާއެއް ކަމުގައި ވިދާޅުވެފަ އެވެ. އަދި އެ މައުލޫގައި އިތުރަށް ވާހަކަދެއްކުމަށް އިތުރަށް ފުރުސަތު ނުދިނުމަށް ނިންމަވާ، އެ ޝަރީއަތުގެ އަޑުއެހުން ގެންދެވިއެވެ.
ނަމަވެސް ސުޕްރިމް ކޯޓުގެ ނިންމުމަކަށް ހަވާލާދިނުމަށްފަހު، އެކަށީގެންވާ ވަގުތު ނުލިބޭތީ، އަދަބާއި ބެހޭގޮތުން ވާހަކަދެއްކުމަށް ޔާމީންގެ ވަކީލުން ދެކޮޅު ހެއްދެވި އެވެ. އެހެންވެ، ފަނޑިޔާރު ނިންމެވީ އަދަބާއި ބެހޭގޮތުން ޔާމީންގެ ފަރާތްޕުޅުން އެއްޗެއް ވިދާޅުވަން ނެތް ކަމުގައެވެ.
ދައުވާ ރައްދުވާ ޔޫސުފް ނައީމްގެ ވަކީލުންވެސް ވަނީ އަދަބު ލުއި ކުރުމަށް ހުށަހެޅުންތައް ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ބޭނުންފުޅުވާ ކަމުގައި ވިދާޅުވެފަ އެވެ. އެއީ މައްސަލައިގެ ބާވަތުގެ ގޮތުން ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ. އަދި އަދަބު ކަނޑައެޅުމުގެ އުސޫލުގެ ތިން މާއްދާއަކަށް ހަވާލާދީ، ނައީމަށް ކުރަން ދައުލަތުން ހުށަހެޅި އަދަބު ބަދަލުކޮށްދިނުމަށް އެދުނެވެ.
