ކުޅިވަރުވޯލްޑްކަޕް-22

ޕޯޗުގަލް ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމަށް ފެނާންޑޯ ސަންތޯސްގެ ބަދަލުގައި ދެން ކާކު؟

ގަތަރުގައި މިހާރު ކުރިއަށްދާ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން މާޔޫސްކަމާއެކު ވަކިވި ފަހުން ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންތޯސްގެ މުސްތަގުބަލާ މެދު ޔަގީންކަމެއް ނެތް ވިލާގަނޑެއް އުފެދިއްޖެ އެވެ.

އެކި ރިޕޯޓްތައް ބުނާގޮތުން ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން އުމުރުން 68 އަހަރުގެ ސަންތޯސް ވަކިކުރެވިދާނެ އެވެ.

2014 ވަނަ އަހަރުން ފެށިގެން ޕޯޗުގަލް ޓީމުގެ ކޯޗުކަމުގައި ސަންތޯސް ވަނީ އަށް އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ ބޮޑެތި ދެ ތަށި ހޯދުމަށް މަގުދައްކައިދީފަ އެވެ.

ނަމަވެސް 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން ކުއާޓާ ފައިނަލުން ވަކިވުމަކީ ޕޯޗުގަލްއަށް ބޮޑު ނާކާމިޔާބީއަކަށް ވެގެން ދިޔައިރު، ޕޯޗުގަލް އޮތީ މުބާރާތް ކާމިޔާބު ކުރުމަށް ފޭވަރިޓް އެއް ޓީމުގެ ގޮތުގައި ކަނޑައެޅިގެންނެވެ.

ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން ސަންތޯސްއާ ވަކިވާން ނިންމައިފި ނަމަ، ވަރަށް އަވަހަށް އެމަޤާމަށް މީހަކު ހަމަޖައްސަން ޖެހޭނެ އެވެ. އެގޮތުން މި ލިޔުމުގައި ބަލާލާނީ އެމަޤާމަށް އެކަށީގެންވާ ތަޖްރިބާކާރު ތިން ކޯޗެއްގެ މައްޗަށެވެ.

#3 ލިއޮނާޑޯ ޖާޑިމް

ލިއޮނާޑޯ ޖާޑިމް އަކީ ފާއިތުވި އަހަރުތަކުގައި ޕޯޗުގަލް އިން ނުކުތް އެންމެ މޮޅު އެއް ފުޓްބޯޅަ ޓެކްޓިޝަން ކަމަށް ޖަދަލު ކުރާނޭ ޖާގައެއް ނެތެވެ.  

ޖާޑިމްގެ މެނޭޖަރު ކެރިއަރު ފެށިގެން އައީ 1996 ވަނަ އަހަރު ސަންޓާކްރޫޒެންސްގެ ޔޫތު ޓީމާ އެކުގަ އެވެ. ޕްރިމިއާ ލީގާގައި ބްރާގާ، ސްޕޯޓިން ސީޕީ، އަދި ޗާވޭސް ފަދަ ޓީމުތައް މެނޭޖްކުރުމުގެ ތަޖުރިބާ އޭނާއަށް ލިބިފައިވެ އެވެ.

ނަމަވެސް އޭނާގެ މެނޭޖަރު ކެރިއަރުގެ 17 އަހަރުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ 2014 ވަނަ އަހަރު އޭނާ އައްޔަންކުރި ފްރާންސްގެ ކްލަބް އޭއެސް މޮނާކޯ އެވެ.

އުމުރުން 48 އަހަރުގެ ޓެކްޓިޝަނަކީ އެޓޭކިން ބްރޭންޑްގެ ފުޓްބޯޅައަށް މަޝްހޫރު ކޯޗެއް ކަމަށާއި އޭނާއަކީ ސަންތޯސްގެ ބަދަލުގައި އެމަޤާމަށް ރަނގަޅު މީހަކަށް ވާނެ ކަމަށް ގިނަބަޔަކު ބުނެއެވެ.

ޖާޑިމް އަކީ ގައުމީ ޓީމުގައި މިހާރު އުފެދިފައިވާ ޕޯޗުގަލްގެ ޒުވާން ހުނަރުވެރިންނާ އެކު މަސައްކަތް ކުރުމަށް އެންމެ ރަނގަޅު ދިގު މުއްދަތުގެ މެނޭޖަރަކަށް ވެދާނެ އެވެ. ފާހަގަކޮށްލެވޭ މިސާލުތަކަކީ ޖޯއާއޯ ފެލިކްސް، ރަފައެލް ލިއާއޯ، އަދި ގޮންކަލޯ ރާމޯސް ފަދަ ކުޅުންތެރިންނެވެ.

#2 ޖޯޖް ޖީސަސް

ޕޯޗުގަލްގެ ޤައުމީ ޓީމާ ހަވާލުވާން ކޯޗެއްގެ ގޮތުގައި ސަންތޯސް އަށްފަހު ދެން ހަވާލުވާން އެންމެ ރަނގަޅު އަނެއް ކޯޗަކީ ތަޖުރިބާކާރު ޖޯޖް ޖީސަސް އެވެ.

އުމުރުން 68 އަހަރުގެ ޖީސަސް އަކީ މެނޭޖްމަންޓްގެ ދާއިރާއިން ސާބިތު ޓްރެކް ރެކޯޑެއް އޮތް މީހަކަށް ވާއިރު، އޭނާގެ ކެރިއަރުގައި 32 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވެއެވެ. އަދި ޕޯޗުގަލްގެ ތެރޭގައި ވެސް އޭނާއަށް އިހުތިރާމް ލިބިގެންދާއިރު، ގައުމީ ސްކޮޑާ އެކު ވެސް ފަސޭހައިން ގުޅުން ގާއިމް ކުރެވޭނެ އެވެ.

ޖީސަސް ވަނީ ފެލްގުއެރާސް، ވިޓޯރިއާ ސެޓޫބަލް، ބްރާގާ، ސްޕޯޓިން ސީޕީ، އަދި ބެންފިކާ ފަދަ ޕޯޗުގަލްގެ ގިނަ ޓީމުތަކެއް މެނޭޖްކޮށްފަ އެވެ.

އުމުރުން 68 އަހަރުގެ ޓެކްޓިޝަނަކީ ސީރިއަލް ވިނާއެއް ކަމަށާއި އޭނާ ވަނީ ތަފާތު ތިން ލީގެއް ކްލަބް މެނޭޖްމަންޓްގައި 15 އަށް ވުރެ ގިނަ ތަށި ހޯދާފަ އެވެ.

އޭނާ މިވަގުތު ތުރުކީގެ ފެނަބަޗޭގެ ކޯޗުކަމުގައި ހުރިއިރު، އޭނާގެ ޓީމު އޮތީ 13 މެޗަށްފަހު 29 ޕޮއިންޓާއެކު ސުޕާ ލީގުގެ އެއްވަނައިގައެވެ.

#1 ހޯސޭ މޮރީނިއޯ

އޭއެސް ރޯމާގެ ކޯޗަކީ ޕޯޗުގަލް ފުޓްބޯޅައިގެ ތާރީހުގައި ވެސް އެންމެ އިހުތިރާމް ލިބިގެންވާ އެއް ކޯޗު ކަމަށާއި އޭނާ ގައުމީ ޓީމުގެ މަގާމަށް ވިސްނަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހޯސޭ މޮރީނިއޯ ގައުމީ ޓީމުގެ މެނޭޖްމަންޓަށް ބަދަލުވާން ބޭނުންވާނެ ކަމެއް އަދި ބެލެވެން ނެތް ނަމަވެސް މީޑިއާގައި ދަނީ އެއަޑުތައް ފެތުރެމުންނެވެ.

“ދަ ޗޫސެން ވަން” އިން ވަނީ ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑެތި ބައެއް ކްލަބްތައް ކަމަށްވާ ރެއާލް މެޑްރިޑް، އިންޓަ މިލާން، ޗެލްސީ، ޕޯޓޯ، އަދި މެންޗެސްޓާ ޔުނައިޓެޑް މެނޭޖްކޮށްފަ އެވެ.

ހޯދާފައިވާ ކާމިޔާބީގެ ގޮތުން ބަލާއިރު، މޮރީނިއޯގެ ޓްރޮފީ ކެބިނެޓާ އެއްވަރު ކުރެވޭނީ ދުނިޔޭގެ ވަރަށް މަދު މެނޭޖަރަކަށެވެ. އޭނާ ވަނީ މެނޭޖަރު ކެރިއަރުގައި ޖުމްލަ 26 ތަށި ހޯދައި، ޔޫރަޕްގެ ބޮޑެތި ހަތަރު ލީގެއް ފަތަހަކޮށްފަ އެވެ.

ޕޯޗުގަލްގެ ގައުމީ ޓީމުގައި އޭނާ ހުރުމަކީ ޒުވާން ކުޅުންތެރިންގެ ސެޓުގައި މޮޅުވުމުގެ ވިސްނުމެއް އާލާވާނެ ކަމެކެވެ. ލެޖެންޑަރީ މެނޭޖަރު ކޯޗުކަމުގައި ހުރުމަކީ ޔޫރޯ 2024 އާއި ވޯލްޑް ކަޕް 2026 އަށް ޕޯޗުގަލް އަށް ކާމިޔާބީގެ ފުރުސަތު ބޮޑުވާނެ ކަމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close