ކުޅިވަރުވޯލްޑްކަޕް-22

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ރޮނާލްޑޯ މުބާރާތާ އަލްވަދާޢު ކިޔަން ޖެހިއްޖެ

ފީފާ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި މިރޭ މޮރޮކޯއާއި އެކު މެޗުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް އެތައްފަހަރަކު ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް ޓީމް ބަލިވުމުން މިއަހަރުގެ ވޯލްޑްކަޕް މުބާރާތަށް ރޯނާލްޑޯއަށް އަލްވަދާޢު ކިޔަންޖެހިއްޖެއެވެ.


މިއީ މުބާރާތުގެ ތާރީޚުގައިވެސް މޮރޮކޯއަށް ސެމީ ފައިނަލުން ޖާގަ ލިބުނު ފުރަރަތަމަ ފަހަރެވެ. މީގެކުރިން އެ ޓީމަށް މުބާރާތުގައި އެންމެ ދުރަށް ދެވުނީ 1986 ވަނަ އަހަރުގެ މުބާރާތުގައި ރައުންޑް އޮފް 16އާއި ހަމައަށެވެ.

ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމުގައި ކުޅުނު މި މެޗު މޮރޮކޯއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މޮރޮކޯއަށް ލިބުނު މި ކާމިޔާބީއަކީ، ގިނަ ދިވެހިންތަކެއް އެ ޓީމަށް ލިބެން ބޭނުންވި ކާމިޔާބީއެކެވެ. އެގޮތުން މިއީ މުބާރާތުގެ މިހާ ހިސާބަށް އައިއިރު މުބާރާތުގައި އޮތް ހަމައެކަނި މުސްލިމް ގައުމެވެ. އަދި ރާއްޖޭގެ ތާރީޚާއި ގުޅުވައިގެންވެސް މި މެޗުން މޮރޮކޯ މޮޅުވުމަށް ގިނަ ދިވެހިންތަކެއް ބޭނުންވިއެވެ.

މި މެޗުވެސް އެ ޓީމުން ފެށީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައެވެ. ރޮނާލްޑޯ މެޗުގައި ކުޅެން އެރީ 50 ވަނަ މިނެޓުގައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޔޫސުފް އެން-ނެސީރީއެވެ. މިއީ ޔަހްޔާ ނަގައިދިން ހުރަހަކުން ތަނަވަސްވި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެން ނެސީރީ ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗުގައި ޕޯޗުގަލް ބަލިވި ނަމަވެސް، އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި ހަމަލާތައް ހުއްޓުވުމުގައި މަޣްރިބްކަރައިގެ ކީޕަރު ޔާސީން ބޯނޯ ވަނީ ހުސިޔާރުކަން ދައްކާފައެވެ. މެޗުގައި އޭނާ މުހިންމު ސޭވްތަކެއް ކޮށްފައިވެއެވެ.

މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތެރޭގައި މަޣްރިބްކަރައިގެން ވާލިދް ޗެދީރާއަށް ރެފްރީ ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ.

މި މޮޅާއެކު މަޣްރިބްކަރައިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރިއިރު، އެ ޓީމުން ސެމީފައިނަލުގައި ކުޅޭނީ މިރޭ ފްރާންސާއި އިންގްލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

މޮރޮކޯއިން ހޯދި މި މޮޅާއެކު އެ ޓީމުން މިވަނީ ވޯލްޑް ކަޕުގެ ސެމީ ފައިނަލުން ޖާގަ ހޯދި އެފްރިކާގެ ފުރަތަމަ ގައުމަށް ވުމުގެ ޝަރަފު ހޯދާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close