އެއްގަމާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީ މީރާއިން ބަލައިގަތުން ހުއްޓާލަނީ
އެއްގަމާއި ކަނޑު އުޅަނދު ފަހަރުގެ އަހަރީ ފީ މޯލްޑީވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަލައިގަތުން ހުއްޓާލަން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވާ ކައުންސިލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީ ބަލައިގަތުން ކައުންސިލުތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމާއި އެއްގޮތަށް އަމަލު ކުރުމަށް މި މަހު 31 އިން ފެށިގެން މީރާއިން އަހަރީ ފީ ބަލައިގަތުން ހުއްޓާލާނެ ކަމަށެވެ.
ސާކިއުލާގައި ބުނެފައިވާގޮތުގައި އަންނަ މަހުން ފެށިގެން އަހަރީ ފީ ބަލައިގަންނާނީ ޓްރާސްޕޯޓް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް، އެ ފީ ނިސްބަތްވާ ކައުންސިލަކުން ކަމަށެވެ.
ޓްރާސްޕޯޓްގެ ސިސްޓަމް މެދުވެރިކޮށް، އެ ފީ ނިސްބަތްވާ ކައުންސިލެއްގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރެވޭނީ، މި މަހު 31 ގެ ކުރިން ކައުންސިލްތަކުގެ އެކައުންޓްތައް ބަނޑޭރި ޕޭއާ އިންޓަގްރޭޓްކޮށްގެން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އެ މުއްދަތުގެ ކުރިން އެއްވެސް ކައުންސިލެއްގެ ބޭންކް އެކައުންޓް، ބަނޑޭރި ޕޭއާ އިންޓަގްރޭޓްކޮށްފައި ނުވާ ނަމަ، އެ ކައުންސިލަކަށް ނިސްބަތްވާ ފީ ޖަމާވާނީ ޕަބްލިކް އެކައުންޓަކަށެވެ. އެހެންވެ، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެކަން ކުރުމަށް ކައުންސިލުތަކަށް އިލްތިމާސްކުރި އެވެ.
ޕަބްލިކް އެކައުންޓަށް ޖަމާވާ ފައިސާ ފަހުން ކައުންސިލުތަކަށް ޖަމާކޮށްދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ސަރުކާރުން މި ގެނައި ބަދަލާ އެކު ވެހިކަލްތަކުގެ އަހަރީ ފީ ދެން ވާނީ ސީދާ ކައުންސިލުތަކަށް ލިބޭ އާމްދަނީއަކަށެވެ.

