ކުޅިވަރުވޯލްޑްކަޕް-22

ކިންގް އޮފް ފުޓްބޯލް ގެ ރެކޯޑެއް އެމްބާއްޕޭ މުގުރާލައިފި

ގަތަރު ގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި ގިނަބަޔެއްގެ ސަމާލުކަމަށް އައިސްފައިވާ ފްރާންސްގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ މިވަނީ ކިންގް އޮފް ފުޓްބޯލް ގެ ނަމުން މަޝްހޫރުވެފައިވާ ބްރެޒިލްގެ ކުރީގެ ފޯވާޑް ޕެލޭގެ ރެކޯޑެއް މުގުރާލައިފަ އެވެ.

އެއީ 24 އަހަރު ވުމުގެ ކުރިން، ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑެވެ. 24 އަހަރު ވުމުގެ ކުރިން ވޯލްޑް ކަޕުގައި ހަތް ލަނޑު ޖަހައިގެން މި ރެކޯޑު މީގެކުރިން ހަދާފައި ވަނީ “ކިންގް އޮފް ފުޓްބޯލް”ގެ ގޮތުގައި ނިސްބަތް ކުރެވޭ ބްރެޒިލްގެ ލެޖެންޑް ޕެލޭއެވެ.


އޭގެ އިތުރުން ވެސް އެމްބާޕޭ އަކީ، ފުޓުބޯޅައިގައި އެތައް ރެކޯޑެއް ހަދާފައިވާ ޝަހްސިއްތަތުތައް ފަހަތަށް ޖައްސަމުން އަންނަ ކުޅަދާނަ ސްޓްރައިކަރެކެވެ.

މިވަގުތު އެންމެ ބޮޑު މުސާރައެއް ލިބެމުން އަންނަ ފުޓުބޯޅަ ކުޅުންތެރިއަކީވެސް އެމްބާޕޭ އެވެ.

ފްރާންސްގެ ގައުމީ ޓީމާއި، އެގައުމުގެ ފުޓުބޯޅަ ލީގުގެ ޗެމްޕިއަން ޕީއެސްޖީގެ އެންމެ މުހިންމު ކުޅުންތެރިޔާ އެމްބާޕޭ މިވަނީ

ގަތަރުގައި މިހާރު ކުޅެމުންދާ ފީފާ ވޯލްޑް ކަޕް 2022 މުބާރާތުގައި މިހާތަނަށް އެމްބާޕޭ ކުޅުނު ހަތަރު މެޗުގައި ޖުމްލަ ފަސް ލަނޑު ޖަހާފައެވެ. މިހާތަނަށް އެމްބާޕޭ ކުޅެފައިވަނީ ދެ ވޯލްޑް ކަޕެއްގައެވެ. އެއީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕާއި މިހާރު ކުޅެމުންދާ ވޯލްޑް ކަޕެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ޗެމްޕިއަނުންނަކީ އެމްބާޕޭ އެގައުމަކަށް ނިސްބަތްވާ ފްރާންސެވެ.

އެ މުބާރާތުގައި އެމްބާޕޭ ވަނީ ހަތް މެޗު ކުޅެ ހަތަރު ލަނޑު ޖަހާފައެވެ. މިއާއެކު މިހާތަނަށް ވޯލްޑް ކަޕުގެ ދެ މުބާރާތުގައި އެމްބާޕޭ ޖުމްލަ 11 މެޗު ކުޅެފައިވާއިރު، ޖުމްލަ ނުވަ ލަނޑު ކާމިޔާބު ކޮށްފައިވެއެވެ.

މުބާރާތުގެ ރައުންޑް އޮފް 16 ގައި ޕޮލެންޑާއި ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައި އެމްބާޕޭ ދެ ލަނޑު ޖަހާފައިވާއިރު، 24 އަހަރު ވުމުގެ ކުރިން އެމްބާޕޭ ވޯލްޑް ކަޕުގައި ނުވަ ލަނޑު ޖެހިއިރު، އޭނާގެ އުމުރަކީ 23 އަހަރާއި 11 މަހާއި 15 ދުވަހެވެ.

ޕޮލެންޑާއި ފްރާންސް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް އެމްބާޕޭ އެވެ.

މީގެއިތުރުން އެމްބާޕޭ މިވަނީ، ޑިއެގޯ މަރަޑޯނާ، ކްރިސްޓިއާނޯ ރޮނާލްޑޯ، ލުއިސް ސުއަރޭޒް، ޒައިނެއްދީން ޒިދާން، ތިއެރީ އޮންރީ އަދި ނޭމާ ފަދަ، ފުޓުބޯޅައިގެ އެންމެ ބޮޑެތި ޝަހްސިއްޔަތުންގެ ގޮތުގައި ބެލެވޭ ކުޅުންތެރިން ވޯލްޑް ކަޕުގައި ޖަހާފައިވާ ލަނޑުގެ އަދަދަށްވުރެ ގިނައިން ލަނޑު ޖަހާފައެވެ.

އަދި ވޯލްޑް ކަޕުގައި މިހާތަނަށް ނުވަ ލަނޑު ޖަހާފައިވާ ލިއޮނެލް މެސީއާ ލަނޑުގެ ގޮތުން އެމްބާޕޭ ހަމަހަމަކުރި ނަމަވެސް، މެސީ މި އަދަދަށް ގޯލު ޖެހީ ފަސް ވޯލްޑް ކަޕެއްގައި ކުޅެގެންނެވެ. އެމްބާޕޭ މި އަދަދަށް ލަނޑު ޖެހީ ދެ ވޯލްޑް ކަޕެއްގައި ކުޅެގެންނެވެ.

ރަނގަޅު ސިއްހަތެއްގައި ހުރެވިއްޖެ ނަމަ، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ފުޓުބޯޅައިގެ އެންމެ ވިދުންގަދަ ނަމަކަށް ވާނީ އެމްބާޕޭގެ ނަމެވެ. އެމްބާޕޭ އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ޔަންގް ޕްލެޔާ އެވޯޑު ހާސިލް ކޮށްފައެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގައި މިހާތަނަށް އެމްބާޕޭ ޖެހި ފަސް ލަނޑާއެކު އޭނާ އަކީ މިވަގުތު މުބާރާތުގެ ޓޮޕް ސްކޯރާ އެވެ. އެމްބާޕޭ ވަނީ ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 66 މެޗުން 33 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close