ކުޅިވަރުވޯލްޑްކަޕް-22

ބެލްޖިއަމްއަށް ލިބުނު ހުސްފުރުޞަތު ތަކުގެ ބޭނުން ނުކުރެވި މުބާރާތުން ވަކިވާން ޖެހިއްޖެ

ފީފާ ވޯލްޑްކަޕްގައި މިރޭ ބެލްޖިއަމް އާއި ކޮރޯޝިއާ ބައްދަލުކުރި މެޗްގައި ބެލްޖިއަމް އަށް ލިބުނު ހުސްފުރުޞަތު ތަކުގެ ބޭނުން ނުކުރެވި އެޓީމް މުބާރާތުން ވަކިވާން ޖެހިއްޖެއެވެ.

ގަތަރުގެ އަލް ރައްޔާން ސްޓޭޑިއަމުގައި ކުޅުނު މި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ. މި މެޗަށް ދެޓީމު ނުކުތްއިރު، ދެ ޓީމަށްވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތެވެ.

މެޗު ކާމިޔާބުކޮށް ބެލްޖިއަމަށް ދެވަނަ ބުރަށް ދަތުރު ކުރެވެން އޮތްއިރު، ކްރޮއޭޝިއާއަށްވެސް ފުރުޞަތު ބޮޑެވެ. ކްރޮއޭޝިއާއަށް ޕޮއިންޓަކުން ފުއްދާލެވެން އޮތެވެ.

ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު މި މެޗުގެ 11 ވަނަ މިނެޓުގައި ބެލްޖިއަމަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ. އެގޮތުން ކްރޮއޭޝިއާގެ އޭރިއާ ތެރޭގައި ހުރެފައި ބެލްޖިއަމްގެ ޔެނިކް ކަރެސްކޯ ފޮނުވާލި ހަމަލާ ދިފާއުކުރީ ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ކްރޮއޭޝިއާއިންވެސް ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ބޭރުން އެ ޓީމުގެ ބޯނާ ސޯސާ ނެގި ހުރަހަކުން ތަނަވަސްވި ބޯޅަ، އެޓީމުގެ ކްރަމަރިޗް ބޮލުން ފޮނުވާލިއިރު، މި ހަމަލާ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.

ބެލްޖިއަމާއި ކްރޮއޭޝިއާ ހިމެނޭ ގުރޫޕު އެފްގައި ދެން ހިމެނެނީ މޮރޮކޯއާއި ކެނެޑާއެވެ. ގުރޫޕުގެ އެއްވަނަ ހޯދީ މޮރޮކޯއެވެ. ކްރޮއޭޝިއާއަށް ދެވަނަ ލިބޭއިރު ތިންވަނަ ލިބުނީ ބެލްޖިއަމަށެވެ. ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އޮތް ކެނެޑާއެވެ.

ކްރޮއޭޝިއާއަށް ރައުންޑް އޮފް 16 ގައި ކުރިމަތިލާން ޖެހޭނީ، ގްރޫޕް އީގެ އެއްވަނަ ހޯދާ ޓީމަކާ ދެކޮޅަށެވެ. މޮރޮކޯ ބައްދަލު ކުރާނީ އެ ގުރޫޕުގެ ދެވަނަ ހޯދާ ޓީމަކާއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close