ވޯލްޑް ކަޕް 2022: އާޖެންޓީނާ އަތުން ޕޮލެންޑުވީ ބަލި އެކަމަކު ދެޓީމުވެސް ދެވަނަ ބުރަށް
ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭކުޅުނު މެޗުގައި އާޖެންޓީނާ އަތުން ޕޮލެންޑު ބަލިވީއިރު، އާޖެންޓީނާ އާއި ޕޮލެންޑުވެސް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މި ގުރޫޕުގެ ޓީމުތައް ކުޅެން ޖެހޭ ގުރޫޕުގެ ފަހު މެޗުތައް ރޭ ކުޅުނުއިރު، ޕޮލެންޑް ބައްދަލުކުރީ އާޖެންޓީނާއާއެވެ. އަދި ސައުދީ އަރަބިއާ ބައްދަލުކުރީ މެކްސިކޯއާއެވެ. އެގޮތުން އާޖެންޓީނާ ވަނީ 0-2 ގެ ނަތީޖާއިން ޕޮލަންޑް ބަލިކޮށްފައެވެ. އަދި މެކްސިކޯއިން ވަނީ 1-2 ގެ ނަތީޖާއިން ސައުދީ އަރަބިއާ ބަލިކޮށްފައެވެ.
މި ނަތީޖާ ތަކާއި އެކު އާޖެންޓީނާއިން ދެވަނަ ބުރަށް ދިޔައީ ކުޅުނު ތިން މެޗުން 6 ޕޮއިންޓް ހޯދައިގެން ގުރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި އާޖެންޓީނާ އަތުން ބަލިވި ޕޮލަންޑް ކުޅުނު ތިން މެޗުން 4 ޕޮއިންޓު ލިބިގެން ގުރޫޕުގެ ދެވަނަ ޓީމުމުގެ ގޮތުގައި ދެވަނަ ބުރަށް ދިޔައިރު، ތިން ވަނާގައި އޮތް މެކްސިކޯ އާއި އެންމެ ފުލުގައި އޮތް ސައުދީ އަރަބިއާ ވަނީ މުބާރާތުން ކަޓާފައެވެ.
އާޖެންޓާ އާއި ޕޮލެންޑު ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ފުރަތަމަ ހާފުގައި އާޖެންޓީނާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް, ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ފޮނުވާލި ބޯޅަ މަތަކުރީ ޕޮލެންޑުގެ ކީޕަރެވެ. ދެވަނަ ހާފުގައި 46 ވަނަ މިނެޓުގައި އާޖެންޓީނާއަށް ލީޑު ނަގައިދިނީ އަލެކްސިސް މެކް ލިސްޓަރއެވެ. ލީޑު ފުޅާކޮށްދިން ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ޖަހައިދިނީ ހޫލިއަން އަލްވަރޭޒްއެވެ.
މި ގްރޫޕްގައި މެކްސިކޯ އާއި ސައުދީ ބައްދަލުކުރި މެޗުގައި ވެސް ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ދެވަނަ ހާފު ފެށުނުތަނާ 47 ވަނަ މިނެޓުގައި މެކްސިކޯއަށް ލީޑު ނަގައިދިނީ ންރީ މާޓިންއެވެ. އޭގެ ފަހުން 52 ވަނަ މިނެޓުގައި ލުއިސް ޝާވޭޒް ވަނީ އިތުރު ލަނޑެއްޖަހާ މެކްސިކޯއަށް ލީޑު ފުޅާކޮށްދީފައެވެ. ސައުދީގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތުގައި ސާލިމް އަލްދައުސާރީއެވެ.
އާޖެންޓީނާ ދެވަނަ ބުރުގައި ބައްދަލުކުރަން ޖެހޭނީ ގުރޫޕް ޑީގެ ދެވަނަ ހޯދި އޮސްޓްރޭލިއާ އާއެވެ. އަދި ޕޮލަންޑް ބައްދަލުކުރަން ޖެހޭނީ ގުރޫޕް ޑީގެ އެއްވަނަ ހޯދި ފްރާންސްއާއެވެ.




