ޚަބަރު

ޕީޕީއެމް އޮތީ ރައީސް ޔާމީނާ އެކު ބަދަހިކޮށް، އަމާޒަކީ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން: ޕީޕީއެމް

ޕީޕީއެމް އޮތީ ރައީސް ޔާމީނާ އެކު ބަދަހިކޮށް ކަމަށާއި، ޕީޕީއެމްގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސާބިތުކަމާއި ބަދަހިކަމާ އެކު ކުރުން ކަމުގައި އިދިކޮޅު ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމްއާ ގުޅޭގޮތުން ހަބަރު ޝާއިއު ކުރި ނޫހުގައި އޮތީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ރައީސް ޔާމީންގެ އިތުބާރު އަބްދުއްރަހީމްއަށް ގެއްލި ޕާޓީގެ މަސައްކަތްތަކުން އެކަހެރިކޮށްފައިވާ ކަމަށް ބުނެ ނޫހުގައި ލިޔެފައިވަނީ ހަގީގަތާ ހިލާފު ވާހަކަތަކަކަށްވާތީ އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފައިވެސް ވެއެވެ.

“ޕީޕީއެމް އާއި ގުޅޭގޮތުން ހަގީގަތެއް ނެތް ބޭކާރު ވާހަކަތަކުން މިޕާޓީގެ ލީޑަޝިޕް ބައިބައިކޮށް މި ޕާޓީ ބަލިކޮށްލެވިދާނެ ކަމަށް ގަބޫލުކުރެވޭނަމަ އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. މިވަގުތުވެސް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުންނެވީ ރައީސް ޔާމީންގެ ހާއްސަ މަސައްކަތްފުޅެއްގައި ލ. އަތޮޅުގަ އެވެ،” ބަޔާނުގައިވެ އެވެ.
“ޙަޤީޤަތާއި ޚިލާފު ވާހަކަތައް ފަތުރާ ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުން އެކުރަނީ ބޭކާރު އެއްވެސް ތާކުން ތާކު ނުޖެހޭ މަސައްކަތެއް ކަމުގައި ދެންނެވީމެވެ. އެފަދަ ޙަޤީޤަތެއް ނެތް ވާހަކަތަކުން ފިތުނަ އުފައްދަން މަސައްކަތް ކުރާ ނޫސްވެރިނާއި ނޫސް މަޖައްލާތައް ޖަވާބުދާރީ ކުރުވުމަށް އެކުލަވާލާފައިވާ މުއައްސަސާތަކުން، މިމައްސަލަ ބައްލަވާ ފިޔަވަޅު އެޅުއްވުމަށް ގޮވާލަމެވެ.”

ނޫސްވެރިންވެސް ޒިންމާދާރުކަމާއެކު ޙަޤީޤަތާއި އެއްގޮތަށް ޚަބަރުތައް ރިޕޯޓު ކުރެއްވުމަކީ ޕީޕީއެމްގެ އިލްތިމާސެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
“އަދި ނޫސްވެރިން ވެސް ޒިންމާދާރު ކަމާއެކު ހަގީގަތާއި އެއްގޮތަށް ހަބަރުތައް ރިޕޯޓް ކުރެއްވުމަކީ މި ކޯލިޝަންގެ އިލްތިމާސެކެވެ.” ބަޔާނުގައި ބުނެފައިވެ އެވެ.

ޔާމީންއަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ދީފައިވީ ނަމަވެސް، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ހުކުމް އަންނަ ގޮތަކުން ވެރިކަމަށް ކުރިމަތިލުމުގެ ޖާގަ ޔާމީންއަށް ގެއްލުމުގެ ފުރުސަތު އެބަ އޮތެވެ. އެފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ ޕީޕީއެމްގެ ތެރެއިން ރިޔާސީ ޓިކެޓް ހޯއްދެވުމަށް ބައެއް ބޭފުޅުންގެ ޝައުގުވެރިކަން ހުރެ އެގޮތަށް މަސައްކަތް ކުރައްވާ ކަމުގެ އަޑުތައް ދޭތެރެ ދޭތެރެއިން އަރަ އެވެ.
އަބްދުއްރަހީމްއާ މެދު ނުތަނަވަސްކަން އުފެދުނީ ވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ ބައެއް ފަރާތްތަކަށް އަބްދުއްރަހީމް ވާގިވެރިވެ ތާއީދު ކުރައްވާ ކަމުގެ ތުހުމަތުތަކާ ގުޅިގެން ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close