ބޭރުދުނިޔެ

ހިންދޫ ދީނުގެ ބޯއީ ފްރެންޑް ކްރިސްޓިއަން ދީނަށް ނުވަނުމުން ދަންޖައްސާ މަރާލައިފި

ހިންދޫ ދީނުގެ ބޯއީ ފްރެންޑް ކްރިސްޓިއަން ދީނަށް ވަންނަށް ދެކޮލު ހެދުމުން އަންހެންކުއްޖާގެ އާއިލާގެ ބަޔަކު ބޯއީ ފްރޭންޑް ދަންޖައްސާ މަރާލައިފިއެވެ.

އިންޑިއާގެ އާސާމްގެ ލަކިމްޕޫރު ޑިސްޓްރިކްޓްގައި ހިނގި މިހާދިސާގައި މިދިޔަ ހުކުރުދުވަހު މަރުވެފައިވާ 23 އަހަރުގެ ޒުވާނާ ދަންޖާސާފައި ހުރީ މީހުން އުޅޭ ހިސާބާއި ތަންކޮޅެއް ދުރުގައި ހުރި ގަހެއްގައެވެ.

އެންޑީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މަރުގެ ސަބަބުން އެ ޑިސްޓްރިކްޓްގައި ވަނީ މުޒާހަރާތައް ފަށައިފަ އެވެ. މަރުވި މީހާގެ އާއިލާއިން ދަނީ އޭނާގެ ލޯބިވެރިޔާގެ އާއިލާއިން ބިކީ ބިޝާލް މަރާލީ ކްރިސްޓިއަން ދީނަށް ވަނުމަށް ދެކޮޅު ހެދުމުން ކަމަށް ތުހުމަތު ކުރަމުންނެވެ.

އަދި ބިޝާލްގެ ހަށިގަނޑުގައި އެތައް ޒަހަމެއް ހުރިކަން ފެނުނު ކަމަށާއި، ލޮލާއި ނޭފަތާއި ކަންފަތުގައި ލޭ ހުރި ކަމަށް ވެސް ބިޝާލްގެ އާއިލާގެ މީހުން ބުނެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ސެންޓިނެލް އަސާމްގެ ރިޕޯޓެއްގައިވާ ގޮތުން ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ޗާޗުގެ ދެ އޮފިޝަލަކާއި ބިޝާލްގެ ލޯބިވެރިޔާގެ ބައްޕައާއި ދެ ބޭބެއެއް ހިމެނެއެވެ.

ނަމަވެސް މިމައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާއިރު ބިޝާލް މަރާލީ ނުވަތަ މަރުވީ އަމިއްލައަށް ކަމެއް އަދި ކަނޑައެޅޭކަށް ނެތެވެ.

ލޯކަލް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބިޝާލް އާއި އޭނާގެ ލޯބިވެރިޔާ ވެސް ނިސްބަތްވަނީ އެއް އަދީވާސީ ކޮމިއުނިޓީއަކަށް ނަމަވެސް އޭނާ އަކީ ހިންދޫ މީހެއް ކަމަށްވާއިރު، ފިރިހެން ކުއްޖާއަކީ ކްރިސްޓިއަނެކެވެ.

ބިޝާލްގެ އާއިލާއިން ބުނި ގޮތުގައި އޭނާ މަރުވުމުގެ ހަފްތާއެއް ކުރިން އޭނާ ވަނީ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު އޭނާގެ ލޯބިވެރިޔާއާއެކު ފިލައިގެން ގޮސް އޭނާގެ ގެއަށް ގެނެސްފައެވެ. މިއަށްފަހު ލޯބިވެރިޔާގެ އާއިލާއާއި ޗާޗުގެ ބައެއް އޮފިޝަލުން އޭނާގެ ގެއަށް އައިސް ގަދަކަމުން އަންހެން ކުއްޖާ ގެންގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހޯމަ ދުވަހު އޭނާ މަރުވުމުގެ ކުރިން ބިޝާލްއަށް ގުޅައިގެން އެތަނުން ދިޔައީ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާ އޭގެފަހުން އެނބުރި ނާންނަ ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.

އެމީހުން ބުނާ ގޮތުގައި އެ ކޯލަކީ އޭނާގެ ލޯބިވެރިޔާގެ އާއިލާގެ ކޯލެއް ކަމަށާއި އެމީހުން ބިޝާލް މަރާލާފައި ގަހުގައި ވަނީ އެލުވާފައެވެ.  

“ޗާޗުގެ ދެ އޮފިޝަލުންގެ އެހީތެރިކަމާއެކު އަންހެން ކުއްޖާގެ އާއިލާއިން އެ އަންހެން ކުއްޖާއާ ކައިވެނި ކުރުމަށްޓަކައި ބިޝާލް އިސްލާމް ކުރުމަށް ޕްރެޝަރު ކުރި ކަމަށް ތުހުމަތު ކުރެވެމުން ދިޔަ ނަމަވެސް އޭނާ އެކަމާ އެއްބަސް ނުވި،” އެ މައްސަލަ ބެލި އިސް ފުލުހަކު އެންޑީޓީވީއަށް ވިދާޅުވި އެވެ.

އެ އޮފިސަރު ވިދާޅުވީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށް ބަންދަށް ހަތް ދުވަހުގެ މުއދަތު ޖަހާފައިވާ ކަމަށެވެ.

“އަޅުގަނޑުމެންގެ ފުރަތަމަ ތަހުގީގުން ފެންނަ ގޮތުގައި ލިންޗް ކުރުމުގެ މައްސަލައެއް ނޫން، އެކަމަކު އެއީ އަމިއްލައަށް މަރުވި މައްސަލައެއްތޯ، ނުވަތަ އޭނާ މަރާލާފައި ދަންޖައްސައިފިތޯ ޔަގީން ކުރަން ޖެހޭ. އަޅުގަނޑުމެން މި ބަލަނީ ހުރިހާ ކަމެއް،” އޭނާ އިތުރަށް ވިދާޅުވި އެވެ.

މިމައްސަލާގައި އަންހެން ކުއްޖާއާއި އޭނާގެ އާއިލާގެ ބަހެއް އަދި ނުލިބެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close