ސްކޫލުން ޗެޓްޖީޕީޓީ މަނާކުރުމުން 17 އަހަރުގެ އަންހެން ކުއްޖަކު އޭއައި ސްޓާޓްއަޕެއް ހަދައި ބޮޑު ކާމިޔާބީއެއް ހޯދައިފި

ސްކޫލުން ޗެޓްޖީޕީޓީ މަނާކުރުމުން 17 އަހަރުގެ އަންހެން ކުއްޖަކު އޭއައި ސްޓާޓްއަޕެއް ހަދައި ބޮޑު ކާމިޔާބީއެއް ހޯދައިފި

ސްކޫލުން ޗެޓްޖީޕީޓީ މަނާކުރުމުން 17 އަހަރުގެ އަންހެން ކުއްޖަކު އޭއައި ސްޓާޓްއަޕެއް ހަދައި ބޮޑު ކާމިޔާބީއެއް ހޯދައިފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ ވާޖިނިއާގެ ސްކޫލެއްގައި ޗެޓްޖީޕީޓީއާއި އޭއައި ވަސީލަތްތައް ބޭނުންކުރުން ބޭންކޮށްފައި ވަނިކޮށް، އެ ސްކޫލުގެ އުމުރުން 17 އަހަރުގެ ދަރިވަރަކު އަމިއްލައަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސްޓާޓްއަޕެއް އުފައްދައި ބޮޑު މަގުބޫލުކަމެއް ހޯދައިފިއެވެ.

ވާޖިނިއާގެ ތޯމަސް ޖެފަސަން ހައި ސްކޫލް ފޯ ސައިންސް އެންޑް ޓެކްނޮލޮޖީގައި ތައުލީމު ހާސިލުކުރަމުންދާ ނަވްޔާ ތުތޭޖާ ތަރައްގީކުރި "ރާހާ" ނަމަކަށް ކިޔާ މި ހިލޭ ބޭނުންކުރެވޭ ޕްލެޓްފޯމަކީ ނިއުރޯޑައިވާޖެންޓް ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ ވަޒީފާ ހޯދާ ފަރާތްތަކަށް، ވަޒީފާއަކަށް ކުރިމަތިލުމުގެ ކުރިން އެ ވަޒީފާއެއް އެމީހުންނާ ގުޅޭތޯ ބެލުމަށް އެހީތެރިވެދޭ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް އުފެއްދިތާ ކުރު މުއްދަތެއްގެ ތެރޭގައި 1,000 އަށްވުރެ ގިނަ މީހުން ބޭނުންކުރަން ފަށާފައިވާއިރު، 20,000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު މި ޕްލެޓްފޯމުގައި ވަނީ ހިމަނާފައެވެ.

ނަވްޔާއަށް މިފަދަ ޕްލެޓްފޯމެއް އުފެއްދުމުގެ ޚިޔާލު އައީ އަޑުއެހުމުގެ ނުކުޅެދުންތެރިކަން ހުންނަ އޭނާގެ މަންމަގެ ތަޖުރިބާތަކާއި، ނިއުރޯޑައިވާޖެންޓް މީހުންނަށް ޚާއްސަކޮށްގެން ނެރޭ ވަޒީފާގެ އިޢުލާންތަކުގައި ހުންނަ އުނިކަންކަން ފާހަގަކުރެވުމުންނެވެ. ވަޒީފާގެ އިޢުލާންތަކުގައި ކުންފުނިތަކުން އެދޭ ކަންކަން ބަޔާންކޮށްފައި ހުރި ނަމަވެސް، މަސައްކަތުގެ މާހައުލާއި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަމުގެ ތަފްސީލު މަދުން ނޫނީ ނުހުންނަކަން އޭނާއަށް ފާހަގަކުރެވުނެވެ. "ރާހާ" އިން ވަޒީފާގެ އިޢުލާންތައް އެކި ގޮތްގޮތުން ތަހުލީލުކޮށް، އެ ވަޒީފާއެއް އެމީހަކާ ގުޅޭ މިންވަރު ސާފުކޮށް އަންގައިދެއެވެ.

މި ޕްލެޓްފޯމް އަމިއްލައަށް ތަރައްގީކޮށް މިހާތަނަށް ހިލޭ ފޯރުކޮށްދެމުން އައި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ވަޒީފާ ދޭ ފަރާތްތަކާއި މަސައްކަތްތެރިންގެ ޖަމްއިއްޔާތަކުން ފައިސާ ދައްކައިގެން މި ޕްލެޓްފޯމް ބޭނުންކުރެވޭނެ ނުވަތަ އިޢުލާންތައް ރަނގަޅުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ނަވްޔާގެ ދުރު ރޭވުމެކެވެ.

ނަވްޔާއަކީ އޭނާ ކިޔަވާ ސްކޫލުގެ އޭއައި ކްލަބުގެ ރައީސާ ކަމަށްވާއިރު، އެ ސްކޫލުގެ ވައިފައި ވިއުގަ މެދުވެރިކޮށް ޗެޓްޖީޕީޓީއާއި ކްލޯޑް ފަދަ އޭއައި ވަސީލަތްތައް ބޭނުންކުރުން ވަނީ ބަންދުކޮށްފައެވެ. މި ފިޔަވަޅުގެ ސަބަބުން ސްކޫލް ގަޑީގައި އޭއައި ބޭނުންކުރެވޭ މިންވަރު މަދުވެ، ފިލާވަޅުތަކާއި އިމްތިހާނުތަކަށް ތައްޔާރުވުމުގައި އަމިއްލައަށް މަސައްކަތްކުރަން މަޖުބޫރުވި ކަމަށް ނަވްޔާ ބުންޏެވެ. ނަމަވެސް އޭނާ ގަބޫލުކުރާ ގޮތުގައި މައްސަލައަކީ އޭއައި ވަސީލަތްތަކެއް ނޫނެވެ. މައްސަލައަކީ މީހުންނަށް އެ ވަސީލަތްތައް ރަނގަޅު ގޮތުގައި ބޭނުންކުރަން ނޭނގުމެވެ.

އީމެއިލްތައް ލިޔުމަށާއި އޮޅުންބޮޅުން ބޮޑު މައުލޫމާތުތައް ތަރުތީބުކުރުމަށް އޭއައި ބޭނުންކުރި ނަމަވެސް، އިމްތިހާނުތަކަށް ދަސްކުރަންޖެހޭ ފިލާވަޅުތައް ދަސްކުރުމުގައި އޭއައި ބޭނުންކުރުމުން އޭނާ ދުރުހެލިވެއެވެ. "ރާހާ" ޕްލެޓްފޯމުގެ އަސާސީ އެލްގޮރިޒަމް އަމިއްލައަށް ލިޔެފައިވާއިރު، އޭއައި ބޭނުންކޮށްފައިވަނީ ވެބްސައިޓް ޑިޒައިންކުރުން ފަދަ ފަންނީ ބައިތަކުގައެވެ.

ވިޔަފާރި އުފައްދާއިރު އޭއައި ބޭނުންކުރިކަން ހާމަކުރަން އަންހެން ކުދިން ނުވަތަ ޒުވާނުން ޖެހިލުންވި ނަމަވެސް، ނަވްޔާ ގަބޫލުކުރަނީ އެކަމުގައި ދެފުށް ފެންނަ ގޮތަށް އަމަލުކުރަންޖެހޭ ކަމަށެވެ. މުޅި ކުންފުނި އުފެއްދީ އޭއައި އިން ނޫންކަން އެނގޭނަމަ، އޭއައި ބޭނުންކުރިކަން ހާމަކުރުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"ރާހާ" ގެ އިތުރުން ނަވްޔާ ވަނީ "ލެޖިބަލް" ނަމަކަށް ކިޔާ އެހެން އޭއައި ޕްރޮޖެކްޓެއްވެސް ތަރައްގީކޮށްފައެވެ. މިއީ ޚާއްސަ ތައުލީމާ ގުޅޭ އޮޅުންބޮޅުން ބޮޑު ލިޔެކިޔުންތައް (އައިއީޕީ އަދި 504 ޕްލޭންތައް) އާއިލާތަކަށް ދޭހަވާނެ ފަދަ އާދައިގެ ބަހުރުވައަކަށް ބަދަލުކޮށްދޭ ވަސީލަތެކެވެ. އޭއައި އިން ތައްޔާރުކުރާ ޚުލާސާތަކުން މުހިންމު މަސްދަރުތައް ގެއްލޭ މައްސަލަ ފާހަގަކުރެވިގެން، އޭނާ ވަނީ "ޓްރޭސަބަލް އެކްސެސިބިލިޓީ" ނަމުގައި ހާމަކަން ބޮޑު ފްރޭމްވޯކެއް ހުށަހަޅައި، އެމެރިކާގެ އެޑިއުކޭޝަން ޑިޕާޓްމަންޓާއި ސްޓޭޓް ސެނެޓަރުންނާވެސް މަޝްވަރާކޮށްފައެވެ.

ސްކޫލް މާހައުލުގައި އޭއައި މަނާކުރުމުން ފައިދާތަކެއްވި ނަމަވެސް، އޭއައި މުޅިން މަނާކުރުމަކީ ދާއިމީ ހައްލެއް ކަމަށް ނަވްޔާ ނުދެކެއެވެ. އޭނާ ބުނި ގޮތުގައި މުހިންމީ އޭއައި ވަސީލަތްތައް ރަނގަޅު ގޮތުގައި ގަވާއިދުކޮށްގެން ބޭނުންކުރުމެވެ. ކުރިއަށް އޮތް ތަނުގައި ކޮލެޖަށް ވަނުމަށް ގަސްދުކުރި ނަމަވެސް، "ރާހާ" ޕްލެޓްފޯމް އިތުރަށް ފުޅާވެގެން ގޮސްފިނަމަ، މުޅި ވަގުތު އެ ސްޓާޓްއަޕަށް ހުސްކުރުމަށް އޭނާ ވިސްނަމުންދެއެވެ.

ޓެގް

އޭއައި އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.