ޔޫރަޕުން މިހާތަނަށް ފެނުނު އެންމެ ބޮޑު ޑައިނަސޯއަށް ވެދާނެ ކަށިތަކެއް ޕޯޗުގަލްގެ ބަގީޗާއަކުން ފެނިއްޖެ
ޔޫރަޕުން މިހާތަނަށް ފެނުނު އެންމެ ބޮޑު ޑައިނަސޯއަށް ވެދާނެފަދަ ކަށިތަކެއް ޕޯޗުގަލްގެ ބަގީޗާއަކުން ސައިންސްވެރިންނަށް ފެނިއްޖެ އެވެ.
ޕޯޗުގަލްގެ ޕޮމްބަލް ސިޓީގެ ބަގީޗާގައި ޑައިނަސޯއެއްގެ ކަށިތަކެއް ހުރިކަމުގެ އިޝާރާތެއް ފެނި ޔުނިވާސިޓީ އޮފް ލިސްބަންގެ ދިރާސާވެރިން 2017 ވަނަ އަހަރު އެތަން ކޮންނަން ފެށީ، އެތަނުގެ ވެރިފަރާތަށް ފޮސިލައިޒް ކޮށްފައިވާ ކަށީގެ ކޮތަޅުތައް ފެނިގެން ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މި މަހުގެ ކުރީކޮޅު އެތަނުގައި މަސައްކަތްކުރާ ސްޕެއިން އަދި ޕޯޗުގީޒުންގެ ޕެލެއޮންޓޮލޮޖިސްޓުން ވަނީ ބްރެކިއޮސޮރިޑް ސޯރޯޕޮޑް ކަމަށް ހީކުރާ އެއްޗެއްގެ ކަށިގަނޑާއި ރިބްތައް ހޯދަން ފަށާފަ އެވެ.
ސޯރޯޕޮޑްސް އަކީ ހުރިހާ ޑައިނަސޯތަކުގެ ތެރެއިން އެންމެ ބޮޑު ޑައިނަސޯ އާއި މިހާތަނަށް ދިރިހުރި އެންމެ ބޮޑު ބިމުގެ ޖަނަވާރުތަކެވެ.
“މިފަދަ ޖަނަވާރެއްގެ ހުރިހާ ރިބްތަކެއް ހޯދުމަކީ އާންމު ކަމެއް ނޫން، މިކަން ކާމިޔާބުވެފައި އެވަނީ އެތަކެތީގެ އަސްލު އެނަޓޮމިކަލް ޕޮޒިޝަން ދަމަހައްޓައިގެން،” ޔުނިވާސިޓީ އޮފް ލިސްބަންގެ ފެކަލްޓީ އޮފް ސައިންސަސްގެ ޕޯސްޓް ޑޮކްޓަރ ރިސާޗަރު އެލިޒަބަތު މަލަފައިއާ ފިޒިކްސް އަށް ވިދާޅުވި އެވެ.

ބަގީޗާއިން ފެނުނު ކަށިތަކުގެ ސައިޒުން ދޭހަވަނީ ޑައިނަސޯގެ އުސްމިނުގައި 12 މީޓަރު އަދި ދިގުމިނުގައި 25 މީޓަރު ހުރި ކަމަށެވެ.
މި ކަށިގަނޑު ފެނުނު ހިސާބުގެ ސަބަބުން، އިތުރަށް ކޮނެފިނަމަ ހަމަ އެ ޑައިނަސޯގެ އިތުރު ބައިތައް ފެނިދާނެ ކަމަށް ދިރާސާވެރިން އުންމީދު ކުރެ އެވެ.
މި ކަށިގަނޑު ފެނިފައިވަނީ މަތީ ޖުރާސިކް ސެޑިމެންޓަރީ ހިލަތަކުން ކަމުން، މިއީ ގާތްގަނޑަކަށް 150 މިލިޔަން އަހަރު ވެފައިވާ ކަށިގަނޑެއް ކަމަށް ބެލެވެއެވެ.
“މި ހޯދުން ކަށަވަރުކޮށްދެނީ ޕޮމްބަލްގެ ސަރަހައްދުގައި ލޭޓް ޖުރަސިކް ވަރޓެބްރޭޓްސްގެ މުހިންމު ފޮސިލް ރެކޯޑެއް އޮތްކަން، މިދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި އައިބީރިއަން ޕެނިންސުލާގައި ދިރިއުޅުނު ކޮންޓިނެންޓަލް ފައުނާތަކުގެ ޢިލްމަށް ވަރަށް މުހިންމު ގިނަ އަދަދެއްގެ ތަކެތި ހޯދިފައިވާކަން މީގެ 145 މިލިއަން އަހަރު ކުރިން،” މަލަފައިއާ އިތުރަށް ވިދާޅުވި އެވެ.


