ބޭރުދުނިޔެ

ކާބުލްގެ އުތުރުގެ އަވަށެއްގައި ހުންނަ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 21 މީހުން މަރުވެއްޖެ

އަފްޣާނިސްތާން: ކާބުލްގެ އުތުރުގެ އަވަށެއްގައި ހުންނަ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 21 މީހުން މަރުވެ،

އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

މިހަމަލާ ދީފައިވަނީ ބުދަ ދުވަހުގެ އަސުރު ނަމާދަށް މީހުންތައް ޖަމާވެފައި ވަނިކޮށެވެ.

“މިސްކިތެއްގެ ތެރޭގައި ގޮވުމެއްގެ ހާދިސާއެއް ހިނގި…. މި ގޮވުމުގައި މީހުން މަރުވި ނަމަވެސް އެ އަދަދުތައް އަދި ސާފެއް ނުވޭ،” ކާބުލްގެ ފުލުހުންގެ ތަރުޖަމާނު ޚާލިދު ޒަދްރާން ރޮއިޓާސްއަށް ވިދާޅުވި އެވެ.

ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި ކައިރީގައި ހުރި ގެތަކުގެ ކުޑަދޮރުތައް ފުނޑުފުނޑުކޮށްލާ ވަރުގެ ބާރުގަދަ ގޮވުމުގައި މަދުވެގެން 21 މީހުން މަރުވިއިރު 40 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.

ތާލިބާނުންގެ ޖާސޫސީ އިދާރާގެ އެއް އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވީ 35 މީހުން ޒަޚަމްވެ ނުވަތަ މަރުވެފައި ވެދާނެ ކަމަށާއި، އެ އަދަދު އިތުރަށް އިތުރުވެދާނެ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި އެ މިސްކިތުގެ އިމާމްވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކާބުލްގެ އިމަޖެންސީ ހޮސްޕިޓަލުން ބުނި ގޮތުގައި މިހާތަނަށް ޒަހަމްވި 27 މީހަކަށް އެ ފެސިލިޓީގައި ފަރުވާ ދެމުންދާއިރު އޭގެ ތެރޭގައި ހަތް އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ.

މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައި ނުވާއިރު ، ތާލިބާނުންގެ ފުލުހުން ދަނީ މިކަން ތަހުޤީޤު ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close