ރައީސް ޒެލެންސްކީގެ ސަލާމަތާ މެދު އެމެރިކާ ކަންބޮޑުވެއްޖެ
ޔުކްރެއިންގެ ރައީސް ޒެލެންސްކީގެ ސަލާމަތާ މެދު އެމެރިކާ ކަންބޮޑުވެއްޖެ އެވެ.
އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވާން ހުކުރު ދުވަހު ވިދާޅުވީ ޔޫކްރޭންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީގެ އަމިއްލަ ސަލާމަތާ މެދު ވޮޝިންޓަން ކަންބޮޑުވާ ކަމަށެވެ. އެމެރިކާއިން ޒެލެންސްކީގެ ސެކިއުރިޓީއަށް އެހީތެރިވަމުން އަންނަ ކަމަށް ސުލިވާން އިތުރަށް ވިދާޅުވި އެވެ.
“ރައީސް ޒެލެންސްކީގެ އަމިއްލަ ރައްކާތެރިކަމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،” ކޮލޮރާޑޯގައި ބޭއްވި އެސްޕެން ސެކިއުރިޓީ ފޯރަމްގައި ސުލިވާން ވިދާޅުވި އެވެ. “މިއީ ހަނގުރާމައިގެ ވަރުގަދަ ލީޑަރެއް، ރަޝިޔާގެ ރަހުމުކުޑަ، އަނިޔާވެރި ކޮންމެ ކަމެއްވެސް ކުރުމުގެ ގާބިލްކަން ހުރި ދުޝްމަނަކާ ކުރިމަތިލައްވާ މުޖާހިދެއް.” ސުލިވާން ވިދާޅުވިއެވެ.
ކިއެވް އިން ޒެލެންސްކީ ނިކުންނެވުމަށް އެމެރިކާއިން ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރޭންގައި އަސްކަރީ އޮޕަރޭޝަނެއް ފެށުމުންނެވެ. ޒެލެންސްކީ އެ ހުށަހެޅުމަށް އިޖާބަ ދެއްވާފައެއް ނުވެއެވެ.
މި ހަފްތާގައި ޔޫކްރޭންގެ ޕާލަމެންޓުން ވަނީ ދައުލަތުގެ ސަލާމަތީ ހިދުމަތް (އެސްބީޔޫ) ގެ އެންމެ އިސް އޮފިޝަލު އިވާން ބަކާނޯވް ވަކިކުރުމަށް ފާސްކޮށްފަ އެވެ.
ޒެލެންސްކީ ވަނީ އެގައުމުގެ ފަސް ސަރަހައްދެއްގައި ހުރި އެސްބީޔޫގެ ޑިޕާޓްމަންޓްތަކުގެ ވެރިން ވެސް ވަކިކުރައްވާފަ އެވެ. ބަކާނޯވް އަކީ ޒެލެންސްކީގެ ގާތް ގުޅުމެއް އޮންނަ މީހެކެވެ. ވަރަށް ފަހަކާ ޖެހެންދެންވެސް އެ ދެމީހުން އެކުގައި ކޮމެޑީގެ ދާއިރާގައި މަސައްކަތް ކުރަމުން ގެންދެވިއެވެ.
ޔޫކްރޭންގެ ރައީސް އެތައް ފަހަރަކު ހަނގުރާމަވެރިންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ އޮފިޝަލުން އެތައް ފަހަރަކު ވިދާޅުވެފައިވަނީ ރަޝިޔާއިން މަސައްކަތްކުރަނީ ރައީސް މަރާލުމަށް ކަމަށެވެ. މި ތުހުމަތުތަކަށް މޮސްކޯއިން އިންކާރުކުރެއެވެ.
ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް އޭޕްރީލް މަހު ވިދާޅުވީ ޒެލެންސްކީ އަކީ “ޔޫކްރޭންގެ ރައީސް” ކަމަށާއި، ރަޝިޔާއިން ބޭނުންވަނީ އޭނާ އަމާންދެއްވާ ސުލްހައަށް ޓަކައި އެގައުމުގެ ޝަރުތުތަކަށް އެއްބަސްވުމަށެވެ.
އެސްޕެންގައި ގައުމީ ސަލާމަތީ މަޖިލީހުގެ ތަރުޖަމާނު ޖޯން ކިރްބީ އިއުލާން ކުރެއްވި ގޮތުގައި ބައިޑަންގެ ވެރިކަމުގައި 270 މިލިއަން ޑޮލަރުގެ ހަތިޔާރުގެ ޝިޕްމެންޓެއް ޔޫކްރޭނަށް ފޮނުވާނެ ކަމަށާއި އޭގެ ތެރޭގައި ހިމާސްގެ ހަތަރު ރޮކެޓާއި އާޓިލަރީ ސިސްޓަމް ހިމެނޭ ކަމަށެވެ.
