ޚަބަރު

ލަންކާ ރައްޔިތުންގެ ކިބައިން ދިވެހި ސަރުކާރު މައާފަށް އެދުމަށް އެމްޑީއޭއިން ގޮވާލައިފި

ލަންކާ ރައްޔިތުންގެ ކިބައިން ދިވެހި ސަރުކާރު މައާފަށް އެދުމަށް އެމްޑީއޭއިން ގޮވާލައިފިއެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ސަރުކާރަށް މިހެން ގޮވާލައިފައިވަނީ އަވަށްޓެރި ސްރީލަންކާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެފައި ކަމަށް ތުހުމަތު ކޮށްފައެވެ.

އެމްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ލަންކާގެ ރައްޔިތުންގެ ނުރުހުން އަމާޒުވެފައިވާ އެ ގައުމުގެ ރައީސް ގޮތަބަޔަ ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމުގެ ފުރުސަތު ދިވެހި ސަރުކާރުން ދީފައިވާތީ، އެކަން އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

“ގައުމުތަކުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް މިގޮތަށް ދިވެހި ދައުލަތުގެ ފަރާތުން ވަނުން މިއީ ވަރަށް ހިތާމަވެރި އެކަމުގެ
ގެއްލުން އެތައް ޖީލަކަށް ދެމިގެން ހިނގައިދާނޭ ކަމެކެވެ,” އެމްޑީއޭގެ ބަޔާނުގައި ވެއެވެ.

ސްރީލަންކާގެ ވައިގެ އަސްކަރިއްޔާގެ މަތިންދާ ބޯޓެއްގައި ގޮތަބަޔަ ރާއްޖެ ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ސަރުކާރުގެ ތެރެއިން މަސައްކަތް ކުރެއްވިކަމަށް ތުހުމަތުކޮށް އެމްޑީއޭ އިން ބުނީ އެ އަމަލަކީ އިގްތިސާދީ އަނދަވަޅެއްގައި އޮތް ސްރީލަންކާގެ ރައްޔިތުންގެ އިހުސާސްތަކުގައި ކޮޅުފައިން ޖެހުން ކަމަށެވެ.

“ލަންކާގެ ލޮބުވެތި ރައްޔިތުންގެ ކިބައިން މިކަމުގައި މައާފަށް
އެދުމަށްވެސް ދިވެހި ސަރުކާރަށް އަޅުގަނޑުމެން ގޮވައިލަމެވެ,” އެމްޑީއޭގެ ބަޔާނުގައި ވެއެވެ.

އެފަދަ އަމަލުތައް މުސްތަޤްބަލުގައި ތަކުރާރު ނުވާނޭ ގޮތަށް ދިވެހި ދައުލަތުގެ އެންމެހައި ފަރާތްތަކުން އަމަލުތައް ބެހެއްޓުމަށް ވެސް އެމްޑީއޭ އިން ވަނީ ގޮވާލައިފައެވެ.

ރާއްޖެއަކީ ޒަމާނުއްސުރެ ވަކި ފަރާތަކަށް ނުޖެހޭ، ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅެމުން އައި ގައުމެއްކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ ޤައުމުތަކުގެ ދާޚިލީ މައްސަލަތަކާ ގުޅޭގޮތުން ބަސް ބުނެ، ކުރިން އަމަލުކުރަމުން އައި ސިޔާސަތުތައް މުގުރާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން، އެ ހާދިސާ ހިނގައިދިޔަގޮތް ތަހްގީގްކޮށް، ކަން ހިނގާފައިވާގޮތް ދިވެހި ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެމްޑީއޭ އިން ވަނީ ގޮވާލާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close