ކޮންމެ ކަމެއްގައިވެސް ޤައުމުގެ މަސްލަހަތު އިސްކުރުމަށް ރައީސް އިލްތިމާސް ކުރައްވައިފި
ކޮންމެ ކަމެއްގައި ވެސް ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ، ޤައުމުގެ މަޞްލަޙަތަށް އިސްކަން ދިނުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން އިލްތިމާސް ކުރެއްވީ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބާގައި ދިވެހިރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސްގެ ޚިތާބުގައި ވިދާޅުވީ މި ބަރަކާތްތެރި ޢީދުގެ އުފާ ފާޅުކުރާއިރު، އެކަކު އަނެކަކަށް އެހީތެރިވެ ޢީދުގެ ހަދިޔާ ބަދަލުކޮށް ހެޔޮ ދުޢާކުރުމަކީ، އަޅުގަނޑުމެންގެ ހިތްތަކުގައިވާ ޙަސަދައިގެ ކިލަނބުކަން ފިލުވައި، އެއްބައިވަންތަކަމާއެކު ޤައުމާއިގެން ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭނެ ކަމެއްކަން ޔަޤީން ވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޙައްޖުގެ މަތިވެރި އަޅުކަމާ ވިދިގެން އަޟްޙާ ޢީދު ފާހަގަކުރުމަށް ކަނޑައެޅިފައި އޮތުމުން، ޙައްޖުގެ އަޅުކަމާ ގުޅިފައިވާ ޢިބްރަތްތެރި ފިލާވަޅުތަކުން، އަޅުގަނޑުމެން އިލްހާމް ލިބިގަންނަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ނަފްސު ޠާހިރު ކުރުމާއި، މީސްތަކުންގެ މެދުގައި ތަފާތު ނުކުރުމަށް ވެސް ރައީސް ވަނީއެދިވަޑައިގެންފައެވެ.
މީގެ އިތުރުން އެކުވެރިކަމާއި އެއްބައެއްގެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމާއި، ދަތިތަކާއި މުޞީބާތްތަކަށް ކެތްތެރިވުމަކީ ޙައްޖުގެ މަނާސިކުތަކުން ލިބިދޭ އެންމެ އަގުހުރި ދަރުސްތައް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހުގެ ޚިތާބުގައި މިއީ، މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ޤައުމީ އަދި އިޖްތިމާޢީ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށްޓަކައި، އަޅުގަނޑުމެންގެ މެދުގައި އާލާކުރަންޖެހިފައިވާ ކަންކަން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ މިފަދަ ކޮންމެ މުނާސަބަތަކީ، އަޅުގަނޑުމެން އެތައް ޢިބްރަތްތަކެއް ލިބިގަނެ، ދެދުނިޔޭގެ ކާމިޔާބީ ޙާޞިލްކުރުމަށް އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށް މަތިވެރި ފުރުޞަތެއް ކަމުގައެވެ. އަދި ޢީދުގެ އުފާ ފާޅުކުރާއިރު، މިއަދު އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ޢަޒުމަކަށް ހަދަންވީ، އެކަކު އަނެކަކާ މެދު ހިތް ސާފުކޮށް، ހިތްހެޔޮކަމާއި އެކުވެރިކަން މަތީގައި ދެމިތިބުމަށް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ވަނީ ވިދާޅުވެފައެވެ.
