ޖަޕާނުގެ ކުރީގެ ބޮޑުވަޒީރަށް ދިން ހަމަލާ ކުށްވެރި ކުރައްވައި، އަވަސް ޝިފާއަަކަށް ރައީސް އެދިވަޑައިގެންފި
މިއަދުގެ ހެދުނުގެ ވަގުތެއްގައި ޖަޕާނުގެ ނާރާ ސިޓީގައި ކެމްޕޭން އިވެންޓެއްގައި ވާހަކަ ދައްކަވަން ހުންނަވަނިކޮށް ދިން ބަޑީގެ ހަމަލާއެއްގައި ޒަޚަމްވެ މިހާރު ފަރުވާ ދެވެމުންދާ، ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒީ އަބޭއަށް ދިން ހަމަލާ ކުށްވެރި ކުރައްވައި، އެމަނިކުފާނަށް އަވަސް ޝިފާއަަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފިއެވެ.
ބަޑި ޖަހައި އަބޭއަށް ހަމަލާދީފައި ވަނީ ޖަޕާނުގެ ރަށެއް ކަމުގައިވާ ނާރާގައި ކުރިއަށްދިޔަ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަން ހުއްޓައެވެ. އޭނާގެ ހަށިގަނޑުގެ ދެ ތަނަކަށް ވަޒަން އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އުމުރުން 67 އަހަރުގެ އަބޭ މި ވަގުތު އޮތީ ޞިއްޙީ ގޮތުން ވަރަށް ނާޒުކު ހާލަތެއްގައި ކަމުގައި ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ވިދާޅުވިއެވެ. އަދި، އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ކިޝީޑާ ވިދާޅުވިއެވެ.
މިހަލާ ކުށްވެރި ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެމްޕެއިން ރެލީއެއްގެ ތެރެއިން އަބޭއަށް ހަމަލާދިން ހަބަރާއެކު ވަރަށް ކަންބޮޑުވެ ވަޑައިގެންނެވިކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނާއި އެމަނިކުފާނުގެ ނަން ފުޅުގައި އަބޭއަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސްގެ ޓްވީޓްގައި ވިދާޅުވިއެވެ.
ޖަޕާންގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރިކަން ކުރެއްވި އަބޭ އެގައުމުގައި އެންމެ ފުރަތަމަ ބޮޑުވަޒީރުކަން ކުރެއްވީ 2006 ވަނަ އަހަރުން 2007 ވަނަ އަހަރަށެވެ. އެއަށްފަހު 2012 އިން 2020 ވަނަ އަހަރާއި ހަމައަށް އޭނާވަނީ އެގައުމުގައި ބޮޑުވަޒީރުކަން ކުރައްވާފައެވެ.
އަބޭއަކީ އަދިވެސް ޖަޕާނުގައި ސިޔާސީ ގޮތުން ނުފޫޒު ގަދަ ބޭފުޅެކެވެ. މިހަލާއާއި ގުޅިގެން މިހާރު ވަނީ މީހަކު ހައްޔަރުކޮށްފައެވެ.


