ޚަބަރު

މާލެ ސިޓީ ކައުންސިލުގައި، މަގުތަށް ތަރައްޤީކުރުމުގެ ވިސްނުމެއްނެތް: އަކްރަމް


މާލޭ މަގުހެދުމުގެ މަޝްރޫޢު މާލެ ސިޓީ ކައުންސިލު އަތުންނެގީ، މަގުތަށް ތަރައްޤީކުރުމުގެ ވިސްނުން އެ ކައުންސިލުގައި ނެތުމުންކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

މާލޭ އަމީނީ މަގު ހެދުމުގައި ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީގެ ޚިޔާލުތަފާތުވުމާއި ގުޅިގެން ބޭއްވި ޕްރެސްކޮންފަރެންސްގައި، ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ޕީޕީއެމްގެ މެޖޯރިޓީއެއް އޮންނަ މާލޭ ސިޓީ ކައުންސިލުން މަގުހެދުމުގެ މަސައްކަތް ރަނގަޅު ފެންވަރެއްގައި ކުރިއަށް ނުގެންދާނެކަމަށެވެ.

މާލޭ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓަކީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންގަވައިގެން 2019 ވަނަ އަހަރު އިފުތިތާހުކުރި ޕްރޮޖެކްޓެކެވެ. އަކްރަމް ވިދާޅުވީ، އެ ޕްރޮޖެކްޓަށް ކޮންސެޕްޓް ޕްލޭނެއް ހެދުމަށްފަހު، އެ ޕްލޭން ފައިނަލް ކުރީ އޭރު އޮތް މާލޭ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ލަފައާއި މަޝްވަރާ ވެސް ހޯދައިގެންކަމަށެވެ.

އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލުން ވަނީ އަމީނީމަގު މަރާމާތުކުރަން އެ ކައުންސިލާ އާރްޑީސީއާ ދެމެދު 39 މިލިއަން ރުފިޔާއަށް އެއްބަސްވުމެއް ހަދާފައިވާކަމަށެވެ. ނަމަވެސް އެ މަސައްކަތް އަތުލައި ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ 84 މިލިއަން ރުފިޔާއަށް ކަމަށާއި އެހެންވެ، އެއީ ކޮރަޕްޝަންގެ އަމަަލެއް ކަމަށް ސިޓީ ކައުންސިލުން ތުހުމަތުކުރެއެވެ.

ނަމަވެސް އާރުޑީސީން ވަނީ އެފަދަ އެއްބަސްވުމެއް ނޯންނާނެކަމަށް ބުނެފައެވެ. އާރުޑީސީން ވަނީ މާލޭގެ ޖުމްލަ 15 މަގެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ނިންމާފައެވެ. އެ މަގުތަކުގެ ތެރޭގައި މާލޭ އަމީނީ މަގު، ޗާންދަނީ މަގު، ކަނބާ އައިސާ ރަނި ހިނގުން، ޝަހީދު ޢަލީ ހިނގުން، ޢިއްޒުދީން މަގު، ހަނދުވަރީ ހިނގުން، މުރަނގަ މަގު، ހަވީރީ ހިނގުން، މާވެޔޮ މަގު، މުއިވެޔޮ މަގު، ރައްދެބައި ހިނގުން، ލިލީ މަގު، އަލިކިލެގެފާނު މަގު، ލޮނުޒިޔާރަތް މަގު އަދި ސޯސަން މަގު ހިމެނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close