ވަޓްސްއެޕްގެ އާ ފީޗާއެއް – ގްރޫޕަށް އެއްފަހަރާ 512 މީހުން މިހާރު އެޑް ކޮށްލެވޭނެ!
ވަޓްސްއެޕް އިން އާ ފީޗާއެއް ތައާރަފްކޮށް، އެ މެސެޖިން ޕްލެޓްފޯމްގައި އެއްފަހަރާ ގްރޫޕެއްގައި މިހާރު އެޑްކުރެވޭ 256 މީހުންގެ ބަދަލުގައި 512 މީހުން އެޑްކޮށްލެވޭގޮތް ހަދައިފިއެވެ.
މިހާތަނަށް އައިއިރު މި ފީޗާ ލިބެން ހުރީ ހަމައެކަނި އެންޑްރޮއިޑް އަދި އައިއޯއެސް ބީޓާ ބޭނުންކުރާ ފަރާތްތަކަށް އެކަންޏެވެ. ފަންނުވެރިންނަށް ޓަކައި ބޮޑެތި ގްރޫޕްތައް އުފެއްދުމަށް ފީޗާއެއް އެ ކުންފުނިން އިއުލާންކޮށްފައި ވަނީ މިއަހަރުގެ ކުރީކޮޅު އެވެ.
މި ފީޗާ ގިނަ ޔޫޒަރުންނަށް މިއަދު ނެރުނު ކަމަށް ބުނެވެއެވެ. އަދި ފީޗާއަށް ނުވަދެވޭ ހާލަތެއްގައި ކަންބޮޑު ނުވުމަށާއި، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ލިބޭނެ ކަމަށް އެ ޕްލެޓް ފޯމްގެ ބެލެނިވެރި ކުންފުނި މެޓާ އިން ބުނެއެވެ.
އަލަށް އިތުރުކުރި ފީޗާ ލިބިފައިވޭތޯ ބަލަން ބޭނުންނަމަ ގްރޫޕެއް އުފައްދަން މަސައްކަތްކޮށްލެވިދާނެއެވެ. އޭރުން ސްކްރީންގެ މަތީގައި އިތުރުކުރެވޭނީ ކިތައް ބައިވެރިންތޯ ޗެކް ކޮށްލެވޭނެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި މިއީ މިއަހަރު ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް ލިބޭނެ ހަމައެކަނި ގްރޫޕް ފީޗާއެއް ނޫނެވެ. މީގެ އިތުރުން އިތުރު ފީޗާ ރޯލް އައުޓް ކުރުމަށް އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.
އެހެން ޚަބަރެއްގައިވާ ގޮތުން ވަޓްސްއެޕް އިން ދަނީ އާ ފީޗާއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދާއިރު، އެ ފީޗާގެ ސަބަބުން ލިންކް ކޮށްފައިވާ ޑިވައިސްތަކުގެ ނަން ވިޔަފާރި އެކައުންޓްތަކަށް ބަދަލު ކުރެވޭނެ ކަމަށެވެ. ފާހަގަކޮށްލެވޭ ކަމަކީ އެންޑްރޮއިޑް އަދި އައިއޯއެސް އަށް ވަޓްސްއެޕް ބީޓާގެ އެންމެ ފަހުގެ ވަރޝަންތައް ބޭނުންކުރާ ވިޔަފާރި އެކައުންޓްތަކަށް މި އަޕްޑޭޓް ލިބޭނެ ކަމަށް ވަޓްސްއެޕް އަޕްޑޭޓްތައް ޓްރެކްކުރާ ވެބްސައިޓް ޑަބްލިޔުއޭބީޓާއިންފޯ ޑޮޓްކޮމް އިން ރިޕޯޓްކޮށްފައިވާކަމެވެ.
ވަޓްސްއެޕްގެ ޕްރީމިއަމް ސަބްސްކްރިޕްޝަން ޕްލޭންތަކާއެކު ވަޓްސްއެޕް ބިޒްނަސް އެކައުންޓްތަކަށް އިތުރު ފީޗާސްތަކެއް ހުށަހެޅުމުގެ މަސައްކަތް ވެސް ވަޓްސްއެޕް އިން ދަނީ ކުރަމުންނެވެ. އެއީ ވިޔަފާރި އެކައުންޓްތަކަށް އިތުރު ފީޗާސްތައް ހުށަހެޅުމަށް އިޚްތިޔާރީ ސަބްސްކްރިޕްޝަން ޕްލޭނެކެވެ.
ވަޓްސްއެޕް ޕްރީމިއަމްގެ ސަބަބުން ވިޔަފާރިތަކަށް އެއް ވަޓްސްއެޕް އެކައުންޓަކަށް 10 ޑިވައިސް ލިންކްކޮށް ވަކިންނަންތައް ދެވޭނެއެވެ. އަދި ޕާސަނަލް ކަސްޓަމް ބިޒްނަސް ލިންކެއް ވެސް ބޭނުންނަމަ ހަދާލެވޭނެއެވެ.
އަދި މިހާރުވެސް ހިލޭ ލިބޭ ފީޗާއެއްގެ ގޮތުގައި 1 ފޯނަށް 4 ލިންކް އެޑް ކޮށްލުމާއިއެކު ޑެސްޓޮޕްއިން އެކްސަސްވާއިރު ފޯނުން އޮންލައިން ވާން ނުޖެހޭގޮތް ވަނީ ހަދާފައެވެ.

