ޔޫކްރެއިން ހަނގުރާމައިގެ ނާޖާއިޒު ފައިދާ ނެގުމަށް އައިސިސް ސަފޯޓަރުންނަށް ގޮވާލައިފި
ކުރީގެ ލީޑަރުގެ މަރުގެ ބަދަލު އައިސިސް އިން ހިފާނެ ކަމަށް ވައުދުވެ، ޔޫކްރެއިން ހަނގުރާމައިގެ ނާޖާއިޒު ފައިދާ ނެގުމަށް އައިސިސް ސަފޯޓަރުންނަށް ގޮވާލައިފިއެވެ.
އައިސިސް ޖަމާއަތުން އާދީއްތަ ދުވަހު ވަނީ އެ ޖަމާއަތުގެ ކުރީގެ ލީޑަރު މަރާލި މައްސަލާގައި “ބަދަލު ހިފާނެ” ކަމަށް ވައުދުވެ، ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ނާޖާއިޒު ފައިދާ ނަގައި، ޔޫރަޕަށް ހަމަލާތައް ދިނުމަށް ސަޕޯޓަރުންނަށް ގޮވާލާފަ އެވެ.
އަބޫ އިބްރާހިމް އަލް ޤުރައިޝީ އާއި އެ ޖަމާއަތުގެ ކުރީގެ ތަރުޖަމާނު ގެ މަރާއި ގުޅިގެން “الله އަށް ވަކީލުކޮށް ބަދަލު ހިފުމުގެ ބަރަކާތްތެރި ކެމްޕެއިނެއް” އިއުލާނު ކޮށް، ޓެލެގްރާމް މެސެޖިން އެޕްގައި އާންމުކުރި އޯޑިއޯ މެސެޖެއްގައި ބުނެފައި ވެއެވެ.
އެ ޖަމާއަތުގެ އާ ތަރުޖަމާނު އަބޫ-އޮމަރު އަލް މުހައްޖިރު ވެސް ވަނީ ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމާ ގުޅޭ ގޮތުން “އެއްބަޔަކު އަނެއް ބަޔަކާ ހަނގުރާމަ ކުރާ ކްރޫސޭޑާސް” ގެ “ލިބެން އޮތް ފުރުސަތުގެ” ބޭނުން ހިފައި، ޔޫރަޕްގައި ހަމަލާތައް އަލުން ފެށުމަށް ސަޕޯޓަރުންނަށް ގޮވާލައްވާފަ އެވެ.
ވައިޓް ހައުސް އާއި އެމެރިކާގެ ދިފާއީ އޮފިޝަލުން ވިދާޅުވާ ގޮތުގައި ހަނގުރާމަވެރި ޖަމާއަތުގެ ކުރީގެ ލީޑަރު މަރުވީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ހުޅަނގު އުތުރު ސީރިއާގައި އެމެރިކާ އިން ހިންގި އޮޕަރޭޝަނެއްގައި ބޮމުގެ ހަމަލާއެއްގައެވެ.
މާޗް މަހުގެ 10 ވަނަ ދުވަހު އެ ޖަމާއަތުން ވަނީ އޭނާ މަރުވިކަން ކަށަވަރުކޮށްދީ، އެ ޖަމާއަތުގެ ކުރީގެ ތަރުޖަމާނު އަބޫ ހަސާން އަލް-ހާޝިމީ އަލް ޤުރައިޝީ އާ ލީޑަރަކަށް ހަމަޖައްސާފައެވެ.
ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތް އުފެދުނު ފަހުން އެ ޖަމާއަތުގެ ތިންވަނަ އިސްވެރިޔާގެ ގޮތުގައި ހުންނެވި އާ ލީޑަރާ ބެހޭ ގޮތުން މާ ބޮޑު އެއްޗެއް ސާފެއް ނުވެއެވެ.
2019 ވަނަ އަހަރުގެ މާޗް މަހު އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ދިން އަސްކަރީ ހަމަލާއެއްގެ ދަށުން އެމީހުންގެ އެންމެ ފަހު ސަރަހައްދު ގެއްލުވާލުމަށް ފަހު، ސީރިއާގައި އައިސިސްގެ ބާކީ ތިބި މީހުން އެންމެ ގިނައިން ދިޔައީ ފަޅު ސަރަހައްދުތަކަށެވެ.
އެމީހުން ވަނީ ކުރުދީ ހަނގުރާމަވެރިންނާއި ސޫރިޔާ ސަރުކާރުގެ ފައުޖުތަކަށް ހަމަލާދިނުމަށް މިފަދަ ތަންތަން ބޭނުންކޮށްފައިއެވެ. ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިން އަދިވެސް ދަނީ އިރާގުގައި ހަމަލާތައް ދެމުންނެވެ.


