އެސްއެމްއީ ލޯނަށް އެދި ހުށަހަޅަން ފުރުސަތު ހުޅުވާލައިފި
ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރަން އުފައްދާފައިވާ އެސްއެމްއީ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެސްޑީއެފްސީން ރޭ ކުރި ޓުވީޓެއްގައި ބުނީ ދަނޑުވެރި ކަމަށާއި ވިޔަފާރިއަށް ބޭނުންވާ ލޯނަށް އެދުމުގެ ފުރުސަތު އެކޯޕޮރޭޝަނުން 10 އޭޕްރިލް ވާ އާދީއްތަ ދުވަހު(މިއަދު) ހުޅުވާލާނެ ކަމަށެވެ. އަދި އެ ދެލޯނަށް އެދި މިއަދުން ފެށިގެން ފޯމު ހުށަހެޅޭނެ ކަމަށް އެ ކޯޕޮރޭޝަނުން ބުނެފައިވެ އެވެ.
އޭގެ އިތުރުން އެސްޑީއެފްސީން އިތުރަށް މައުލޫމާތު ދޭގޮތުގައި، އެކޯޕަރޭޝަނުން ދޫކުރާ އެހެނިހެން ލޯނުތައް މެއި މަހު ހުޅުވާލާނެ ކަމަށާއި އެސްޑީއެފްސީގެ ލޯނުތަކަށް އެދެން ބޭނުންވާ ފަރާތްތަކަށް އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަަމަށެވެ.
އެސްޑީއެފްސީއަކީ ސަރުކާރާއި ބައެއް ސިޓީ ކައުންސިލްތައް ހިއްސާވެގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. އެކުންފުނިން މިދިޔަ އަހަރު އެކަނިވެސް އަތޮޅުތެރޭގެ 144 ރަށެއްގައި ވިޔަފާރި ކުރިއެރުވުމަށް ލޯނު ދޫކޮށްފައިވެ އެވެ.


