އައިސިސްއާއި އަލްޤައިދާ ޖަމާޢަތަށްނިސްބަތްވާ 81 މީހެއްގެ މައްޗަށް ސައޫދީގައި މަރުގެ ހުކުމް ތަންފީޒުކޮށްފި
އައިސިސްއާއި އަލްޤައިދާ ޖަމާޢަތަށްނިސްބަތްވާ 81 މީހެއްގެ މައްޗަށް ސައޫދީގައި މަރުގެ ހުކުމް ތަންފީޒުކޮށްފިކަމަށް ސައޫދީ ސަރުކާރުން ބުނެފިއެވެ.
ސަޢުދީ ޢަރަބިއްޔާގެ ދާޚިލީ ވުޒާރާއިން ހޮނިހިރު ދުވަހު އިޢުލާނުކޮށްފައިވަނީ އައިސިސްއާއި އަލްޤައިދާއާއެކު މަސައްކަތްކޮށް، މީހުން މެރުމާއި ރޭޕްކުރުންފަދަ ޖަރީމާތައް ހިންގާފައިވާކަމުގެ ތުހުމަތުގައި 81 ކުށްވެރިއެއްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކޮށްފައިވާކަމަށެވެ.
ސައުދީ ރައްޔިތުންނާއި އެހެނިހެން ޤައުމުތަކުގެ މީހުންނަށް މަރުގެ ހުކުމް އިއްވާފައިވަނީ، އަޅުކަންކުރާ ތަންތަނަށާއި، ސަރުކާރުގެ މުއައްސަސާތަކަށް އަމާޒުކޮށް ހަމަލާދިނުމާއި، ސަލާމަތީ އޮފިސަރުން މެރުމާއި، މައިން ތައް ވަޅުލުމާއި، މީހުން ވަގަށް ނެގުމާއި، ޓޯޗާ ކުރުމާއި، ރޭޕް ކުރުމާއި، ހަތިޔާރު ބޭނުންކޮށްގެން ފޭރުމުގެ ޖަރީމާތައް ހިންގުން ފަދަ ކުށް ސާބިތުވެފައިވާ މީހުންނަށެވެ.
އެ ޖަރީމާތަކުގެ ތެރޭގައި ގައުމު ހަލަބޮލި ކުރުމުގެ ބޭނުމުގައި ހަތިޔާރު އެތެރެކުރުމާއި ފިތުނަ އާއި ފަސާދަ އަށް ހިތްވަރު ދިނުމުގެ އިތުރުން “ޓެރަރިސްޓް” އައިސިސް އާއި އަލްގައިދާ އާއި އީރާނުން ވާގިވެރިވާ ހޫތީ ޖަމާއަތްތަކާއި ސައުދީ އަރަބިއްޔާއާ ދެކޮޅު އެހެން ޓެރަރިސްޓް ޖަމާއަތްތަކުގެ ރޭވުންތައް ތަންފީޒު ކުރުން ވެސް ހިމެނެ އެވެ.
އެ ކުށްވެރިންގެ މައްޗަށް ކުށް ސާބިތުވީ ކަމާ ގުޅޭ ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތްތަކަށް ފަހު ކަމަށާއި މަރުގެ ހުކުމް ތައް އިސްތިއުނާފު ކޯޓާއި ސުޕްރީމް ކޯޓުން ފާސްކޮށް، އެ ގޮތަށް ތަންފީޒު ކުރުމަށް ރޯޔަލް އޯޑަރެއް ނެރެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ.
ކުށް ސާބިތުވި މީހުންގެ ތެރޭގައި އައިސިސްއާ ގުޅިގެން މަސައްކަތް ކުރި ޔަމަނުގެ ފިރިހެނަކާއި ސެކިއުރިޓީ އޮފިސަރަކާއި ސައޫދީ ދެ މީހަކު ވެސް މަރާލި އިރު، އައިސިސްއާ އެކު މަސައްކަތް ކުރި ދެ ސެކިއުރިޓީ އޮފިސަރަކު މަރާލައި، ސައުދީ އަރަބިއްޔާގައި ތިބި ރައްޔިތުންނާއި ބޭރު މީހުންނަށް އަމާޒުކޮށް ހަމަލާދޭން ރޭވި ކަމަށް ވެސް އެ ގައުމުން ވަނީ ރާވައިފަ އެވެ.
ޔަމަނުގެ ތިން މީހެއްގެ މައްޗަށް ކުށް ސާބިތުވީ ސަލާމަތީ ދެ އޮފިސަރަކު މަރާލުމާއި ހޫތީންނާ ގުޅުން އޮންނަ “ޓެރަރިސްޓް” ޖަމާއަތެއް އުފެއްދުމާއި ބޮން ގޮއްވުމާއި ހަތިޔާރު އެތެރެކުރުމުގެ ކުށުގަ އެވެ.
ސައޫދީ ފިރިހެނެއްގެ މައްޗަށް ކުށް ސާބިތުވީ، ސައުދީ އަރަބިއްޔާއިން ބޭރުގައި “ޓެރަރިސްޓް” ޖަމާއަތްތަކުގެ އޯޑަރު ލިބޭ ގޮތަށް، މީހުން ވަގަށް ނެގުމާއި، ސެކިއުރިޓީ އޮފިސަރަކަށް އަނިޔާކުރުމާއި، މީހުން މެރުމާއި، “ޓެރަރިސްޓް” ސެލްތައް އުފެއްދުމުގެ ކުށުގައެވެ.
ސައުދީ ދެ ފިރިހެނެއްގެ މައްޗަށް ސާބިތުވީ އެމީހުންގެ މަންމަ މަރާލި ކަމުގެ ދައުވާ އާއި ބައްޕަ އާއި ބޭބެ މަރާލަން އުޅުނު ކަމުގެ ދައުވާ އެވެ.
ސައޫދީ ގެ އިތުރު އެތައް ފިރިހެނަކާއި ސީރިއާގެ ފިރިހެނަކު “ޓެރަރިސްޓް ސެލްތައް” އުފެއްދުމާއި އައިސިސް އާއި އެހެން “ޓެރަރިސްޓް” ޖަމާއަތްތަކާ ގުޅުން އޮންނަ ކަމާއި ސަލާމަތީ އޮފިސަރުންނާއި ފުލުހުންގެ މަރުކަޒުތަކަށް ބަޑިޖަހައި މެރުން ފަދަ ތަފާތު ކުށްތައް ސާބިތުވި އެވެ.
ޔަމަނުގެ ތިން ފިރިހެނަކާއި ސައޫދީ ފިރިހެނެއްގެ މައްޗަށް ސާބިތުވީ، ސައުދީ އަރަބިއްޔާއާ ދެކޮޅު ބޭރުގެ ފަރާތަކާ މުއާމަލާތް ކުރުމުގެ ކުށުގައި، އެ މީހުންނަށް އަމާޒުކޮށް ހަތިޔާރާއި ހޭންޑް ގްރެނޭޑް އެތެރެކުރުމުގެ ބޭނުމުގައި، ސަރުކާރުގެ އިމާރާތްތަކުގެ ކޯޑިނޭޓްތައް ސަޕްލައި ކުރުމުގެ ކުށެވެ.



