ސެމްސަންގ ގެލެކްސީ ސޯސް ކޯޑް ހެކަރުން ވަގަށް ނެގިކަން ސެމްސަންގ އިން ކަށަވަރު ކޮށްދީފި
ސެމްސަންގް އިން ގެލެކްސީ ޑިވައިސްތަކަށް ބޭނުންވާ އިންޓާނަލް ކޮމްޕެނީ ޑޭޓާ އާއި ސޯސް ކޯޑް ހެކަރުން ކާމިޔާބު ކަމާ އެކު ވަގަށް ނަގައިފި ކަމަށް ދެކުނު ކޮރެއާގެ ޓެކް ކުންފުނިން މިއަދު ކަށަވަރުކޮށްދީފި އެވެ.
މި ބްރީޗްގެ ޚަބަރުތައް އެންމެ ފުރަތަމަ ފެންމަތިވީ މި މަހުގެ ކުރީކޮޅު އެވެ. ދާދި ފަހުން އެންވީޑިއާ ހެކްކުރި އެ ގްރޫޕުން ވަނީ ގެލެކްސީ ހާޑްވެއާގައި އެންކްރިޕްޝަން އަދި ބަޔޯމެޓްރިކް އަންލޮކިން ފަންކްޝަންތަކަށް ސެމްސަންގް އިން ބޭނުންކުރާ ސޯސް ކޯޑް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 200 ޖީބީގެ ޑޭޓާ ވަގަށް ނަގާފައިވާ ދައްކުވައިދޭ ސްކްރީންޝޮޓްތަކެއް ހިއްސާކޮށްފަ އެވެ.
ސެމްސަންގުން މިއަދު ނެރުނު ބަޔާނެއްގައި ހެކަރުންގެ އައިޑެންޓިޓީ ކަށަވަރުކޮށް ، އަދި އެކަން ދޮގުކޮށްފައި ނުވާއިރު، އެންކްރިޕްޝަނާއި ބަޔޯމެޓްރިކްސްއާ ގުޅުން ހުރި ޑޭޓާ ވަގަށް ނެގިކަން ސެމްސަންގުން ވަނީ ކަށަވަރުކޮށްދީފައެވެ.
ނަމަވެސް އެ ކުންފުނިން ބުނީ އެއްވެސް ޕާސަނަލް ޑޭޓާއެއް ނަގާފައި ނުވާ ކަމަށެވެ.
ބްލޫމްބާގް ނިއުސް އާއި ސޭމްމޯބައިލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި “އެތެރޭގެ ބައެއް ކުންފުނީގެ ޑޭޓާތަކާ ގުޅުން ހުރި ސެކިއުރިޓީ ބްރީޗްއެއް” ވަނީ ފެންމަތިވެފަ އެވެ.
“އަޅުގަނޑުމެންގެ އިނީޝިއަލް އެނަލިސިސްއަށް ބަލާއިރު، މި ބްރީޗްގައި ގެލެކްސީ ޑިވައިސްތައް އޮޕަރޭޓް ކުރުމާ ގުޅުން ހުރި ބައެއް ސޯސް ކޯޑް ހިމެނޭ، އެކަމަކު އޭގެ ތެރޭގައި އަޅުގަނޑުމެންގެ ކޮންސިއުމަރސް ނުވަތަ މުވައްޒަފުންގެ ޕާސަނަލް މައުލޫމާތު ނުހިމެނޭ. މިހާރު އަޅުގަނޑުމެން ޤަބޫލެއް ނުކުރަން އަޅުގަނޑުމެންގެ ވިޔަފާރިއަށް ވެސް އަދި ކަސްޓަމަރުންނަށް ވެސް އެއްވެސް އަސަރެއް ކުރާނެ ކަމަކަށް. މިފަދަ އިތުރު ހާދިސާތަކުން ރައްކާތެރިވުމަށް އަޅުގަނޑުމެން ވާނީ ފިޔަވަޅުތައް އަޅާފައި އަދި ކަސްޓަމަރުންނަށް އެއްވެސް ބުރޫއެއް ނާރާ ގޮތަށް ހިދުމަތް ދިނުމުގައި ދެމިތިބޭނަން.” ސެމްސަންގ ގެ ބަޔާނުގައި ވެއެވެ.
ދާދި ފަހުން އެންވީޑިއާ ހެކް ކުރި މައްސަލާގައި ހެކްކުރި ގްރޫޕެއް ކަމަށްވާ ލެޕްސުސް$ އިން ވަނީ އެ ކުންފުނި ބްލެކްމެއިލް ކުރަން މަސައްކަތްކޮށް، އެންވީޑިއާ އިން ބައެއް ޖީޕީޔޫތަކުން ކްރިޕްޓޯކަރަންސީ މައިނިންގް ލިމިޓަރުތައް ވަކިކޮށް، މި ވީޑިއޯ ކާޑުތަކުގެ ޑްރައިވަރުންނަށް އޯޕަން ސޯސް އަކަށް ނުހަދައިފިނަމަ އޮންލައިންކޮށް ޑޭޓާ ލީކުކޮށްލާނެ ކަމުގެ އިންޒާރު ދީފައެވެ.
ނަމަވެސް ސެމްސަންގް އަށް ލެޕްސުސް ޑޮލަރުން އެއްވެސް ނުރައްކަލެއް ކުރިމަތި ވިކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ.


