ދީން ރަމަޟާންމަހަށް ހިތާއި ނަފްސު ތައްޔާރު ކުރާށެވެ. (އެއްވަނަ ބައި)

ރަމަޟާންމަހަށް ހިތާއި ނަފްސު ތައްޔާރު ކުރާށެވެ. (އެއްވަނަ ބައި)

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނަފުސު ހޭލައްވާލަ ދޭށޭ އަންނަނީ ރަމަޟާން ކަރީމް

ޣަފްލަތާ ވަކި ކޮށްލަ ދޭށޭ އަންނަނީ ރަމަޟާން ކަރީމް

ވަގުތުތަކާއި ދުވަސްތައް ގުނަމުން އަނެއްކާވެސް އަޅުގަނޑުމެންނަށް ރަމަޟާންމަހާއި ބައްދަލުވުމަށް މިވަނީ 26 ދުވަހަށް ވެފައެވެ. އެއީ ހެޔޮކަމުގެ މަހެވެ. އެކުވެރިކަމާއި އުޚުވަތްތެރިކަމުގެ މަހެވެ. އަޅުކަމުގެ މަހެވެ. ދިރިއުޅުމުގެ އާދަކާދައަށް ނުހަނު ބޮޑަތި ބަދަލުތަކެއް ގެނެސްދޭ މައްސަރެކެވެ. ނުބައި ޢަމަލުތައް ކުރުމުން ދުރުވެ ގިނަބަޔަކު ތަވުބާވެގެންދާ މައްސަރެކެވެ. ޤުރުއާނުގެ އަޑުން މިސްކިތްތައް ގުގުމައިގެންދާ މައްސަރެކެވެ. މީސްތަކުންނާއިގެން ނަމާދުވަގުތުގައި މިސްކިއްތައް ތޮއްޖެހިގެންދާ މައްސަރެވެ.

މިވަގުތު ދުނިޔެވީ ކަންކަމުގައި ކިތަންމެ ފޯރިނަގައިފައި އުޅުނުކަމުގައިވިޔަސް، އެމާތްމައްސަރުގެ ޙުރުމަތަށްޓަކައި އެމައްސަރުގައި އެއްވެސްވަގުތެއް އަޅުކަމުގައި ފިޔަވާ ހޭދަނުކޮށްލުމަށެވެ. އެހެނީ އެމާތް މައްސަރަކީ އަޅުގަނޑުމެންނަށްލިބޭ ވަރަށްބޮޑު ރަޙްމަތެކެވެ. އެމައްސަރަކީ ކޮންމެ މުސްލިމަކަށްމެ ޚާއްޞަވެގެންދާ މައްސަރަކަށްވާތީވެއެވެ. ރޯދައަށްހުރެ ގިނައިން ހެޔޮޢަމަލުކުރުންމަތީ ދެމިތިބުމަށް މިވަގުތުންފެށިގެން ޢަޒުމްކަނޑަޅާށެވެ. އެބަރަކާތްތެރިމައްސަރުގައި ބޭކާރު އެއްވެސްކަމެއްގައި ޝާމިލްނުވުމަށް މިވަގުތުންފެށިގެން ނިންމާށެވެ.

ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ ވަރަށް ގިނަ ކަންކަން ހުންނާނެއެވެ. އެގޮތުން ގެދޮރު ސާފުޠާހިރުކުރުމަކީވެސް ރަމަޟާންމަހަށްޓަކައި ވެވޭ ތައްޔާރެކެވެ. ހަމައެގޮތުން މީހާގެ ކިބައިގައި ހުރި އުނިކަންތައް ހޯދާ އެކަންކަން އަމިއްލައަށް އިޞްލާޙުކުރުމަކީވެސް ރަމަޟާންމަހަށް ވެވޭ ތައްޔާރީއެކެވެ. ރޭގަނޑުގެ އަޅުކަންކުރުމަށް ތިބާގެ އަމިއްލަ ނަފުސު ހޭނުމަކީވެސް އެކަމަށްޓަކައި ވެވޭ ތައްޔާރީއެކެވެ. ޤުރްއާން އުނގެނުމަށާއި ޤުރްއާން ކިޔެވުމަށް ވަޤުތު ހޯދާ އެކަމައިގެން އުޅުމަކީވެސް އެކަމަށްޓަކައި ވެވޭ ތައްޔާރީއެކެވެ.

އަދި ވަކިން ޚާއްޞަ މިހާރު މިހިނގަމުންދާ ޝަޢުބާން މަހަކީވެސް ރަމަޟާންމަހަށް ތައްޔާރުވުމަށްޓަކައި ލިބިފައިވާ ރަނުގެ ފުރުޞަތެކެވެ. ރަމަޟާންމަހަށް މީހާ ހުރިހާ ގޮތަކުންވެސް ތައްޔާރުވުމަށް ލިބޭ ދުވަސްތަކެކެވެ. މިދުވަސްތަކުގައި ރޯދަހިފުން ގިނަކުރުމަށް ނަބަވީ އިރުޝާދުގައި އައިސްފައިވެއެވެ. މިމަހަކީ އެމަހަކާއިމެދު ގިނަބަޔކު ޣާފިލުވެފައިވާ މަހެއްކަމަށް ޙަދީޘް ބަސްފުޅުތަކުން އައިސްފައިވާއިރު، އެފަދަ މީހުންގެ ތެރެއިން ތިބާ ނުވުމަށް ގަދައަޅާ މަސައްކަތްކުރާށެވެ. ހެޔޮޢަމަލު ކުރުން ގިނަކޮށް، ހެޔޮޢަމަލު ކުރުމުގައި އިޚްލާޞްތެރިވެ، ﷲ ޙަޟްރަތުން މަޣްފިރަތަށް އެދޭށެވެ. އަދި ރަމަޟާންމަހާއި ބައްދަލުވެ އެމަހުގައި ހެޔޮޢަމަލު ކުރުމުގެ ހެޔޮ ތައުފީޤުދެއްވުން އެދި ދަންނަވާށެވެ. ގިނަގިނައިން އިސްތިޣްފާރުކޮށް ﷲ ހަނދުމަކުރުންމަތީ ވަގުތުތައް ހޭދަކުރާށެވެ.

އަޅުގަނޑުގެ ދުޢާއަކީ މި މާތްމައްސަރު ހެޔޮގޮތުގައި ހިފުމުގެ ހެޔޮތައުފީޤު އަޅުގަނޑަށާއި ތިޔައެންމެ ލޮބުވެތި މުސްލިމުންނަށް އަޚުންނާއި އުޚުތުންނަށް މިންވަރު ކޮއްދެއްވުމެވެ. އާމީން

ޓެގް

ރަމަޟާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.