އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައިވާ އިމްތިޔާޒް ފަހުމީ، ކެންޑިޑެންސީ ހުށައަޅުއްވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރެއްވުމަށްޓަކައި ތާއީދު ފޯމާއި ކެންޑިޑެންސީ ފޯމް ފުރިހަމަ ކުރައްވައި އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީއަށް ރޭ ހުށައަޅުއްވާފައިވާ ކަމުގައި އިމްތިޔާޒް ފަހުމީ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ސްޕޯކްސް ޕާސަންގެ މަޤާމާއި އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު ކަމުގެ މަޤާމުގައި ހުންނެވި އިމްތިޔާޒް ފަހުމީ ވަނީ އޭނާގެ ތާއީދު ފޯމްތަކުގައި ސޮއެ ކުރެއްވުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މަންމާފުޅާއި ބައްޕާފުޅުގެ އަރިހަށް ވަޑައިގެންފައެވެ.
މިއިންތިޚާބުގައި ރައީސް ނަޝީދުގެ އާއިލީ ގިނަ ބޭފުޅުން ތިއްބެވީ އިމްތިޔާޒު ފަހުމީގެ ފަހަތުގައެވެ.
ދެން އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ގަމުދާއިރާ ތަމްސީލު ކުރައްވާ އަދި އިކޮނިމިކް މިނިސްޓަރުގެ މަޤާމުގައި ހުންނެވި، ފައްޔާޒު އިސްމާއީލެވެ.
ފައްޔާޒު ކެންޑިޑެންސީ ހުށައެޅުއްވިކަން މިހާތަނަށް އަދި ހާމަކުރައްވާފައެއް ނުވެއެވެ.
އެމްޑީޕީގެ ޗެއާޕަސަންގެ މަޤާމަށް ބޭފުޅަކު ހޮވުމާއި އަދި އެމްޑީޕީގެ އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިއްވަރުގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ އިންތިޚާބު ބޭއްވުމަށް ހަމަޖައްސާފައި ވަނީ، މިއަންނަ އޭޕްރީމަހުގެ 16 ވަނަ ދުވަހުގައެވެ.
އަދި މިއިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ކެންޑިޑެންސީ ހުށައެޅުމަށް ދީފައިވާ އެންމެ ފަހު މުހުލަތަކީ، މިހިނގާ ފެބުރުއަރީ މަހުގެ 19 ވަނަ ދުވަހުގެ 16:00 އެވެ.
މި އިންތިޚާބުގައި ވޯޓު ދެވޭނީވެސް އެ ސުންގަޑި އާއި ހަމައަށް އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ޕާޓީގެ ދަފްތަރުގައި ރެޖިސްޓްރީ ވެފައިވާ ފަރާތަކަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...