ޚަބަރު އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް އިންތި ވާދަކުރައްވަނީ

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް އިންތި ވާދަކުރައްވަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް


ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވާދަކުރައްވަން ނިންމަވައިފިއެވެ.

އިންތި މިމަޤާމަށް ވާދަކުރައްވަން ނިންމަވާފައިވަނީ، މިމަޤާމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލް ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައި ވަނިކޮށެވެ. އަދި އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރުވެސް ވަނީ މި މިމަޤާމަށް ވާދަކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އިންތި އަދި ރަސްމީކޮށް މިމަޤާމަށް ވާދަކުރައްވާނެކަމަށް އިއުލާން ނުކުރެއްވި ނަމަވެސް އޭނާ ގެންދަވަނީ އެމްޑީޕީގެ އިސްބައެއް ބޭފުޅުންނާއި، އާންމު މެމްބަރުންނާއިވެސް މިކަމުގައި މަޝްވަރާ ކުރަމުންނެވެ. އިންތި ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވަން ނިންމަވާފައިވަނީ މިމަޤާމަށް އޭނާއަށް ކެމްޕެއިންވެސް ބައެއް ފަރާތްތަކުން ކުރަމުންދަނިކޮށެވެ.

މިއިންތިޚާބުގައި މިނިސްޓަރ ފައްޔާޟް އިސްމާއިލް ވާދަކުރައްވަން ނިންމުމާއި ގުޅިގެން ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންގެ ތެރެއިން މިމަޤާމަށް ބޭފުޅަކު ވާދަކުރައްވާނެކަމަށް ގިނަބަޔަކު ދިޔައީ ބުނަމުންނެވެ. ފައްޔާޟަކީ ރައީސް ޞާލިހު އެންމެ އިތުބާރު ކުރައްވާ އެއްވަޒީރެވެ. މިނިސްޓަރު ކަމުގެ މަޤާމުން ފައްޔާޟު ވަކިކުރުމަށް އެމްޑީޕީގެ ރައީސް ނަޝީދު މަސައްކަތް ކުރެއްވުމުންވެސް ސީދާ ރައީސް ޞާލިހު ވަނީ ފައްޔާޟުގެ ދިފާއުގައި ނުކުންނަވައި ފައްޔާޟަށް ފުރިހަމަ އިތުބާރު ކުރައްވާކަމަށް ވިދާޅުވެފައެވެ.

މެމްބަރު އިންތިއަކީ، ރައީސް ނަޝީދަށް ވަރަށް ލޯޔަލް އަދި ރައީސް ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅަކެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަކީ ޕާޓީގެ ހިންގުމުގެ އެންމެ އިސްފަރާތަށްވާއިރު، މިމަޤާމަކީ އެމްޑީޕީގެ އެންމެ ބާރުގަދަ އެއްމަޤާމެވެ. ރިޔާސީ އިންތިޚާބަށް ގާތްވަމުންދާއިރު މިމަޤާމަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ބޭފުޅަކަށްވެސް މުހިންމު މަޤާމެކެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް މިއަދު ހުޅުވާލާނެއެވެ. އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ. އެމްޑީޕީގެ އަސާސީ ޤަވާޢިދުގައި ބުނެފައިވަނީ، އިންތިޚާބު ބޭއްވުމުގެ 60 ދުވަސް ކުރިން އެއިންތިޚާބަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި، ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭންވާނެކަމަށެވެ.

ޓެގް

އިންތި އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.