ދީން

ސުންނަތް ހެއަރ ސްޓައިލްސް

އިމާމް އިބްނު ޤުދާމާ، އަލްމަޤްދިސީ (އަލްމުޣްނީ ގައި) ވިދާޅުވިއެވެ:

فصل واتخاذ الشعر أفضل من إزالته

🔻 ފަޞްލު: ބޯ ކޮށުމަށް ވުރެ މޮޅު އިތުރު ވެގެންވަނީ ދިގުކުރުމެވެ.

ގުޅުންހުރި ލިޔުންތައް

އަބޫ އިސްޙާޤު ވިދާޅުވިއެވެ: އިސްތަށިގަނޑު ދިގުކުރާ ފިރިހެނާ އާއި ބެހޭ ގޮތުން އަބޫ ޢަބްދުﷲ (އަޙްމަދު ބުނު ޙަންބަލް) އާއި ސުވާލުވެވުނެވެ. ވިދާޅުވިއެވެ: ”ހެޔޮ ސުންނަތެކެވެ. (سنة حسنة އެކެވެ. ބިދުޢައަކަށް ނުވާ ހެވެކެވެ.) އަހަރެމެންނަށް އެކަން ކުރެވޭނޭނަމަ އެކަން ކުރީހެވެ.“ އަދި ވިދާޅުވިއެވެ: ”ނަބިއްޔު ﷺ (އިސްތަށިފުޅު) “ޖުއްމަތު” ކޮށް ހުންނެވިއެވެ.“ އަދިވެސް ވިދާޅުވިއެވެ: ”ނަބިއްޔު ﷺ ގެ އަޞްޙާބުން ކުރެ ނުވަ ބޭކަލެއްގެ ބޯ ދިގުކޮށް ހުންނެވިއެވެ.“ އަދި ވިދާޅުވިއެވެ: ”އަދި އެބޭކަލުންތެރޭ (އެބަހި: އަޞްޙާބުން ތެރޭ) ދިހަ ބޭކަލެއްގެ (އިސްތަށިފުޅު) ވަނީ “ޖުއްމަތު” ކޮށެވެ.“ އަދިވެސް ވިދާޅުވިއެވެ: ”އަދި ބައެއް ޙަދީޘް ގައި ވަނީ: ”ނަބިއްޔު ﷺ އިސްތަށިކޮޅު ވީކަން ކަށަވަރީ ކަންފަތު ފޫޅާއި ހަމައަށެވެ.“ އަދި (އެނޫން) ބައެއް ޙަދީޘްގައި ”ކޮނޑާއި ހަމައަށެވެ.“

 އަދި އަލްބަރާއު ބުނު ޢާޒިބު ރިވާޔަތުގައި، ވިދާޅުވިއެވެ: ”ދިގު އިސްތަށިގަނޑަކާއި ރަތް “ހުއްލާ” ހެދުންކޮޅެއްގައި ރަސޫލު ﷲ صلى الله عليه وسلم އަށްވުރެ ރިވެތި ބޭފުޅެއް އަހަރެން ނުދެކެމެވެ. ކޮނޑުގައި ޖެހޭވަރަށް ދިގު އިސްތަށިގަނޑެއް އެކަލޭގެފާނުގެ އޮންނެވިއެވެ.“ متفق عليه (އަލްބުޙާރީ އާއި މުސްލިމް)

އަދި އިބްނު ޢުމަރުގެ ރިވާޔަތުގައި، ނަބިއްޔު ﷺ އަރިހުން، ޙަދީޘްކުރެއްވިއޭ: { رأيت ابن مريم له لمة } ”ތިމަންކަލޭގެފާނު، މަރިޔަމުގެ ދަރި (އެބަހީ: ޢީސާގެފާނު) ދެކެވަޑައިގަތީ މެވެ. އެކަލޭގެފާނުގެ (އިސްތަށިފުޅު) ވަނީ “ލިއްމަތު” ކޮށެވެ.“

އަލްޚައްލާލް ވިދާޅުވިއެވެ: އަޙްމަދު ބުނު ޔަޙްޔާ އަރިހު — އެބަހީ ޘަޢުލަބާ އަރިހު — اللمة (އައްލިއްމަތު) އާއި ބެހޭގޮތުން ތިމަން ސުވާލު ކުރީމެވެ. ވިދާޅުވިއެވެ: ”އެއީ ކަންފަތުފޫޅާއި ހަމައަށް އޮންނަ އިސްތަށިގަނޑެވެ.“

އަދި الجمة (އަލްޖުއްމަތު) އަކީ އެއަށްވުރެ ދިގެވެ.

(އެހެނަސް) ކުރިން ޛިކުރުވެވުނު އަލްބަރާއު ބުނު ޢާޒިބްގެ ޙަދީޘް ގައި ވަނީ ”ކޮނޑުގައި ޖެހޭވަރަށް ދިގު އިސްތަށިގަނޑެއް އެކަލޭގެފާނުގެ އޮންނެވި“ ކަމަށެވެ. އަދި އޭގައި އެކަލޭގެފާނު އެއިސްތަށިފުޅަށް ވިދާޅުވީ “ލިއްމަތު” ކަމަށެވެ. (އަދި ޖުއްމަތު އަކީ އެއަށްވުރެ ދިގެވެ.)

މުސްތަޙައްބު ވެގެންވަނީ، އިންސާނާގެ އިސްތަށިގަނޑު ނަބިއްޔު ﷺ ގެ އިސްތަށިކޮޅުގެ ސިފަޔަށް ވުމެވެ. ދިގުނަމަ، ދެކޮނޑާއި ހަމައަށެވެ. އަދި ކުރުނަމަ އޭނާގެ ކަންފަތު ފޫޅާއި ހަމައަށެވެ.

އަދި އެޔަށްވުރެ ދިގު ކުރިޔަސް އޭގައި މައްސަލައެއް ނެތެވެ. (އިމާމް) އަޙްމަދު އަރިހުން މިފަދައިން ޤައުލުފުޅުވެއެވެ. އަދި (އަޙްމަދު) ވިދާޅުވިއެވެ: (އިތުރު ޞަޙާބީ) އަބޫ ޢުބައިދާގެ އިސްތަށިގަނޑު އޮންނަވަނީ ދެބަޔަށް ގަތުއްވާފައެވެ. އަދި ޢުޘްމާނުގެފާނުގެ އިސްތަށިގަނޑުވެސް އޮންނަވަނީ ދެބަޔަށް ގަތުއްވާފައެވެ.

ވާއިލް ބުނު ހުޖްރު ވިދާޅުވިއެވެ:  އިސްތަށިގަނޑެއް ވޭމެ ތިމަންކަލޭގެފާނު، ރަސޫލު ﷲ ﷺ އަރިހަށް ދިއައީމެވެ. ތިމަންކަލޭގެފާނު ފެނުމާއިއެކު ޙަދީޘް ކުރެއްވިއެވެ: {ذباب ذباب} ”ނުބައިކަމެވެ. ނުބައިކަމެވެ.“ ދެން އެނބުރިގޮސް، އެ ބުރިކޮށް، އޭގެ އަނެއްދުވަހު ދިއައިމެވެ. އެހެންކަމުން ޙަދީޘް ކުރެއްވިއެވެ: {لم أعنك، وهذا حسن} ”ތިމަންކަލޭގެފާނު (އެބަސްފުޅުން) މާނަކުރެއްވީ ތިބާއަކަށް ނޫނެވެ. އަދި (އެހެނަސް) މިހާރު މިހިރިގޮތް ހެޔޮއެވެ.“ — ރިވާކުރެއްވީ އިބްނު މާޖާ (އާއި އާބޫ ދާޥޫދެވެ.)

އަދި މުސްތަޙައްބު ވެގެންވަނީ ބޮލުފުނާ އަޅައި އެބެލެހެއްޓުމެވެ. އެއީ އަބޫ ހުރައިރާ އަރިހުން  ރިވާވެފައިވާ ޙަދީޘް ފުޅައްޓަކައެވެ:  { من كان له شعر فليكرمه } ”އިސްތަށިގަނޑެއްވާ މީހާ އެއަށް “އިކުރާމު” ކުރާށެވެ. (ދީލަތިވެ އަޅައިލާށެވެ.)“ ރިވާ ކުރެއްވީ އަބޫ ދާޥޫދެވެ.

އަދި ބޯމެދުން ފެޅުން މުސްތަޙައްބެވެ. އެހެނީ ނަބިއްޔު ﷺ އެކަލޭގެފާނުގެ އިސްތަށިގަނޑު ދެބަޔަށް ފެޅުއްވިއެވެ. (މިއީ އައްތިރުމިޛީ އައްޝަމާއިލް ގެ ރިވާޔަތުގައެވެ. އަދި އެކަން ކުރެއްވީ އަހުލު ކިތާބީންނާއި ތަފާތުވުމުގެ ގޮތުންނެވެ.) އަދި އެއީ ފިތުރަތުގެ ތެރެއިން ވާ ކަމެއްކަމަށް ޛިކުރުކުރެއްވިއެވެ. (މިއީ އަލްބަޤަރާ 124 ގެ ތަފްސީރުގައި އިބުނު ޖަރީރުގެ މަގުންނެވެ.) (މިދެކަންވެސް) މިއީ އިބްނު ޢައްބާސްގެ ޙަދީޘްގައެވެ. އަދި ޛިއްމީންނަށް ޢުމަރުގެފާނު ކަނޑައެޅުއްވި ޝަރުޠުތަކުގެ ތެރޭގައި: އެވެރިންގެ ބޯ ބައިނުކުރުމަށް ވެއެވެ. އެހެނީ އެއީ މުސްލިމުންނާއި އެއްވައްތަރުވުން ކަމުގައިވާތީއެވެ.

(ޢިލްމުވެރިން އިސްތަށިގަނޑު ދެބަޔަށް ފެޅުމުގެ ޙުކުމާއި މެދު ޚިލާފުވިއެވެ. ބައެއް ބޭކަލުން ވާޖިބުކަމަށް ވިދާޅުވިއެވެ. އަދި އަލްބުޚާރީ އާއި އެނޫން ބޭކަލުން މިއީ ސުންނަތެއް ކަމަށް ކަނޑައެޅުއްވިއެވެ.) — الله أعلم.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close