ކުޑަ ކުއްޖެއްގެ ކޮމްޕިއުޓަރު ހެކްކޮށް އެކުއްޖާއަށް ޖިންސީ ފުރައްސާރަ ކުރި މީހަކު ޖަލަށް ލާން ހުކުމްކޮށްފި
ނޮޓިންގހަމް، އިންގްލޭންޑް: އުމުރުން 11 އަހަރުގެ އަންހެން ކުއްޖެއްގެ ކޮމްޕިއުޓަރު ހެކްކޮށް، އެކުއްޖާއަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި އިނިގރޭސި ވިލާތުގެ ނޮޓިންގހަމްއަށް ނިސްބަތްވާ ފިރިހެނަކު ދެ އަހަރު ދުވަހަށް ޖަލަށް ލައިފި އެވެ.
ނެޝަނަލް ކްރައިމް އޭޖެންސީ (އެންސީއޭ) އިން ބުނި ގޮތުގައި އުމުރުން 32 އަހަރުގެ ރޮބާޓް ޑޭވީސް ވަނީ ގިނަ ޑިވައިސްތަކެއް ހެކްކޮށް ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހުތުރު ފޮޓޯތައް ވަގަށް ނަގާފަ އެވެ.
ނޮޓިންހަމް އަށް ނިސްބަތްވާ ޑޭވީސް ވަނީ އެކި މެސެޖިން އެޕްތަކުގައި ފޭކް އޮންލައިން ޕްރޮފައިލްތައް ބޭނުންކޮށް، ގިނަބަޔަކަށް އޮޅުވާލައި، އެމީހުންގެ ފޯނާއި ކޮމްޕިއުޓަރުތަކަށް އެކްސެސް ވުމަށް ނުބައި ސޮފްޓްވެއާތަކެއް ބޭނުންކޮށްގެން ހެކްކޮށްފަ އެވެ.
އަދި ބައެއް ޑިވައިސްތަކުގައި ރައްކާކޮށްފައި ހުރި ޖިންސީ ފޮޓޯތައް ވަގަށް ނަގައި، އޭނާގެ ވެބްކެމް މެދުވެރިކޮށް އެހެން އަންހެން ކުދިންގެ ފޮޓޯއާއި މިކްސްކޮށް އިތުރު ހުތުރު ފޮޓޯތައް އުފައްދާފައިވާކަމަށްވެސް އޭނާގެ މައްޗަށް ތުހުމަތުކުރެ އެވެ.
އެންސީއޭގެ އޮފިސަރުން ވަނީ ޑޭވީސް ގެ މައްޗަށް ތިން ފަހަރެއްގެ މަތިން ތަހުގީގު ކުރިއަށް ދިޔަ ވަގުތު އޭނާ ހައްޔަރުކޮށް، އޭނާގެ ކުށުގެ އިތުރު ހެކި ތައް ފެނިފައިވާތީ އޭނާގެ މައްޗަށް އާ ދައުވާތަކެއް އުފުލާފައެވެ.
އެންސީއޭއިން 30 އަށް ވުރެ ގިނަ ވިކްޓިމްއަށް ގުޅައި، 27 އަށް ވުރެ ގިނަ ހުތުރު ފޮޓޯ އާއި ވީޑިއޯ ޑޭވީސްގެ ކޮމްޕިއުޓަރުން ވަނީ ފެނިފަ އެވެ.



