މަދަނީ އިޖުރާއަތުގެ ގާނޫނު ތަސްދީޤު ކުރައްވައިފި
“މަދަނީ އިޖުރާއަތުގެ ގާނޫނު” ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގު ކުރައްވައިފިއެވެ.
ރައީސް އެ ޤާނޫނު ތަސްދީޤު ކުރެއްވި ނަމަވެސް މަދަނީ ހުރިހާ އިޖުރާއަތުތަކެއް ބަޔާންކޮށްފައިވާ، 429 މާއްދާ ހިމެނޭ 298 ސޮފްހާގެ އެ ގާނޫނަށް އަމަލު ކުރަން ފަށާނީ މީގެ ހަ މަސް ދުވަސް ފަހުން ޖޫން 16، 2021 ގަ އެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފަށާ ދުވަހު، މަދަނީ ޝަރީއަތްތައް ކުރިއަށްގެންދާ ގާނޫނުތަކާއި ގަވާއިދުތައް އުވުނީ އެވެ. އެގޮތުން އުވިގެންދާނެ އެންމެ ބޮޑު އެއް ގަވާއިދަކީ “ޝަރީއަތް ކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދު” އެވެ. އެ ނަން ދީފައި ދެ ގަވާއިދެއް ހަދާފައި އޮވެ އެވެ.
އޭގެ އިތުރުން، ތަރިކައާ ބެހޭ ދައުވާގެ ގާނޫނާއި ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ޝަރީއަތަށް މައްސަލަ ހުށަހެޅުމާ ބެހޭ ގާނޫނާއި ޝަރީއަތަށް މީހުން ހާޒިރުކުރުމާއި މެސެޖު ޒަރީއާއިން ހެކިބަސް ހޯދުމާ ބެހޭ ގާނޫނެވެ. އެއީ 1975 ވަނަ އަހަރާއި 1978 ވަނަ އަހަރާ ދެމެދު އަމަލު ކުރަން ފެށި ގާނޫނުތަކެކެވެ.
އެ ގާނޫނުތަކާއި ޝަރީއަތް ކުރުމާ ބެހޭ ގޮތުން ހެދި ދެ ގަވާއިދުގެ އިތުރުން، މަދަނީ މައްސަލަތައް ކުރިއަށްގެންދާއިރު ކޯޓުތަކުން މިހާރު ގޮތް ކަނޑައަޅަނީ ކަނޑައެޅިފައި ހުރި ޕްރެސީޑެންޓްސްގެ މައްޗަށް ބިނާކޮށެވެ.
މިދިޔަ ނޮވެމްބަރު މަހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި މަދަނީ އިޖުރާއަތުގެ ގާނޫނު ދިވެހިރާއްޖޭގެ ހުރިހާ ކޯޓުތަކަށް ވެސް ހިނގާނެ އެވެ. އެހެންކަމުން އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ރާއްޖޭގެ މަދަނީ މައްސަލަތައް ޝަރުއީ ކޯޓުތަކުން ބަލަމުންދާ ގޮތަށް މުހިންމު އަދި ޒަމާނީ ބަދަލެއް އަންނާނެ އެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެފައި ވަނީ “މަދަނީ އިޖުރާއަތުގެ ބިލު ފާސްވުމުން މައްސަލަތައް އަވަސްވެ، އިޖުރާއަތުގެ ޔަގީންކަން ލިބޭނެ” ކަމަށެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނެއް ވުޖޫދަށް ގެނައުމަށް ދިވެހިރާއްޖޭގެ ގާނޫނީ ދާއިރާގެ ތަޖުރިބާކާރުން ގޮވާލަމުންދާތާ އަހަރުތަކެއްވެއްޖެ އެވެ. އެގޮތުން މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ މަދަނީ އިޖުރާއަތުގެ ގާނޫނެއްގެ ޑްރާފްޓެއް ހަދައި އެޓާނީ ޖެނެރަލްގެ އޮފީހަށް 2011 ވަނަ އަހަރު ފޮނުވައިފަ އެވެ.


