ކޮވިޑް-19: އޮމަކްރޯން ވޭރިއަންޓް އިތުރު ގައުމުތަކަށް ފެތުރެނީ، މުޅި ދުނިޔެ އެލާޓަށް!
ދެކުނު އެފްރިކާއިން ފެނުނު ކޮރޯނާވައިރަސްޑިޒީޒް (ކޮވިޑް-19)ގެ އާ ވޭރިއަންޓް ޔޫރަޕްގެ އިތުރު ގައުމުތަކުން ފެތުރެން ފަށައިފިއެވެ.
އިނގިރޭސިވިލާތުން ހޮނިހިރު ދުވަހު ވަނީ މާސްކު އެޅުމާއި، ބައިނަލްއަގްވާމީ އެރައިވަލްސް ޓެސްޓު ކުރުމުގެ ގަވައިދުތައް ހަރުކަށިކޮށްފައެވެ. ޖަރުމަނުވިލާތާއި އިޓަލީވިލާތުން ހޮނިހިރު ދުވަހު އާ މީހުން ޕޮޒިޓިވްވެފައިވާއިރު، ބެލްޖިއަމް، އިސްރާއީލް އަދި ހޮންގްކޮންގްއިންވެސް ވަނީ މި ވޭރިއަންޓް ފެނިފައިވާކަމަށް ރިޕޯޓުކޮށްފައެވެ.
އެމެރިކާގައި، ސަރުކާރުގެ އިންފެކްޝަސް ޑިޒީޒް އެކްސްޕާޓް، ޑރ އެންތަނީ ފައުސީ ވިދާޅުވީ، އޮމަކްރޯން ވޭރިއަންޓް އެމެރިކާގައި ވެސް ކުރިން އޮތް ނަމަ، އޭނާ ހައިރާން ވެވަޑައި ނުގަންނަވާނެ ކަމަށެވެ.
“އަހަރެމެންނަށް އަދި އެކަން ފާހަގައެއް ނުވޭ، އެކަމަކު ތިބާގެ ގައިގައި ވައިރަސް ހުންނައިރު މި ދަރަޖައިގެ ޓްރާންސްމިސިބިލިޓީ ދައްކުވައިދޭ … ގާތްގަނޑަކަށް އަބަދު ވެސް ހުރިހާ ހިސާބެއްގައި ވެސް އެ ދަނީ،” އެންބީސީ ޓެލެވިޒަންގައި ފައުސީ ވިދާޅުވި އެވެ.
އާ ވޭރިއަންޓަކީ ވެކްސިންތަކުން ދޭ ރައްކާތެރިކަމަށް އިތުރު ރެސިސްޓެންޓް ކަމެއް ލިބުމުގެ ފުރުސަތު އޮތް ވޭރިއަންޓަކަށް ވެދާނެ ކަމުގެ ބިރު އޮތުމުން، ބަލިމަޑުކަމާއި އެވައިރަހާ ގުޅިފައިވާ ލޮކްޑައުންގެ ފިޔަވަޅުތައް އުއްމީދުކުރި ވަރަށް ވުރެ ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމުގެ ކަންބޮޑުވުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ އިތުރުވަމުންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 5 މިލިއަނަށްވުރެ ގިނަ މީހުން މަރުވެ، މި ބަލިމަޑުކަން ފެތުރެން ފެށިތާ ގާތްގަނޑަކަށް ދެ އަހަރު ވީއިރު، ގައުމުތައް އޮތީ ހައި އެލާޓްގައެވެ. އޮމަކްރޯން ވޭރިއަންޓަކީ މިހާރު އެންމެ ބާރުގަދަ ޑެލްޓާ ވޭރިއަންޓަށް ވުރެ ޓްރާންސްމިޓަބަލް ވޭރިއަންޓެއްތޯ ބެލުމަށް މަސައްކަތް ކުރަމުންދާއިރު، ދެކުނު އެފްރިކާގެ ފްލައިޓްތައެއް އެހެން ޤައުމުތަކަށް ދަތުރުކުރުމުގައި މިހާރުވެސް ގިނަ ބަޔަކު ވަނީ ދަތިތަކެއް ކުރިމަތިކޮށްފައެވެ.
އިނގިރޭސިވިލާތުގައި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ، އިންގްލޭންޑުން ފެނުނު އާ ވޭރިއަންޓްގެ ދެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން “ޓާގެޓެޑް އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް” އަޅަން ޖެހޭ ކަމަށެވެ.
“މިވަގުތު މިއީ ސީޑިން އާއި މި އާ ވޭރިއަންޓް ފެތުރުން މަޑުޖައްސާލައި، އަޅުގަނޑުމެންގެ ދިފާއީ ބާރުތައް މެކްސިމައިޒް ކުރުމަށް ޒިންމާދާރު ކަމާއެކު ފިޔަވަޅު އެޅުން،” ނިއުސް ކޮންފަރެންސެއްގައި އޭނާ ވިދާޅުވި އެވެ.
މުޅި ދުނިޔޭގެ ސަމާލުކަން އާވެރިއަންޓަށް ހުއްޓިފައިވާއިރު އިޤްތިޞާދު މަޑުޖެހިދާނެތީ ބައެއް ޤައުމުތަކުން ލޮކްޑައުންއަކަށް ދާން ބޭނުން ނުވާކަމަށް ވަނީ ބުނެފައެވެ.

