ޚަބަރު

13 އަހަރު ކުއްޖާގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ 17 އަހަރުގެ ކުއްޖާ ގޭ ބަންދަށް

މިދިޔަ ޖޫން މަހު ހުޅުމާލެ ފޭސް ދޭއްގައި މަރާލައިފައި ފޮއްޓަކަށް ލުމަށްފަހު އެއްލާލައިފައި އޮތްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ ކޮށްފައިވާ 17 އަހަރުގެ ކުއްޖާ ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ގަސްތުގައި މީހަކު މަރާލުން، ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން ހިމެނެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، 17 އަހަރުގެ ކުއްޖާ ގޭބަންދަށް ބަދަލު ކުރަން ޖެހުނީ ޖުވެނައިލް ކޯޓުން މިދިޔަ ހަފުތާގައި ގޭބަންދަށް ބަދަލު ކުރަން އަމުރު ކުރުމާ ގުޅިގެން ކަމަށެވެ.

އެގޮތަށް ޖުވަނައިލް ކޯޓުން ނިންމީ, ކުޑަކުދިން ބަންދުކޮށްފައި ބައިތިއްބަން އެކަށީގެންވާ ޖަލެއް މި ވަގުތު ރާއްޖޭގައި ނެތްކަމަށް ބުނެ އެޗްއާރްސީއެމް އިން ނެރެފައިވާ ރިޕޯޓަށް ރިއާޔަތްކޮށެވެ.

މި މައްސަލާގައި 17 އަހަރުގެ ކުއްޖާގެ އިތުރުން، ދެން ދައުވާ އުފުލީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން (27)، މައްޗަށެވެ. އޭނާގެ މައްޗަށް 13 ދައުވާއެއް އުފުލައިފައި ވެއެވެ. ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް މިއަދު ވަނީ ވިދާޅުވެފަ އެވެ.

ޒިހާންގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ، ޖިންސީ ނިޔަތެއް އޮވެގެން އަތް ލުމުގެ ކުށުގެ ފަސް ދައުވާ، މަސްތުވާތަކެތި ދީގެން ޖިންސީ އަމަލު ހިންގަން އުޅުނު ކަމުގެ ކުށުގެ ދައުވާ، ގްރޫމްކުރި ކަމުގެ ކުށުގެ ދައުވާ، މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ކުށުގެ ދައުވާ، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާ، ޖިނާއީ ކުށެއްގައި ކުޑަކުއްޖަކު ބޭނުންކުރި ކުށުގެ ދައުވާ އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރު ދައުވާތަކެކެވެ.

ޖިންސީ ގޯނާކުރި ކަމުގެ ކުށުގެ ދައުވާ ޒިހާންގެ މައްޗަށް އުފުލާފައި ވަނީ މި މައްސަލައިގައި އެކަނި ނޫން ކަމަށްވެސް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ. މި މައްސަލައިގައި ތަހުގީގު ކުރަމުން ދަނިކޮށް އޭނާގެ އިތުރު މައްސަލަތަކެއް ފެނިފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޕޯސްޓްމޯޓަމް ރިޕޯޓުން މި މައްސަލައިގައި ޑީއެންއޭ ހެކިވެސް ލިބިފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން 20 ވަނަ ދުވަހުގައެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ މެއި މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ގައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close