2022 ވަނަ އަހަރު ނިމުމުގެ ކުރިން 5 ބިލިއަނަށްވުރެ ގިނަ ކޮވިޑް ވެކްސިން ޑޯޒް އުފައްދަން އިންޑިއާ އޮތީ ތައްޔާރަށް – މޯދީ
ކޮވިޑް-19ގެ މި ބަލިމަޑުކަމާ ދެކޮޅަށް މުޅި ދުނިޔެ ކުރަމުންދާ ހަނގުރާމައިގައި އެހީތެރިވުމަށް އަންނަ އަހަރުގެ ނިޔަލަށް 5 ބިލިއަނަށްވުރެ ގިނަ ކޮވިޑު ވެކްސިން ޑޯޒް އުފެއްދުމަށް އިންޑިއާއިން ތައްޔާރަށް އޮތްކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
ރޯމްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ވިދާޅުވީ، ބައިނަލްއަގުވާމީ ދަތުރުފަތުރަށް މަގުފަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ބޮޑުވަޒީރު ވާހަކަފުޅު ދެއްކެވި ކަމަށާއި، ވެކްސިން ސެޓިފިކޭޝަން އެއް ގައުމުން އަނެއް ގައުމަށް ބަލައިގަތުމުގެ މެކޭނިޒަމެއް އޮތުމަކީ މިކަމަށް އޮތް ވަސީލަތެއް ކަމަށެވެ.
އިންޑިއާގެ އޮރިޖިނަލް ވެކްސިން ކަމަށްވާ ކޮވެކްސިންއަށް އިމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ އަށް ޑަބްލިއުއެޗްއޯއިން ރުހުން ދިނުމުގެ މަސައްކަތް އަދި ނުނިމޭކަން ފާހަގަކޮށް، އިންޑިއާއިން ލަފާދީފައިވަނީ، ހުއްދަ ލިބުނުހާ ލިބުނު ހާ އަވަހަކަށް އެހެން ގައުމުތަކަށް އިންޑިއާއިން އެހީތެރިވެދޭނެ ކަމަށެވެ.
ކޮވެކްސިންގެ އިމަޖެންސީ ޔޫސް ލިސްޓިންއަށް އެންމެ ފަހުގެ ރިސްކް-ބެނެފިޓް އެސެސްމަންޓެއް ހެދުމަށް އދގެ ސިއްހަތާ ބެހޭ އިދާރާގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕެއް މިމަހުގެ 3 ވަނަ ދުވަހު ބައްދަލުކުރާނެއެވެ.
އިންޑިއާގައި ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުންދާ ދެ ވެކްސިނަކީ އިންޑިއާ ބަޔޯޓެކްގެ ކޮވެކްސިން އާއި އެސްޓްރަޒެނެކާ އަދި އޮކްސްފޯޑް ޔުނިވާސިޓީގެ ކޮވިޝީލްޑް އެވެ.


