ޚަބަރު ކޯލިޝަން ވެރިކަން ކުރިއަށްދަނީ އެންމެ ބޭނުންވާ ގޮތަކަށް ނޫން، އެއްބަސްވި ގޮތަށް ބައެއް ވަޒީފާތައް ހަމަނުޖެއްސި – އިލްހާމް

ކޯލިޝަން ވެރިކަން ކުރިއަށްދަނީ އެންމެ ބޭނުންވާ ގޮތަކަށް ނޫން، އެއްބަސްވި ގޮތަށް ބައެއް ވަޒީފާތައް ހަމަނުޖެއްސި – އިލްހާމް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަނުން ކަންކަން ކުރަމުންދަނީ އެންމެ ބޭނުންވާ ގޮތަށް ނޫންކަމަށާއި، އެއްބަސްވި ގޮތަށް ބައެއް ވަޒީފާތައް ހަމަނުޖެއްސިކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އިލްހާމް އަހުމަދި ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން މިއަދުބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯލިޝަނާއިމެދު ޖުމްހޫރީ ޕާޓީން ދެކޭ ގޮތް ހާމަ ކުރައްވަމުން އިލްހާމް ވިދާޅުވީ ރައީސް ޞާލިހު ކޯލިޝަން ސަރުކާރު ދެމެހެއްޓެވޭނެކަން ސާބިތުކޮށްދެއްވާފައިވާކަމަށެވެ. ނަމަވެސް ކޯލިޝަން ވެރިކަން ކުރިއަށްދަނީ އެންމެ ބޭނުންވާ ގޮތެއްގައެއް ނޫންކަމަށެވެ. އޭގެ ތެރޭގައި އެއްބަސްވި ގޮތަށް ބައެއް ވަޒީފާތައް ހަމަ ނުޖެހުމާއި، އެނޫންވެސް ބައެއް ކަންކަން ހުރިކަމަށް އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާޓީން އަމާޒު ކުރަމުންދަނީ ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރުމަށް ކަމަށެވެ. އެކަން ކުރުމަށް ޕާޓީން ވަރަށް ހަރުދަނާ ކަމާއިއެކު މަސައްކަތް ކުރަމުންދާކަމަށާއި، ކުރިއަށް އޮތް ހައެއްކަ މަސްދުވެހުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ އަސްލު ސައިޒު ފެނިގެން ދާނެކަމަށެވެ.

މިސަރުކާރަކީ އެއްބައިވަންތަކަމާއެކު އެކުލަވާލި ކޯލިޝަން ސަރުކާރެއްކަމަށާ، ސަރުކާރުގެ ދައުރު ނިމެންދެން މި ކޯލިޝަން ދެމިއޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ގިނަ ޕާޓީ އެކުލެވޭ ރިޔާސީ ނިޒާމެއް ރާއްޖޭގައި ޤާއިމުވީފަހުން މިހާތަނަށް އުފެދުނު ކޮންމެ ސަރުކާރެއްވެސް ވެރިކަމަށް އައީ ކޯލިޝަންގެ ތެރެއިންނެވެ. އެހެންނަމަވެސް ކޯލިޝަނުގެ ވެރިކަން ދެމެހެއްޓުން މީހެކުރީގެ ސަރުކާރުތަކަށްވީ ވަރަށް ދަތިކަމަކަށެވެ. ވެރިކަމުގެ ދައުރު ހަމަވުމުގެ މާކުރިން ކޯލިޝަން ރޫޅެއެވެ.

2008 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރުމަށް ރައީސް ނަޝިދާއިއެކު އޭރުގެ އިދިކޮޅު ކޯލިޝަނުން އުފެއްދި ވެރިކަން އެންމެ 21 ދުވަހުގެތެރޭގައި ވަނީ ރޫޅިފައެވެ. ރައީސް ނަޝީދުގެ ވެރިކަމަށްފަހު އިންތިޚާބަކުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޔާމީންގެ ކޯލިޝަންވެސް ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރޫޅިފައެވެ.

ކޯލިޝަންގެ ތަޖުރިިބާ މާޒީގައި ހިތިކޮށް ފެނުނު ކަމުގައި ވީނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ގެންދަވަނީ ކޯލިޝަންގެ ވެރިކަން ކާމިޔާބުކަމާއެކު ހިންގެވިދާނެކަން ސާބިތު ކޮށްދެއްވަމުންނެވެ. އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ވެފައިވާއިރު ކޯލިޝަން އޮތީ އޮތްގޮތަށް ބަދަހިކަމާއެކުއެވެ. މިއަދު ގިނަބަޔަކު ދަނީ އިންތިޚާބުދުވަހުގެ ފޮޓޯތަކާއި ވީޑިޔޯތަކާއި ހަނދާންތައް ސޯޝަލް މީޑިޔާގައި ހިއްސާކުރަމުންނެވެ.

ޓެގް

އިލްހާމް އަޙްމަދު ޖުމްހޫރީޕާޓީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.