ދީން

މުސްލިމުންގެ ލެޔާއި މެދު ރައްކާތެރިވާށެވެ. (ފުރަތަމަބައި)

މުސްލިމަކު ޤަތުލު ކުރުމަކީ އެންމެ ބޮޑު ފާފައިގެ ތެރެއިން ވާ ކަމެއް ކަމުގައި މުސްލިމުން ތަކުގެ ތެރޭ އެއްވެސް ޚިލާފެއް ނުވެއެވެ. އަދި މިކަމުގެ މައްޗަށް އެއްވެސް މީހެއް ޝައްކުވެސް ކޮށްފައި ނުވެއެވެ. އަދި ﷲ ވަނީ ޙައްޤަކާއި ނުލައި މުސްލިމެއް ޤަތުލު ކުރާ މީހާގެ މައްޗަށް ނަރަކައިގެ އަލިފާން ވަޢުދު ކުރައްވާފައެވެ.

މުސްލިމުންގެ ލެޔާއި މެދު ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ﷲ جل وعلا އަށް ބިރުވެތިވުން ވާޖިބުވެގެން ވެއެވެ. ވީމާ ޙައްޤަކާއި ނުލައި އެ އޮއްސުމެއް ނުވެއެވެ. އަދި ކުށް ހީއާއި ޝައްކުގެ މައްޗަށްވެސް އެ އޮއްސުމެއް ނުވެއެވެ.

‏އަލްބުޚާރީ ގައި ވެއެވެ: «لا يزال المسلم في فسحة من دينه ما لم يصب دما» ”ޙުރުމަތްތެރިވެގެންވާ ލެއަކަށް އަރައިނުގަންނަހާ ހިނދަކު (އެބަހީ ނުޙައްޤުން މީހަކު މަރައިނުލައިހާ ހިނދަކު ) މުއުމިން މީހާ، އޭނާގެ ދީނުން ވަރަށް ބޮޑު ތަނަވަސް ކަމެއްގެ ދެމިހުރެއެވެ.“ (ރިޔާޟުއް ޞާލިޙީން 220)

ގުޅުންހުރި ލިޔުންތައް

 އަދި އެހެން ޙަދީޘް އެއްގައި: «كل ذنب عسى الله أن يغفره إلا الشرك وقتل النفس» ”ކޮންމެ ފާފައެއްވެސް ﷲ ފުއްސެވުމުގެ އުއްމީދުވެޔޭ އެހެނަސް، ޝިރުކު އާއި ނަފުސެއް ޤަތުލު ކުރުން މެނުވީއެވެ.“ (ސުނަނު އަބީ ދާއޫދު 4270)

މުސްލިމުންގެ ލޭ ގެ ޙުރުމަތާއި މެދު  އެންމެހާ މުސްލިމުން ވަނީ އިޖުމާޢު ވެފައެވެ. އަދި އެންމެހާ ޝަރީޢަތެއް އެކީއެއްކޮށް ވަނީ އިއްތިފާޤުވެފައެވެ. އަދި ޝައްކެއްގެ ސަބަބުން ނޫނީ ހިޔެއްގެ ސަބަބުން ނޫނީ ޙަޤީޤަތެއް ނެތް ނަމެއްދީގެން އެ އޮހޮރުވާލުން (ދުވަހަކުވެސް) ހުއްދަވެގެންނެއް ނުވެއެވެ.

ނަބިއްޔު ﷺ އަރިހުން މުތަވާތިރުކޮށް އައިސްފައިވާ ޙަދީޘް ފުޅެއްގައި ވެއެވެ: ‏«لا يحل دم امرئ مسلم يشهد أن لا إله إلا الله وأني رسول الله إلا بإحدى ثلاث…» ‏”ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަން ވެވޭ އިލާހެއް ނުވާ ކަމުގައި އާއި، ތިމަން ނަބިއްޔާ އަކީ ﷲ ގެ ރަސޫލު ކަމަށް ހެކިވާ މުސްލިމު މީހެއްގެ ލޭ، ތިންކަމަކުން މެނުވީ ޙަލާލު ވެގެން ނުވެއެވެ…“ (ޞަޙީޙުލް ބުޚާރީ 6878)

އެހެންކަމުން މިތިންކަމުން ފިޔަވައި އަރައިގަނެފި މީހާ ދަންނައެ، ފަހެ އެމީހެއް އެމީހެއްގެ ނަފުސަށް އަނިޔާވެރި ވެއްޖެއެވެ. އަދި ﷲ ގެ މައްޗަށް ނުދަނެ ހުރެ ބަސް ބުނެފިއެވެ. އަދި މާސިންގާ ފާފައެއްކޮށް ﷲގެ މައްޗަށް ބުހުތާނު ހަދައިފިއެވެ. ‏”ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަން ވެވޭ އިލާހެއް ނުވާ ކަމުގައި އާއި، ތިމަން ނަބިއްޔާ އަކީ ﷲ ގެ ރަސޫލު ކަމަށް ހެކިވާ މުސްލިމު މީހެއްގެ ލޭ، ތިންކަމަކުން މެނުވީ ޙަލާލު ވެގެން ނުވެއެވެ.“ މިއަކަށް ހަތަރުވަނަ ކަމެއް ނުވެއެވެ. (النفس بالنفس) ”ނަފްސަކަށް ނަފްސެކެވެ.“ ވީމާ ޤަތުލު ކުރާ މީހާ ޤަތުލު ކުރެވެއެވެ. ‏(والثيب الزاني) ” އަދި ޒިނޭ ކުރާ ޘައްޔިބު މީހާއެވެ.“ ޘައްޔިބެއް ޒިނޭ ކޮށްފި މީހާ (އެވަހީ: ޝަރުޢީ އަޤުދަކުން ކައިވެންޏެއް ކޮށްފައިވާ މީހެކެވެ.) ދެން އެކަމަށް އެހެންޏާ އިޢުތިރާފު ވެއްޖެނަމަ ނޫނީ އަނދުންއުރަ ތެރޭ އޭގެ ކަށި ވަނިކޮށް ފެންނަ ހަތަރު ހެކިވެރީން ހެކިވެއްޖެނަމަ، އެފަދަމީހާ ޤަތުލުކުރެވެއެވެ. ‏(والتارك لدينه) ”އަދި އެމީހެއްގެ ދީން ދޫކޮށް“ — މުރުތައްދުވެ — (المفارق للجماعة) ”ޖަމާޢަތާއި ވަކިވާ މީހާ އެވެ.“ އޭނާ ޤަތުލުވެވެއެވެ. އެއީ އިތުރު އެކަލޭގެފާނުން ﷺ މި ޙަދީޘްފުޅުގެ މައްޗަށެވެ: (من بدل دينه فاقتلوه) ”އެމީހެއްގެ ދީން ބަދަލު ކޮށްފި މީހާ އާއިމެދު ދަންނައެ، ފަހެ އެމީހެއް ޤަތުލުކުރާށެވެ.“  — އޭނާ ޤަތުލު ކުރުން ވަނީ ޖެހުނު ކޮންމެ މީހެއްގެ އަތްމަތީގައެއް ނޫނެވެ. އަދިކިއެއް؟ އެކަން ރުޖޫޢަވަނީ ޙާކިމު މީހާއަށެވެ. އެ (ޙާކިމަކީ) މުސްލިމެއް ނަމައެވެ. ނުވަތަ އެކަން ރުޖޫޢަ ވަނީ أهل الحل والعقد އަށެވެ.“

އެއެއްގެ މައްޗަށް އިޖުމާޢުވެވިފައިވާ އުޞޫލިއްޔަ ޤަވައިދުގެ ތެރޭން:

އެކައްޗަކީ: ”އެމީހެއްގެ މައްޗަށް އިސްލާމްކަން ޘާބިތުވެއްޖެ މީހާ، ފަހެ ހީއާކަށް ނޫނީ ޝައްކަކަށް އޭނާގެ އިސްލާމްކަން ނައްޓުވައިލުން، ހުއްދަވެގެންނެއް ނުވެއެވެ.“

އަދި: ”އެމީހެއްގެ ލޭ ޙުރުމަތް ތެރި ކަމަށް ޘާބިތުވެއްޖެ މީހާ، ފަހެ ޝައްކެތްގެ މައްޗަށް އޭނާގެ ލޭ އޮހޮރުވާލުން ޖާއިޒު ވެގެންނެއް ނުވެއެވެ. އެހެނީ އޭނާގެ ލޭގެ ޙުރުމަތް އޮތީ ޔަޤީންކޮށެވެ. ވީމާ ޔަޤީންކާމާއި ނުލައެއް އޭނާގެ ލޭ އޮހޮރުވާލުން ޖާއިޒުވެގެން ނުވެއެވެ.“

(ނުނިމޭ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close