ޚަބަރު

ދިރާގާއި ސެމްސަންގުން ގުޅިގެން ހެލްތު ދާއިރާއަށް ޓެބްލެޓް ހަދިޔާކޮށްފި

ދިރާގާއި ސެމްސަންގެ ގުޅިގެން ހެލްތް ދާއިރާއަށް ޓެބްލެޓް ތަކެއް ހަދިޔާކޮށްފިއެވެ.

ކޮވިޑްގެ މި ޕެންޑަމިކްގެ ތެރޭގައި ހެލްތް ދާއިރާގެ ކަންކަމުގައި މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ދިރާގުން އަދި ސެމްސަންގ އިން ހަދިޔާކުރީ 60 ގެލެކްސީ ޓެބްލެޓް އެވެ.

ޓެބްތައް ހަވާލުކޮށްފައިވަނީ ހެލްތު މިނިސްޓްރީ އާއި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ މުވައްޒަފުންނަށެވެ.

ޓެބްތައް ހެލްތު މިނިސްޓްރީއާ ހަވާލުކުރުމަށް އޮންލައިންކޮށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދުގެ އިތުރުން ސެމްސަންގް ލަންކާގެ މެނޭޖިން ޑިރެކްޓަރު ކެވިން ބައިވެރިވެވަޑައިގަތެވެ.

ދިރާގުން ބުނީ މިއީ ކޮވިޑް-19އާ ގުޅިގެން ކުރިއަށްގެންދާ ވެކްސިނޭޝަން ޕްރޮގްރާމަށް އެހީވުމުގެ ގޮތުން އެ ކުންފުނިން ސަރުކާރަށް ހަދިޔާކުރި ޓެބްލެޓްތަކެއް ކަމަށެވެ. އަދި ސިއްހީ ދާއިރާ ޑިޖިޓަލައިޒްކުރުމުގައި ވެސް ޓެބްލެޓްތައް އެހީއަކަށް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުގެ ސީއީއޯ އިސްމާއިލް ވިދާޅުވީ މި އެހީގެ ސަބަބުން ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީއަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

“ހެލްތު މިނިސްޓަރަށާއި ސިއްހީ ދާއިރާގެ ހުރިހާ އޮތޯރޮޓީތަކާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ އެންމެންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑު އުއްމީދުކުރަނީ މި އެހީގެ ސަބަބުން ޕެންޑެމިކް މެނޭޖުކުރުމަށް ޑިޖިޓަލައިޒް ކުރުމުގައި ސަރުކާރުން ކުރާ މަސައްކަތުގައި އެހީއަކަށް ވާނެ ކަމަށް،” ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ރާއްޖޭން ކޮވިޑް-19 ފެނުނު ފަހުން ދިރާގުން ވަނީ އެކި ގޮތްގޮތުން ސަރުކާރަށާއި އަމިއްލަ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ކުރިއަށް އޮތްތާނގައިވެސް މިފަދަ އެހީތައް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close