އިނގިރޭސި ވަރުގަދަ ދެޓީމަށް ވަރުގަދަ ދެ ކޯޗުން
އިނގިރޭސި ޕްރިމިއާލީގުން ކޯޗުންގެ މަޤާމް ހުސްވެފައިވާ ވަރުގަދަ ދެޓީމު ކަމަށްވާ ޓޮޓެންހަމް ހޮޓްސްޕާސް އަށާއި އަދި އެވަޓަންއަށް ނަންމަޝްޙޫރު ދެ ކޯޗުން ހަމަޖައްސައިފިއެވެ.
މިގޮތުން ދުނިޔޭގެ މަޝްހޫރު ކޯޗް ހޯޝީ މޮރީނިއޯ ކޯޗްކަމުން ވަކިކުރުމަށްފަހު ދާޢިމީ ކޯޗަކު ހޯދުމަށް އެތަކެއް މަސައްކަތްތަކެއް ކުރި ޓޮޓެންހަމް ހޮޓްސްޕާސްއިން ވަނީ އެޓީމުގެ ކޯޗެއްގެ ގޮތުގައި ކުރިން ވުލްސްގެ ކޯޗުކަން ކުރި ނޫނޯ އެސްޕިރިޓޯ ސަންޓޯ ހަމަޖައްސަފައެވެ. ވުލްވްސް އިނގިރޭސި ދެ ވަނަ ޑިވިޝަނުން ޕްރިމިއާ ލީގަށް ޕްރޮމޯޓްކޮށްދީ ނޫނޯ ވަނީ އެ ޓީމު ގޮވައިގެން ޔޫރޮޕާ ލީގުގައި ވެސް ވާދަކޮށްފަ އެވެ. މިދިޔަ ސީޒަނަށް ފަހު ނޫނޯ ވުލްވްސް ދޫކޮށްލަން ނިންމީ އެ ޓީމު ލިގުގެ 13 ވަނައިގައި ނިންމާލަން ޖެހުމުންނެވެ. ނޫނޯ ފާހަގަކުރެވިފައިވަނީ ހަލުވި އެޓޭކިން ފުޓްބޯޅައެއް ކުޅުވާ ކޯޗެއްގެ ގޮތުގައެވެ.
ނިމިދިޔަ ސީޒަނުގައި މޮޅުކުޅުމެއް ދެއްކި އެވަޓަންއަށް ކޯޗުކޮށްދިން އިޓަލީގެ މަޝްހޫރު ކާލޯ އަންޗެލޮޓީ ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑަށް ބަދަލުވުމުން އެވަޓަންއިން ހުސްވެފައިވާ ކޯޗުގެ މަޤާމަށް ހަމަ ޖައްސާފައިވަނީ ސްޕެއިންގެ ކޯޗު ރަފައެލް ބެނިޓޭޒް އެވެ.
ހަތަރު ގައުމެއްގައި ކޯޗިންގެ މަސައްކަތްކޮށްފައިވާ އުމުރުން 61 އަހަރުގެ ބެނިޓޭޒް ކޯޗުކޮށްދިން މަޝްހޫރު ޓީމުތަކަށް ބަލާއިރު،ލިވަޕޫލް، ރެއާލް މެޑްރިޑާއި އިންޓަ މިލާން، ނަޕޯލީ އަދި ވެލެންސިއާ ހިމެނެ އެވެ. އޭނާ އެންމެ ފަހުން ހުރީ ޗައިނާގެ ޑާލިއަން ޕްރޮފެޝަނަލްގަ އެވެ.



