މިޝްކާއަށް ފަރުވާދިނުމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަނީ
ކޮވިޑް-19 ގައި ރާއްޖެއިން ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދުގެ މަރުގެ ހާދިސާގައި އެކުއްޖާއަށް ފަރުވާ ދިނުމުގައި ހެލްތް މިނިސްޓްރީ އާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ހުރިހާ މަރުހަލާއެއްގައި އިހުމާލުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީން އެހެން ބުނެފައި ވަނީ އިއްޔެ ނެރެފައިވާ މިޝްކާގެ މަރުގެ ތަހުގީގު ރިޕޯޓްގަ އެވެ. މި ރިޕޯޓަކ ކުރިން އާންމުކުރި ކޭސް ރިވިއުގެ މައްޗަށް ބިނާކޮށް ހެލްތު މިނިސްޓްރީން ތައްޔާރުކުރި ކޭސް ރިޕޯޓެކެވެ.
އެ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ ކޭސް ރިވިއުގައިވެސް ހިމަނާފައިވާ ވާހަކަތަކެވެ. ރިޕޯޓުގައި ބުނެފައިވަނީ، މިޙާދިސާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު ފާހަގަ ކުރެވޭ ނުކުތާއަކީ އެފަރާތަށް އެޗް.އީ.އޯ.ސީއިން ދޭންޖެހޭ ފަރުވާ ފޯރުކޮށް ދިނުމުގެ ހުރިހާ މަރުހަލާއެއްގައި އެކަށީގެން ނުވާވަރުގެ ލަސްތަކެއްވެފައި ވާކަމެވެ.
ރިވިއުއެކޭ އެއްގޮތަށް ރިޕޯޓުގައިވެސް ބުނެފައިވަނީ، މިޝްކާއަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި އެމަޖެންސީ ހާލަތެއްކަން ކޯލް ސެންޓަރުންނާއި އެޗްއީއޯސީގައި މަސައްކަތްކުރަމުންދާ މެޑިކަލް ރެސްޕޯންސް ޓީމް (ޑީއެމްއާރްޓީ) އަށް ބެލިފައި ނެތުމުން، އެކުއްޖާގެ ފަރުވާއަށް ދިއުމާއި، ފަރުވާ ފޯރުކޮށްދިނުމުގައި އެކަށީގެންވާ ލަސްތަކެއް ވެފައިވާ ކަމަށެވެ.
ޑީ.އެމް.އާރް.ޓީއިން އޮންލައިން ކޮންސަލްޓޭޝަން ހެދުމުގައި ބެއްލެވި ޑޮކްޓަރުންވެސް އެފަރާތުގެ ޙާލަތު އެންމެ ރަނގަޅަށް ދެނެގަނެވިފައި ނުވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
“އެކުއްޖާގެ ބެލެނިވެރިޔާއާއި ޑީ.އެމް.އާރް.ޓީގެ ޑޮކްޓަރާ ދެމެދު ކުރެވުނު މުޢާމަލާތުގެ އަލީގައި، އެކުއްޖާ ބަލާ ދާނެކަމަށް ޤަބޫލް ކުރެވިފައިވާކަން ކުއްޖާގެ ބައްޕަ ކޯލް ސެންޓަރުގެ އެޖެންޓުންނާ ކޮށްފައިވާ ކޯލްތަކުގެ ލޮގްތަކުން ދޭހަވެއެވެ.” ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން ކޯލް ސެންޓަރުން އެފަރާތުގެ އާއިލާއާ ކޮށްފައިވާ މުޢާމަލާތްތަކުން ތަކުރާރުކޮށް ކުއްޖާ ބަލާ ފޮނުވާކަމަށް ދޭހަވާ އިބާރާތުން މުޢާމަލާތް ކޮށްފައިވާ ކަންވެސް ވަނީ ފާހަގަ ކުރެވިފައި ވީނަމަވެސް 23:32 (އީ.އެމް.އެސްއަށް ކޯލްކުރި ގަޑި) އާ ހަމައަށް އެއްވެސް ފަރާތަކުން ކުއްޖާ ބަލާ ދިއުމަށް އެންބިއުލަންސް ޓްރިގަރކޮށްފައެއް ނުވާކަމަަށް ކޭސް ރިޕޯޓުގައި ބުނެފައިވެއެވެ.
ހަމަ މިއާއެކު އެޗް.އީ.އޯ.ސީގެ ކޯލް ސެންޓަރއިން ކޯލްތަކަށް ޖަވާބު ދެއްވި ފަރާތްތަކުން ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި ހާލަތަށް އައި ބަދަލު ދެނެގަނެވިފައި ނެތްކަމާއި އަދި އެ މައުލޫމާތު ފުރިހަމައަށް ލޮގްކޮށް ހުރިހާ ކޯލްތައް ހިއްސާ ކުރަން ހަމަޖެހިފައިވާ ގޮތަށް ހިއްސާކޮށްފައެއް ނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.
ހެލެތް މިނިސްޓްރީން ބުނީ، މި ހާދިސާގައި އެޓެންޑް ވާންޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑްވެފައި ވާނަމަ މިހާދިސާ ހިނގުމަކީ ނާދިރު ކަމެއްކަމަށެވެ.
އެހެންކަމުން މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ރިވިއުއިން ފާހަގަ ކޮށްފައިވާ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ފަށައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.
“މިހާދިސާ ދިމާވުމަށް މެދުވެރިވި އެކިއެކި ކަންކަމަކީ ފެށުނީއްސުރެ ސިސްޓަމުގައި ހުރި މައްސަލަތައްކަން ވަނީ ފާހަގަ ކުރެވިފައެވެ. މީގެ ކުރިން ކޮވިޑް ކޭސްތަކުގެ އަދަދު ހިފެހެއްޓިފައިހުރި މިންވަރުގެ ސަބަބުން މި މައްސަލަތައް ފެންމަތިވެފައެއް ނުވެއެވެ. ސިސްޓަމްގައި އެކުލެވިގެންވާ އެކިއެކި ބައިތަކާއި މަރުހަލާތަކުގައި ހުރި މައްސަލަތައް ވަކިން ހާއްސަ ގޮތެއްގައި އާދަޔާ ޚިލާފަށް ކޭސްތައް އިތުރުވެގެން އަންނައިރު ދިމާވާ ނިޒާމީ މައްސަލަތައް މިހާރުވަނީ ދެނެގަނެވި އެކަންކަން ރަނގަޅު ކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައެވެ.” ކޭސް ރިޕޯޓުގައި ބުނެފައިވެއެވެ.
ހެލެތް މިނިސްޓްރީން ބުނީ، ހެދިފައިވާ ރިވިއުއިން ލިބިފައިވާ މައުލޫމާތަށް ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު މިނިސްޓްރީ އޮފް ހެލްތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

