މެޗު ފެށުމުގެ ކުރިން އިނގިރޭސިން ބައިބައިވެއްޖެ
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިނގިރޭސީންގެ ފުރަތަމަ މެޗު މިއަދު ކުޅުމަށް ހަމަޖެހިފައިވާއިރު ނަސްލީ އިމްތިޔާޒާ ދެކޮޅަށް ޝުއޫރު ފާޅުކުރުމުގެ ގޮތުން، މެޗުގެ ކުރިން ކަކޫ މައްޗަށް ތިރިވެ އަދާކުރާ އިހްތިރާމާ މެދު އިންގްލެންޑްގެ ސަޕޯޓަރުންގެ މެދުގައި ހިޔާލު ތަފާތުވެ ބައިބައިވުން އުފެދިއްޖެ އެވެ.
ނަސްލީ ތަފާތުކުރުންތަކާއި ދެކެޅަށް ޝުއޫރު ފާޅުކުރަން އިންގްލެންޑްގެ ކުޅުންތެރިން ނިންމުމުން އެ ގައުމުގެ ގިނަ ބަޔަކު ދަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.
ޔޫއެފާގެ މަޖުބޫރުކުރުމެއް ނެތި މިހާރު ކުރިއަށްދާ، ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މެޗު ފެށުމުގެ ކުރިން ނަސްލީ އިމްތިޔާޒާ ދެކޮޅަށް ޝޫއޫރު ފާޅުކުރުމުގެ ގޮތުން އެއް ކަކޫމައްޗަށް ތިރިވެ، ދެ ޓީމުގެ ކުޅުންތެރިންނާއި މެޗު އޮފިޝަލުން ގެންދަނީ އިހްތިރާމް އަދާކުރަމުންނެވެ. މިކަމުގައި ޢަމަލީގޮތުން ބައިވެރިވުމަށް އިނގިރޭސި ޓީމުން ވަނީ އިޢުލާނކޮށްފައެވެ.
މިނިންމުމާއި ގުޅިގެން އިނގިރޭސިވިލާތުގެ ކޯޗް ގެރެތު ސައުތުގޭޓް ބުނެފައިވަނީ އޭނާގެ ކުޅުންތެރިން އެ ދައްކާ މިސާލާ މެދު އޭނާ ފަހުރުވެރިވާ ކަމަށެވެ. ނަމަވެސް އަމިއްލަ ސަޕޯޓަރުންގެ މަލާމާތާއި ފުރައްސާރައިން އިނގޭރިސިވިލާތުގެ ޓީމަށް ސަލާމަތް ވެވޭނެ ކަމުގެ ޔަގީންކަމެއް ނެތްކަމަށެވެ.
ވެމްބުލީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗަށް ކޮންމެވެސް ވަރަކަށް ސަޕޯރޓަރުން ވެއްދުމަށް ހަމަޖެހިފައިވާއިރު އިނގިރޭސިވިލާތު ޓީމުގެ މިނިންމުމާއިމެދު އެޓީމުގެ ސަޕޯރޓަރުންގެ ފަރާތުން މަލާމާތާއި ފުރައްސާރަ ކުރިމަތި ވެގެންދާނެކަމަށް ބެލެވެއެވެ. މިކަން މިގޮތަށްވެގެން ގޮސްފިކަމަށްވާނަމަ މިކަން ވެގެންދާނީ ފުޓްބޯޅަ ކުޅުންތެރިން ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އެޅިގެންދާނެ ވަރަށް ބޮޑު ހުރަހެއްކަމުގައި ތަޖުރިބާކާރުން ފާހަގަ ކުރައްވައެވެ.
އިނގިރޭސި ވިލާތާއި ކޮރޮއޭޝިޔާ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގަޑިން މިއަދު ހަވީރު 6.00 ގައެވެ.



