ޚަބަރު

ހައްޖު ކޯޓާ އަދިވެސް ނުލިބޭ، ލިބިއްޖެނަމަ ދޫކުރާނީ ޙައްޖު ކޯޕަރޭޝަނަށްއެކަނި – މިނިސްޓަރ ޒާހިރު

ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް މިއަހަރުވެސް އަދި ކޯޓާ ނުލިބޭކަމަށާއި،  ލިބިއްޖެނަމަ އެކޯޓާ ދޫކުރާނީ ހަމައެކަނި ޙައްޖު ކޯޕަރޭޝަނަށް ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ބައެއް އޮންލައިން ނޫސްތަކަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒާހިރު ވިދާޅުވީ އެހެން އަހަރުތަކާ އެއްފަދައިން މިއަހަރުވެސް ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށާއި ޙައްޖު ކޯޓާ ރާއްޖެއަށް ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.

އެގޮތުން ސަޢުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީއަށާއި ސަރުކާރުގެ ކަމާއި ގުޅޭ ފަރާތްތަކަށް ޙައްޖު ކޯޓާ ހޯދުމަށް އެދި ދަންނަވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ކޯޓާ ލިބޭނެކަމަށް އުއްމީދުކުރެއްވި ނަމަވެސް އެހެން އަހަރުތަކާ ޚިލާފަށް ކޯޓާގެ އަދަދު މަދުވާނެކަމަށެވެ.

އަދި ފަހުވަގުތުގައި ކޯޓާ ލިބުނު ނަމަވެސް ރާއްޖެއިން މީހުން ޙައްޖަށް ފޮނުވާނެ ކަމަށާއި ނަމަވެސް އެކޯޓާގައި ޙައްޖަށް ފޮނުވާނީ ޙައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުންކަމަށެވެ. މިގޮތަށް ނިންމަވާފައިވަނީ ވަގުތު ކުޑަތަންވުމުގެ ސަބަބުން ޖަމާއަތްތަކަށް އެ ފުރުޞަތު ދީގެން ދަތިތަކާ ކުރިމަތިލާން ޖެހިދާނެތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“އެހެން އަހަރުތަކުގައި ރާއްޖެއަށް ލިބޭ ކޯޓާގެ ދެބައިކުޅަ އެއްބައި މިދެނީ އަމިއްލަ ޖަމާއަތްތަކަށް. އެހެންނަމަވެސް މިއަހަރުގެ މި ދަނޑިވަޅަށް ބަލައި ވަގުތުވެސް ކުޑަތަންވެފައި ވުމުގެ ސަބަބުން ޖަމާއަތްތަކުގެ ބެލުމުގެ ދަށުން ޙައްޖަށް ދާން އުނދަގޫވާނެ. ކުރީ އަހަރުތަކުގައި ލިބޭ ވަރަށްވުރެވެސް މަދުން މިފަހަރު ކޯޓާ ލިބުނަސް ލިބޭނީ.” އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވިއެވެ.

މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ކޯޓާ ލިބިއްޖެނަމަ އިސްކަންދޭނީ ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close